ދިވެހިންގެ އާދަކާދައާ އެއްގޮތަށް ބާއްވަމުން އަންނަ މާހެފުން ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ފަނޑިޔާރުން އެއްވެގެން "ފަނޑިޔާރުގޭގެ މާހެފުން" ނަމުގައި ކުޑަކުދިންގެ ހަވީރަކާއެކު މިއަދު ބާއްވައިފި އެވެ.
ސުޕުރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ ފަނޑިޔާރުން އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވި މާހެފުމުގެ ހަރަކާތް ފެށުމަށް ހައިކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިސްލާމިކް މިނިސްޓާރު ޑރ އަހުމަދު ޒިޔާދު ބާގިރު އެވެ. އެހަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ މާހެފުން ހަރަކާތަކީ އިސްލާމިކް މިނިސްޓްރީ އާއި ޝަރުއީ ދާއިރާ އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރަމަޟާން މަހަކީ އިސްލާހުވުމަށް ކޮންމެ އިންސާނަކަށް ހުޅުވިގެންދާ ދޮރެއްކަން ފާހަގަ ކުރައްވައި ހުރިހާ ފަރާތްތަކުން ވެސް ދީނީ ކަންކަމަށް ބޮޑަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތް ކުރުމަށް މިނިސްޓަރު ޒިޔާދު ވަނީ ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައްވާފަ އެވެ.
"މިފަދަ މަހަކަށް މިފަދަ އަޅުކަމަށް އަޅުގަނޑުމެން ކުރިމަތިލާއިރު އަޅުގަނޑުމެންވެސް އެބަޖެހޭ ތައްޔާރުވާން. އެ ތައްޔާރުވާންޖެހޭ ތައްޔާރުވުމަކީ ހުރިހާ އަޅުކަމަކަށް ވެސް ވާން ޖެހޭ ތައްޔާރުވުމެއް. އެހެންނަމަވެސް އެހެން އަޅުކަންތަކަށްވުރެ ވެސް ބޮޑަށް ރަމަޝާން މަހަށް ތައްޔާރުވާންޖެހޭ،" މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވި އެވެ.
ކުޑަކުދިންގެ ހަވީރަކާއެކު ކުރިއަށްގެންދިޔަ މާހެފުމުގައި ކޯޓުތަކުގެ ހުރިހާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުންވަނީ ބައިވެރިވެފަ އެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި ދަޅުވެއްޓުން، ކުލަޖެއްސުން، ފޭސްޕެއިންޓިން އަދި ހީނާފަތް އެޅުން ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ.
އެ ހަރަކާތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބައިވެރިވެ ވަޑައިނުގަންނަވަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު ވިދާޅުވީ އުއްތަމަ ފަނޑިޔާރު މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ކަމަށެވެ.