ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ރަށްތައް: ފުރަތަމަ ވެސް މާލެ ސިޓީ!

މާލެ ސިޓީގެ އިމާރާތްތަކެއް -- ފޮޓޯ/ އަލާމީ

މިއީ އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހުގެ އޮންލައިން ވެބްސައިޓު މެއިލް އޮންލައިނުގައި ޝާއިއުކޮށްފައިވާ، ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ރަށްރަށުގެ ލިސްޓެވެ.

ދުނިޔޭގައި ބިން ބޮޑު ގައުމުތަކާއި، ކުދި ޖަޒީރާ ރަށްރަށް ހުންނަ އިރު، މާސިންގާ ކަނޑުތަކުގެ އިތުރުން ބައްރުގެ ތެރޭގައި ހުންނަ ކުޅި ނުވަތަ ލޭކް ތަކުގައި ވެސް ރަށް ހެދިފައި ހުރެ އެވެ. މީހުން ވެސް ދިރިއުޅޭ ފަހަރުތައް އާދެ އެވެ.

އެކި ގައުމުތަކުގައި ވަށައިގެން ކަނޑު އޮންނަ ރަށްރަށް ހުންނަ އިރު، މިފަދަ ބައެއް ރަށް ނުވަތަ އައިލެންޑް ތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެ އެވެ. ޚާއްސަކޮށް، އޭގެ ތެރެއިން ބައެއް ރަށްރަށަކީ ގައުމުގެ މައި މަރުކަޒީ ރަށް ކަމުގައި ހެދުމުން އެތަނުގައި ދިރިއުޅޭ އާބާދީ ވެސް އިތުރުވެ އެވެ.

މެއިލް އޮންލައިންގައި ޝާއިއުކުރި، ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ރަށްރަށުގެ ލިސްޓުގައި ފުރަތަމަ އޮތީ، ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީ ގާއިމުކޮށްފައިވާ، ފުރަ މާލެ އެވެ.

ފުރަ މާލެ، ދިވެހިރާއްޖެ

މާލެ ސިޓީ، ދިވެހިރާއްޖެ

މެއިލް އޮންލައިނުގައި ލިޔެފައި ވަނީ، ދުނިޔޭގެ ގިނަ ބަޔަކު ރާއްޖެއަށް އަންނަނީ މީހުންނާ އެކަހެރިވެލައި، ހިތްހަމަ ޖެހިލައިގެން ޗުއްޓީ ހޭދަކޮށްލުމަށް ކަމަށާއި، ނަމަވެސް މި ގައުމަށް އައިސް އެންމެ ފުރަތަމަ ލޭންޑު ކުރަން ޖެހެނީ، 133،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ، ގާތްގަނޑަކަށް ދެ އަކަ މޭލުގެ މާލޭގައި ކަމަށެވެ. މާލޭގެ އާބާދީގެ ޑެންސިޓީއަކީ، ކޮންމެ އަކަ މޭލަކަށް ގާތްގަނޑަކަށް 66،000 މީހުން ކަމަށް އެ ނޫހުގައި ބުނެފައި ވެ އެވެ.

ވެނިސް، އިޓަލީ

ވެނިސް، އިޓަލީ

މި ލިސްޓުގެ ދެވަނައިގައި ވަނީ، އެޑްރިއަޓިކް ކަނޑުގައި 117 ޖަޒީރާގެ މައްޗަށް އެކުލެވިގެންދާ، އިޓަލީގެ މަޝްހޫރު ސިޓީ ވެނިސް އެވެ. ވެނިސްގެ ޖަޒީރާތަކުގައި 270،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން އެއް ޖަޒީރާ ރަށެއް ކަމުގައިވާ ބުރާނޯގައި 4،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އެ ރަށުގެ ޕޮޕިއުލޭޝަން ޑެންސިޓީއަށް ބަލާއިރު އެއީ އަކަ މޭލަކަށް 50،000 މީހުންނެވެ.

ލުބެކް، ޖަރުމަނު ވިލާތް

ލުބެކް، ޖަރުމަނު

ލިސްޓުގެ ތިންވަނައިގައި ވަނީ ޖަރުމަނުގެ އުތުރުގައި އޮންނަ ޓައުނެއް ކަމުގައިވާ ލުބެކްގެ މެދުގައި އޮންނަ ކުޑަ ރަށެކެވެ. މި ރަށް އޮންނަނީ ލުބެކް ޓައުންގެ ތެރޭގައިވާ ކެނަލްތަކެއްގެ މެދުގައި، ޓައުންގެ އެހެން ސަރަހައްދުތަކާ ބިމުގެ ގޮތުން ވަކިންނެވެ. މި ރަށް ފުރެންދެން އިމާރާތްތައް އެޅި، އެތަނުގައި މީހުން ދިރިއުޅެމުން ދިޔަ ނަމަވެސް، ލުބެކް ޓައުންގެ އެހެން ސަރަހައްދުތައް ވަނީ އެހާ ތޮއްޖެހިފައެއް ނޫނެވެ. ލުބެކް ޓައުންގެ ބޮޑުމިން 83 އަކަ މޭލަށް ފެތުރިފައިވާ އިރު، އެ ޓައުންގައި 212،000 މީހުން ދިރިއުޅެ އެވެ.

މެންހެޓަން، އެމެރިކާ

މެންހެޓަން، އެމެރިކާ

މެންހެޓަންއަކީ، އެމެރިކާގެ ނިއު ޔޯކް ސިޓީގެ ބޮރޯއެކެވެ. ނުވަތަ އަވަށެކޭ ވެސް ބުނެވިދާނެ އެވެ. މެންހެޓަން އަވަށް ގާއިމުވެފައި ވަނީ، އެމެރިކާ ސަރަހައްދީ އިމުގެ ތެރެއިން، ނަމަވެސް ބިމުން ވަކިވެފައިވާ ރަށްތަކެއްގަ އެވެ. މެންހެޓަންގެ ބިމުގެ ބޮޑުމިނުގައި 23 އަކަ މޭލު ހުންނަ ނަމަވެސް، 1.63 މިލިޔަނަށް ވުރެ ގިނަ މީހުން އެތަނުގައި ދިރިއުޅެ އެވެ. އެއީ އަކަ މޭލަކަށް 70،700 މީހުންނެވެ.

ސަންޓަ ކްރޫޒް ޑެލް އިސްލޮޓް، ކޮލަމްބިއާ

ކޮލަމްބިއާގެ ސަންޓަ ކްރޫޒް ޑެލް އިސްލޮޓް

މިއީ މެންހެޓަންއަށް ވުރެ ހަތަރު ގުނަ ތޮއްޖެހިފައިވާ، ކުޑަކުޑަ ރަށެކެވެ. ލެޓިން އެމެރިކާ ގައުމު ކޮލަމްބިއާގެ ޖަޒީރާ ސަންޓަ ކްރޫޒް ޑެލް އިސްލޮޓްގެ ބޮޑުމިނަކީ އެންމެ އެއް ހެކްޓަރެވެ. ނުވަތަ 0.004 އަކަ މޭލެވެ. އެތަނުގައި 1،200 މީހުން ދިރިއުޅެ އެވެ. އެރަށުގެ ބޮޑުމިނުގައި އަކަ މޭލެއް ހުންނަ ނަމަ، އެރަށުގައި 300،000 މީހުން ދިރިއުޅޭނެ އެވެ.

އެބަޑީން އައިލެންޑް، ހޮންގްކޮންގް

އެބަޑީން، ހޮންގްކޮންގް

ހޮންގްކޮންގްގެ ދެކުނު އައްސޭރީގައި އޮންނަ އަޕް ލެއި ޗައު ނުވަތަ އެބަޑީން އައިލެންޑަކީ ވެސް ތޮއްޖެހިފައިވާ ރަށެކެވެ. މި ރަށުގެ ބޮޑުމިނަކީ އަކަ މޭލެއްގެ ދެބައިކުޅަ އެއްބައެވެ. ނަމަވެސް އެ ރަށުގައި ވެސް 87،000 މީހުން ދިރިއުޅެ އެވެ. މި ރަށުގައި، އުސް އިމާރާތްތައް ވެސް ގިނަ އެވެ.

މިންގިންގޯ އައިލެންޑް، ކެންޔާ/ޔޫގަންޑާ

މިންގިންގޯ އައިލެންޑް، ލޭކް ވޮކްޓޯރިއާ

މިއީ މިލްކުވެރިކަމާ މެދު ދެބަސްވެފައިވާ ރަށެކެވެ. ކެންޔާއާ ޔޫގަންޑާއާ ދެމެދު އޮންނަ ލޭކް ވިކްޓޯރިއާގެ މެދުގައި އޮންނަ މިންގިންގޯ އައިލެންޑުގެ މިލްކުވެރިކަމަށް ދެ ގައުމުން ވެސް ދައުވާ ކުރެ އެވެ. ދެގައުމުން ވެސް އެ ރަށް ބޭނުންވަނީ އެ ރަށުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށެވެ. ނަމަވެސް، 2002 ވަނަ އަހަރުން ފެށިގެން މިންގިންގޯ އައިލެންޑްގައި ކުދިކުދި ޖިފުޓިތައް ފެންނަން ފަށައި، މިހާރު އެ ރަށް ވަނީ ޖިފުޓިތަކުން ފުރިފަ އެވެ. ބޮޑުމިނުގައި ގާތްގަނޑަކަށް ބައި އޭކަރު ހުންނަ މި ރަށުގައި 200 ވަރަކަށް މީހުން ދިރިއުޅެ އެވެ. ޕޮޕިއުލޭޝަން ޑެންސިޓީއަށް ބަލާއިރު އެއީ އަކަ މޭލެއްގައި 250،000 މީހުންނެވެ.

އީބައި، މާޝާލް އައިލެންޑްސް

އީބައި، މާޝަލް އައިލެންޑްސް

ޕެސިފިކް ޖަޒީރާ މާޝަލް އައިލެންޑްގެ ކްވަޖަލޭން އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، އީބައި އައިލެންޑުގެ ބިމުގައި ހުންނަނީ 0.14 އަކަ މޭލެވެ. އާބާދީއަކީ 15،000 އެވެ. މި ރަށުގައި އާބާދީ މިހާ ބޮޑުވެގެން ދިޔައީ، އެމެރިކާއިން މާޝަލް އައިލެންޑްގެ ބައެއް އަތޮޅުތަކުގައި ނިއުކްލިއާ ޓެސްޓު ހަދަން ނިންމުމުން، އެ ސަރަހައްދުތަކުގެ ރަށްތަކުގެ ރައްޔިތުން އީބައި އައިލެންޑަށް ހިޖުރަ ކުރުމުގެ ސަބަބުންނެވެ.

comment ކޮމެންޓް