ތޮއްޑޫ އިން ބުނަނީ މިފަހަރު ކަރާގެ އަގު ބޮޑުވާނެ ކަމަށް

މާރުކޭޓުގައި މީހަކު ކަރާ ވިއްކަނީ -- ސަން ފައިލް ފޮޓޯ

ރޯދަ ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައިވާ އިރު ރޯދަ މަހަށް އެންމެ ހާއްސަ މޭވާ ކަމަށްވާ ކަރާ މިފަހަރު މާލޭ ބާޒާރުގައި އަގު ބޮޑުވާނެ ކަމަށް ކަރާގެ މަރުކަޒީ ރަށް ކަމަށްވާ އއ. ތޮއްޑޫ ކައުންސިލް އިން ބުނެފި އެވެ.

މިދިޔަ ރޯދަ މަސް ފެށުމާ އެކު 16 ރުފިޔާ އަށް ކަރާ ކިލޯއެއް ވިއްކި އިރު ތޮއްޑޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރު އެއްފަހަރާ އެހާގިނަ ކަރާ ދޮން ނުވާތީ އެއްފަހަރާ ގިނަ ކަރާ އެ ރަށުން މާލޭ ބާޒާރަށް ގެނެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން ކަރާ ކިލޯއެއްގެ އަގު 15 ރުފިޔާ އާއި 25 ރުފިޔާ އާއި ދޭތެރޭ އަގަކަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަގުތައް އެކަށީގެންވޭ ތަންކޮޅެއް ބޮޑުވުން، އެއީ ހުރިހާ ދަނޑެއްގައި ފުރަތަމަވެސް އެހާވަރަށް [ކަރާ] ދޮންނުވުން، އެހެންވީމާ ކުރީ ފަހަރުތަކާއި އެއްގޮތަށް މިފަހަރު އެއްފަހަރާ އެހާ ބައިވަރު [ކަރާ] ގެންދާނެކަމަށް ލަފާ ނުކުރެވޭ." ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްފަހަރާ ގިނަ ކަރާތަކެއް މާލޭ ބާޒާރަށް ނުގެންދެވުނު ނަމަވެސް އެހެން އަހަރުތަކަށް ވުރެ ގިނައިން މިފަހަރު މުޅި ރޯދަ މަހު ކަރާ ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކަރާ ހެއްދުމަށް އެ ރަށުން މިފަހަރު 170 އަށް ވުރެ ގިނަ ދަނޑު ދޫކޮށްފައިވާ އިރު ކަރާ ދަނޑުތަކުގައި ފަންޏެއް އެޅި ކަމަށާއި ނަމަވެސް ކަރާ ދަނޑުތަކަށް މާބޮޑަށް ގެއްލުން ނުވަނީސް ބޭސް ޖަހައި އެކަން ހައްލުކޮށްފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

"ފަނި ފުދޭވަރަކަށް އުޅުނު އެކަމަކު ބޭސް ޖަހާ ކޮންޓުރޯލް ކުރެވިފައި މިވަނީ." ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަސް ފެށިގެން ނިމެންދެން އެރަށުން މާލެއަށް ކަރާ ފޯރުކޮށްދޭނެ ކަމަށެވެ. ތޮއްޑޫ އިން މިދިޔަ ރޯދަމަހުގެ ފުރަތަމަ ތިން ދުވަހު ވަނީ ގާތްގަނޑަކަށް 120 ޓަނުގެ ކަރާ މާލެއަށް ގެނެސްފަ އެވެ.

comment ކޮމެންޓް