ރޯދަ ހަދިޔާގެ ގޮތުގައި، މާޅޮހު ރައްޔިތުންގެ ކަރަންޓު ބިލުގެ 50 ޕަސެންޓު ކައުންސިލުން ދައްކައިދެނީ

އއ. މާޅޮސް -- ފޮޓޯ: ރަންފަރު

ކުރިއަށް އޮތް ރަމަޟާން މަހު، އއ.މާޅޮހު ރައްޔިތުންނަށް ޚާއްސަ ރޯދަ ހަދިޔާއެއްގެ ގޮތުން ރޯދަ މަހު އެރަށުގެ ހުރިހާ ގޭބިސީތަކުގެ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި ކައުންސިލުން ދައްކައިދިނުމަށް ނިންމައިފި އެވެ.

އެރަށު ކައުންސިލުގެ ރައީސް އިސްމާއިލް ނަސީރު 'ސަން' އަށް ވިދާޅުވީ، މިއަދު ބޭއްވި ކައުންސިލުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީ، ކަރަންޓު ބިލުގެ 50 ޕަސެންޓު ކައުންސިލުން ދައްކައިދޭ ގޮތަށް ކަމަށެވެ.

ނަސީރު ވިދާޅުވީ، އެ ނިންމުމަކީ، ރޯދަ މަހަކީ އެހެން މަސްތަކާ ހިލާފަށް ކަރަންޓު ބިލު ދެ ގުނައަށް ބޮޑުވާ މަހެއް ކަމަށާއި، އަދި ކެއިންބުއިމާ ދިރިއުޅުމުގެ އެހެން ހަރަދުތައްވެސް ރޯދަ މަހު ބޮޑުވާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން ނިންމީ ރައްޔިތުންނަށް ވެވޭ އެހީތެރިކަމަކަށޭ ވާނީ ކަރަންޓު ބިލުގެ 50 ޕަސެންޓު ކައުންސިލުން ދައްކައިދޭ ކަމުގައި ވާނަމަ،" ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، ކައުންސިލުން ދައްކައިދޭނީ ގޭބިސީތަކުގެ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި ކަމަށާއި ވިޔަފާރިތަކާއި ކުންފުނިތަކުގެ ކަރަންޓު ބިލު ދައްކައިދިނުމުގައި އެގޮތަށް އަމަލު ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ.

ކަރަންޓު ބިލުގެ 50 ޕަސެންޓު ކައުންސިލުން ދައްކައިދޭން ނިންމާފައި ވާއިރު، އެ ހަރަދު ހަމަޖައްސާނީ ކައުންސިލުގެ ބަޖެޓުންނެވެ. ނަމަވެސް އަދި ސްޓެލްކޯ އަށް ބިލް ދެއްކުމުގައި އަމަލު ކުރާނެ ވަކި އުސޫލެއް ކަނޑައަޅާފަ އެއް ނުވެ އެވެ.

ކައުންސިލުން ރައްޔިތުންނަށް ކަރަންޓު ބިލުގެ 50 ޕަސެންޓަށްވާ ފައިސާ ދޭނީތޯ ނުވަތަ ކައުންސިލުން އެ އަދަދު ސްޓެލްކޯ އަށް ދައްކާނީތޯ މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ސްޓެލްކޯ އާއެކު ކުރިއަށްދާ މަޝްވަރާތައް ނިމުމުން، ބިލަށް ފައިސާ ދައްކާނެ އުސޫލު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

comment ކޮމެންޓް