ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވިގެން ރެޑްނޯޓިސް ނެރެފައިވާ މީހުން ތިބީ އިނގިރޭސިވިލާތުގައި ކަމަށާއި އެމީހުން ހޯދަން އިނގިރޭސި ސަރުކާރުގެ އެހިތެރިކަން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، އިނގިރޭސި ސަރުކާރުން އެއްބާރުލުން ނުދޭތީ އެމީހުން ހޯދަން ކުރާ މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
"ރެޑް ނޯޓިސް ނެރުނީމަ އެ ތަންފީޒު ކުރަން ޖެހޭނީ އެ ހޯދާ ބަޔަކު ތިބި ގައުމެއްގެ ކަމާ ގުޅޭ އިދާރާތަކުން. އެއީކީ އެހެން ގައުމަކަށް ކުރެވޭނެ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.
އެ މައްސަލައިގައި ރާއްޖެ ގެންނަން ފުލުހުން ބޭނުންވާ މީހުންނަކީ އެމްއެމްޕީއާރްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހުމަދާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު އަދި ރާއްޖޭގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ އިތުރުން މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ އެވެ.
ފުލުހުންގެ ތަހުގީގަށް ބަޔާން ނެގުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް އައްލާމާއި އިޝްފާހު އަށް ދިން މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް އޮއިއްޓޭއަށް ދީފައިވާ މުއްދަތު އަދި ހަމައެއް ނުވެއެވެ.
ފުލުހުން ބުނީ އަންގާފައިވާ މުއްދަތުގެ ތެރޭގައި ފުލުހުންގެ އިދާރާ އަށް ހާޒިރުނުވެއްޖެނަަ އެމީހުންގެ ޣައިރުހާޒިރުގައި ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.