ދުނިޔޭގެ ޗެމްޕިއަން ޔޫރީ އާއެކު "ރާޅު ގުޑި" ހަރަކާތް އަންނަ މަހު ފަހެއްގައި މާފުށީގައި!

މާފުށީ ޑައިވާސް އެންޑް ވޯޓަރސްޕޯޓްސް އިން އިންތިޒާމުކޮށްގެން ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަދި އެއް އަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި، ޔޫރީ ޒޫން އާއެކު އަންނަ މަހުގެ ފަސް ވަނަ ދުވަހު "ރާޅު ގުޑި"ގެ ނަމުގައި ކައިޓްސާފިން ހަރަކާތެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ޗެމްޕިއަން ޔޫރީ ޒޫންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ކައިޓްސާފިން ކްލިނިކް "ރާޅު ގުޑި" ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީ ގައެވެ.

ނެދަލެންޑްސްއަށް އުފަން ޔޫރީ ޒޫންއަކީ ކުޑައިރުއްސުރެ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއަށް ވަދެފައިވާ އެތުލީޓެކެވެ. ކައިޓްސާފިންއަށް ޔޫރީ އިސްކަންދޭން ފެށީ އޭނާގެ އުމުރުން 13 އަހަރުން ފެށިގެންނެވެ. ކައިޓްސާފިންގެ ފާހަގަކޮށްލެވޭ އެތުލީޓެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ޔޫރީއަށް ކުރިމަތިވި ބޮޑު އަނިޔާއަކާ ގުޅިގެން 2007 އަދި 2008 ވަނަ އަހަރު އޭނާ ފެނިފައެއް ނުވެ އެވެ. އެއަށްފަހު 2009 ވަނަ އަހަރު އެނބުރި ކައިޓްސާފިންގެ ހަރަކާތްތަކުގައި ވާދަކޮށް، 2011 އަދި 2012ގެ ދުނިޔޭގެ ޗެމްޕިއަންކަން އޭނާ ހޯދި އެވެ.

ރާއްޖޭގެ ކައިޓްސާފިން ތަރައްގީކޮށް، ޕްރޮމޯޓު ކުރުމަށްޓަކައި ބާއްވާ ހަރަކާތުގައި ރާއްޖޭގެ ހުރިހާ ކައިޓްސާފަރުންނަށް ބައިވެރިވުމުގެ ފުރުސަތު މާފުށި ޑައިވް އެންޑް ވޯޓަރސްޕޯޓްސްއިން ވަނީ ހުޅުވާލައިފަ އެވެ.

ރާޅު ގުޑި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، އެ ހަރަކާތުގައި ރަޖިސްޓްރީވުމަށް މާފުށި ޑައިވް އެންޑް ވޯޓަރސްޕޯޓްސްގެ ނަންބަރު 9911116 އަށް ގުޅުމުން ރަޖިސްޓަރީ ކުރުމުގެ ކަންތައްތައް ހަމަޖެހޭނެ ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެ އެވެ.

އެ ހަރަކާތުގެ ޕާޓްނަރުންނަކީ ސްލޯޓޭޕް، ސީ ގިއަރ، މޯލްޑިވްސް-ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސް އިޔަރ 2016، ކާނި ހޮޓެލްސް، އައިކޮމް ކޮމްޕެނީ، ރެހެންދި ރެސްޓޯރަންޓް އަދި ސަންޓަން ބީޗް އެވެ.

ކުރިއަށްއޮތް އަހަރުތަކުގައި ކައިޓްސާފިން ކްލިނިކްތައް ރާއްޖޭން ބޭރުގެ އެތުލީޓުންނާއެކު ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް މާފުށި ޑައިވް އެންޑް ވޯޓަރސްޕޯޓްސްއިން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް