އިމްރާނާއި ތޮލްހަތު އަދި ނާޒިމް ޖަލަށް ބަދަލުކުރަން އަދި ދުވަސް ނަގާނެ: ކަރެކްޝަން

ކާނަލް ނާޒިމް(ކ) އާއި ޝެއިހް އިމްރާން(މ) ގެ އިތުރުން ތޮލްހަތު(ވ)-- ސަން ފައިލް ފޮޓޯ

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ޖަލަށް ބަދަލުކުރަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ކަރެކްޝަން ސާވިސްއިން ބުނެފި އެވެ.

އެތިން ބޭފުޅުން ވެސް ގޭބަންދަށް ބަދަލުކޮށްފައި ވަނީ އެބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ހިންމަފުށީ އައްސޭރިޖަލުގެ މަރާމާތުތަކެއް ކުރުމަށެވެ. އެގޮތުން އިމްރާނާއި ތޮލްހަތު އެއް މަހަށް ގޭ ބަންދަށް ބަދަލުކޮށްފައިވާތާ މިހާރު މިވަނީ ދެ މަހާއި ތިން ހަފްތާވެފަ އެވެ. ކާނަލް ނާޒިމް ގޭ ބަންދަށް ބަދަލުކުރި މުއްދަތު މިމަހު 21 އަށް ވަނީ ހަމަވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަރެންޝަންގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން މިއަދު ވިދާޅުވީ އެ ތިން ބޭފުޅުން ޖަލަށް ބަދަލުނުކުރެވި ވަނީ އައްސޭރި ޖަލުގެ މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން ކަމަށާއި އެބޭފުޅުން އަނބުރާ ޖަލަށް ބަދަލުކުރެވޭނީ އެމަސައްކަތް ނިމުމުން ކަމަށެވެ.

"ޖަލުގެ މަސައްކަތްތައް ނުނިމޭ އަދި،.... ނިމޭނެ ދުވަހެއް ދަންނަވަން އަދި ދަތި، އަދި ދުވަސްކޮޅެއް ނަގާނެ." ލުގްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތްތައް ލަސްވުމަށް ދިމާއީ މޫސުންތަން ނުދިނުމުގެ ސަބަބުން ކަމަށެވެ.

ތޮލްހަތުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނީ އިމްރާން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަތީއަތަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައަކާއި ދެ ވަޒަން ފެނުނު ކަމަށް ފުލުހުން ހެކިބަސް ދީފައިވާތީ އާއި އަދި އެ ފިސްތޯލަ އާއި ވަޒަންތަކަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ނާޒިމަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

comment ކޮމެންޓް