ހޯރަފުށީ ފުޓްސަލް ދަނޑު ހުޅުވައި، ދެވަނަ ދަނޑެއް ވެސް އަޅަން ނިންމައިފި

ހޯޜަފުށީ ފުޓްސަލް ދަނޑު ހުޅުވުމަށް މިރޭ ބޭއްވި އެކުވެރިކަމުގެ ފުޓްސަލް މެޗުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ސިމާއު

ރާއްޖޭގެ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޒުވާނުންނަށް ކުޅިވަރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ހއ. ހޯރަފުށީގައި ތަރައްގީ ކުރެވުނު ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.

ހޯރަފުށީ ފުޓްސަލް ދަނޑު މިރޭ ހުޅުވައިދެއްވީ، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު ޒުހޫރެވެ.

މި ދަނޑު ހުޅުވުމާ އެކު، މިރޭ އެ ދަނޑުގައި، ޔޫތު މިނިސްޓްރީގެ ޓީމަކާއި ހޯރަފުށީ ކައުންސިލުގެ ޓީމަކާ މެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ވެސް ކުޅެމުން ދެ އެވެ.

ހޯރަފުށީ ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން، ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ، ހޯރަފުށީގައި މިހާރު ވަނީ، ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ފުޓްސަލް ދަނޑުގެ އިތުރުން، ބަށި ކޯޓަކާއި، ވޮލީ އަދި ބާސްކެޓް ކޯޓެއް ހެދިފައި ކަމަށެވެ. އަދި އިންޑޯ ކުޅިވަރު ކުޅެވޭނެ ތަނެއް، ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި މިހާރު ތަރައްގީ ކުރެވެމުންދާ އިރު، ހޯރަފުށީގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޒުހޫރު ވިދާޅުވީ، އާބާދީ ބޮޑެތި ރަށްރަށުގައި، އެއް ދަނޑަށް ވުރެ ގިނަ ދަނޑު އަޅާން ޖެހޭ ނަމަ އެކަން ވެސް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ހޯރަފުށީގައި ވެސް ދެވަނަ ފުޓްސަލް ދަނޑެއް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރަށުގައި ވެސް ކައިރި މުސްތަގުބަލެއްގައި ދެވަނަ ދަނޑެއްގެ މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު، [ހޯރަފުށީ ދާއިރާގެ މެމްބަރު] މެމްބަރު މުހައްމަދު އިސްމާއީލަށް އަރުވަން،" މިނިސްޓަރ ޒުހޫރު ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު ވިދާޅުވީ ފިކުރުގެ ތަފާތު ހުރި ނަމަވެސް، ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތުގައި ހުރިހާ ޒުވާނުން ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

ޯހޯރަފުށްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، ރައީސް ޔާމީން ވަނީ ހޯރަފުށީގައި އެއާޕޯޓެއް އަޅުއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި މިއަދު އެރަށުގެ ނަރުދަމާ ނިޒާމު ވެސް ވަނީ އިފްތިތާހު ކޮށްފަ އެވެ.

comment ކޮމެންޓް