ފަޅަށް ވަދެ ނުކުމެ ހެދުމުގައި އުޅަނދުތައް ސުނާމީ މައިޒާނަށް ސަމާލުވުމަށް އެދެފި

ސުނާމީ ބިނާގެ ހުޅަނގު ފަރާތުގައި ދޯންޏަކުން ޖެހި ގެއްލުންތަކެއްވެފައި: ޓީޖެޓީ ސަރަހައްދަށް ވަދެ ނުކުންނަ އުޅަނދުތައް ސުނާމީ ބިނާ މައިޒާނަށް ސަމާލުވުމަށް ހައުސިން މިނިސްޓަރު މުއިއްޒު ވަނީ އިލްތިމާސްކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ހުޅަނގު ދެކުނު ފަރާތުގެ ޓީޖެޓީ ސަރަހައްދު ފަޅަށް ވަދެ ނުކުންނަ އުޅަނދުފަހަރު ސުނާމީ ބިނާ މައިޒާނަށް ސަމާލުވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު އެހެން ވިދާޅުވީ ސުނާމީ ބިނާ މައިޒާނުގައި ދެ ފަހަރެއްގެ މަތިން ދެ ދޯންޏަކުން ޖެހި އެ މައިޒާނަށް ގެއްލުންވެފައިވާތީ އެވެ.

މުއިއްޒު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޓީޖެޓީ ސަރަހައްދަށް ވަދެ ނުކުންނަ އުޅަނދުތައް ސުނާމީ ބިނާ މައިޒާނަށް ސަމާލުކަން ދެއްވައިގެން ދަތުރު ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހާއި އިއްޔެ ވެސް ވަނީ ސުނާމީ މައިޒާނުގައި ދޯންޏެއް ޖެހި އެތަނަށް ގެއްލުންތަކެއް ވެފަ އެވެ. އެ ގޮތުން ސުނާމީ ބިނާ މައިޒާނުގެ ރެއިލިންގެ ބޮޑު ބައެއް ވަނީ ހަލާކުވެފ އެވެ.

ސުނާމީ ބިނާ މައިޒާނުގައި ޖަހާފައިވާ ރެއިލިން: ރޭ އެ ސަރަހައްދުން ދަތުކުރި ދޯންޏެއް އެ ރެއިލިންގައި ޖެހުމުގެ ސަބަބުން އެ ރެއިލިނަށް ގެއްލުންވެފައި: ސަން ފޮޓޯ/ ކިޔުންތެރިއެއް

މިދިޔަ ހުކުރު ދުވަހު ވެސް ވަނީ އެ ސަރަހައްދަށް ވަންނަން ދިޔަ ދޯންޏެއް އެ މައިޒާނުގައި ޖެހިފަ އެވެ. އެ ހާދިސާގައި އެ ދޯނީގެ ކެޕްޓަން ވަނީ ހައްޔަރު ކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާގެ އަތުގައި ކަނޑުއުޅަނދު ދުއްވުމުގެ ހުއްދައެއް ވެސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކުރީގެ ތިއް ރުއް ޕާކަށް ސުނާމީ ބިނާ ބަދަލުކޮށް ތަރައްގީ ކޮށްފައިވާ ސުނާމީ ބިނާ މައިޒާނަކީ ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

comment ކޮމެންޓް