ރެހެންދި ފްލެޓްތައް ގަތުމަށް އާންމުކޮށް ހުޅުވާލި ފުރުސަތު ބާތިލްކޮށްފި

ރެހެންދި ފްލެޓް: ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓް ގަންނަން ހުޅުވާލި ފުރުސަތު ވަނީބާތިލްކޮށްފައި ---- ސަން ފައިލް ފޮޓޯ

ކޮށީގައި އިމާރާތްކޮށްފައިވާ ރެހެންދި ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް ގަންނަން ކުރި އިއުލާނު ހައުސިން މިނިސްޓްރީން ބާތިލްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އާންމުކޮށް ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ، ފްލެޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ، ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި އެކެއްގެ އެއް ފްލެޓް އަދި ރެހެންދި ތިނެއްގެ 10 ފްލެޓަށް ކަމަށެވެ.

ނަމަވެސް އެ އިއުލާނު މިހާރު ބާތިލް ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައިވެ އެވެ.

އެހެންކަމުން ކުރިން އެ ފްލެޓުތައް ގަތުމަށް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ފޯމާއި ބޭންކް ގެރެންޓީގެ ސިޓީ ނުވަތަ ޗެކް މިމަހު 23 އިން ފެށިގެން ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މިނިސްޓްރީން އެ ފަރާތްތަކަށް ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ފޯމާއި ބޭންކް ގެރެންޓީގެ ސިޓީ ނުވަތަ ޗެކް ކަނޑައަޅާފައިވާ ތާރީހުގެ ކުރިން އޭގެ ވެރިފަރާތުން ގެންދިއުމަށް އެދޭ ކަމަށެވެ.

ރެހެންދި އެކެއް އަދި ރެހެންދި ތިނަކުން ފްލެޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަރަށް އަވަހަށް އަލުން ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް