ޗެމްޕިއަންސް ލީގު ފައިނަލަށް ރޮނާލްޑޯ 100 ޕަސެންޓް ފިޓް

ކްރިސްޓިއާނޯ ރޮނާލްޑޯ: ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް 100 ޕަސެންޓް ފިޓް -- ފޮޓޯ: ސްކައިނިއުސް

ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލްގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ 100 ޕަސެންޓް ފިޓްކަމަށް ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު، ރެއާލްގެ ތަމްރީނުތަކުގައި އުޅެނިކޮށް ރޮނާލްޑޯއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ނަމަވެސް ޒިދާން ބުނީ މިހާރު އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

"މިވަގުތު އޭނާ ހުރީ 100 ޕަސެންޓް ފިޓްކޮށް. ކުރިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް [ސެމީ ފައިނަލް ގައި] ކުޅުނު މެޗުގައި ރޮނާލްޑޯއަށް ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވި، އެކަމަކު މިހާރު އަހަންނަށް ހީވަނީ އޭނާ ހަމަ ބަރާބަރު،" ރެއާލް ގެ ކޯޗް ބުންޏެވެ.

ރެއާލްގެ ފަރިތަކުރުން ތަކުގެ ތެރޭގައި ރޮނާލްޑޯއަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލައަކާ ކުރިމަތިވެފައި، އެހެން ނަމަވެސް މިހާރު 100 ޕަސެންޓް ފިޓްކަމަށް އެޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނި -- ފޮޓޯ: ސްކައި ނިއުސް

ރޮނާލްޑޯ ފިޓް ނަމަވެސް، މިރޭގެ މެޗަށް ނުކުންނައިރު ރެއާލްގެ ޑިފެންސް ލައިނަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެޓީމުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާނޭގެ ފަލަމަސްގަނޑަށް އަނިޔާވެ ފްރާންސްގެ ޔޫރޯ 2016 ސްކޮޑުންވެސް ފުރުސަތު ގެއްލިފައިވާއިރު، ރެއާލްގެ ސްޕެނިޝް ޑިފެންޑަރު އަލްވާރޯ އާބެލޯ ދަނީ ކަކުލަށް ލިބުނު އަނިޔާއަކަށް ފަރުވާހޯދަމުންނެވެ.

އިޓަލީގެ މިލާންގައި ސެން ސިރޯގައި މިރޭ، ސިޓީ ރައިވަލް އެތުލެޓިކޯ މެޑްރިޑާ ރެއާލް ކުރިމަތިލާއިރު، ޓްރޮފީއެއް ނުލިބި ހުސްއަތާ ސީޒަން ނިންމައިލަން ޖެހިދާނެކަމުގެ ބިރުވެސް ރެއާލަށް އެބަ އޮތެވެ.

ޑެނިސް ޗެރީޝެވް (ވ): ކޮޕަ ޑެލްރޭގައި ރެއާލްއިން އޭނާ ގަވައިދާ ހިލާފަށް ކުޅެން އެރުވުމުން ރެއާލް ވަނީ އެ މުބާރާތުން ޑިސްކޮލިފައިކޮށްފައި-- ފޮޓޯ: ސްކައިނިއުސް

ސްޕެނިޝް ލީގުގައި ބާސެލޯނާގެ ފަހަތުން ދެވަނައިގައި އޮވެ ރެއާލް ލީގު ނިންމާލި އިރު، މިފަހަރުގެ ކިންގްސް ކަޕް ނުވަތަ "ކޮޕާ ޑެލް ރޭ"ގައި ޝަރުތު ހަމަނުވާ ކުޅުންތެރިއަކު ކުޅެން އެރުވުމުގެ ސަބަބުން ރެއާލްވަނީ އެ މުބާރާތުން ބޭރުކޮށްލައިފައެވެ.

މިދިޔަ ޖެނުއަރީމަހު، ރަފައެލް ބެނިޓޭޒް ކޯޗުކަމުން ބޭރުކޮށްލުމުން ރެއާލްއާ ހަވާލުވި ޒިދާން ބުނީ، ފައިނަލުން ބަލިވިޔަސް އެއީ ފެއިލިއާއެއް ކަމަށް ގަބޫލު ނުކުރާނޭ ކަމަށާއި ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް އައުން އެއީ އެކަމުގެ ހެއްކެއް ކަމަށެވެ.

ރެއާލްގެ ކޯޗު ޒިދާން: ފައިނަލުން ބަލިވިއަސް އެއީ ފެއިލިއާއެއް ކަމަށް ނުދެކޭނޭ ކަމަށް ޒިދާން ބުނި --- ފޯޓޯ: އޭޕީ

"މެޗުން ބަލިވި ނަމަވެސް އެއީ ފެއިލިއާއެއް ކަމަށް އަހަރެން ނުދެކެން. އެއްވެސް ބަޔަކަށް އަހަރެމެން މިހާތަނަށް ހޯދާފައިވާ އެއްޗެއް ނުގެންދެވޭނެ،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ، ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް އާދެވުންވެސް އެއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިހާރު ބުނަން އޮތްހާ ވެސް އެއްޗަކީ "އަހަރެމެން މިތިބީ މެޗަށް ރެޑީވެގެން" ކަމަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލް މެޑްރިޑާ އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 23:45ގައެވެ.

comment ކޮމެންޓް