އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 33،000 ރުފިޔާ ދައްކަން ސަރުކާރުން އަންގާފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ ސަރުކާރުން އަންގާފައި ވަނީ ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް ކަމަށެވެ. ފަސް އަހަރު ހަމަވާ އިރު، ކުލި ދައްކައި ޚަލާސްކުރުމުން އެ ނިމުނީ ކަމަށާއި ކޮންމެ މަހަކު 33،000 ރުފިޔާ ދައްކަން ސަރުކާރުން ލާޒިމް ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން ހުށަހަޅާފައި އެބަހުރި އެއް ހަރުވަންދެން އެއްވެސް ފައިސާއެއް ނުދައްކާ ގޮތަށް. ސަރުކާރުން އެކަމަށް ތާއީދު. ފަސް އަހަރު ހަމަވާ އިރު އެފަރާތުން ދެ މިލިއަން ރުފިޔާ ދައްކައި ޚަލާސްކުރީމާ އެ ނިމުނީ،" މުއިއްޒު ވިދާޅުވި އެވެ.
ފަސް އަހަރުގެ ތެރޭގައި އެމީހަކަށް ފަސޭހަގޮތަކަށް މުޅި ޕޭމަންޓު ދައްކައި ޚަލާސްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ގާކޮށިން ފްލެޓަށް ޝަރުތު ހަމަވި ބައެއް މީހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ އެ މީހުންނަށް ފްލެޓް ލިބުނުކަން އަންގައި ލިޔުންދީފަ އެވެ. އަދި އޭގެ ފަހުން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ އަގު އަދާކުރަން ޖެހޭނެ ގޮތް، ފްލެޓްތައް ލިބުނު ފަރާތްތަކަށް އަންގައިފަ އެވެ. އެ އެންގުމުގައި ބުނެފައި ވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު ދައްކަން ޖެހޭނީ 9725 ރުފިޔާ ކަމަށެވެ. އަދި ފްލެޓްގެ އަގު 20 އަހަރަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.
ނަމަވެސް މިދިޔަ މަހު ހައުސިން މިނިސްޓްރީ އިން ފްލެޓް ލިބުނު ފަރާތްތަކަށް ފޮނުވި ސިޓީއެއްގައި ބުނަނީ ފްލެޓްގެ އަގަށްވާ ދެ މިލިއަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފްލެޓް ލިބުނު މީހުން އަލުން ކަނޑައަޅާނީ އެ ފައިސާ އެ ގޮތަށް ދެއްކޭ މީހުންނަށް އިސްކަންދީގެން ކަމަށެވެ.
ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ދައްކަން ޖެހޭ ގޮތަށް ބަދަލު ކުރުމުން ޖެހެނީ މަހަކު 33،333.33 ރުފިޔާ އެވެ.