އޮއިއްޓޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ފަހު ފުރުސަތުދީފި

ގ. އޮއިވާލި މުޙައްމަދު ޙުސައިން (36އަހަރު) - އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވާން 14 ދުވަހުގެ މުއްދަތެއް ފުލުހުން މިއަދު ވަނީ ދީފައި --- ފޮޓޯ: ޕޮލިސް

ޓެރެރިޒަމާއި ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅުމާއި މަނީލޯންޑްރިންގް މައްސަލަތަކަކާ ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން ގ. އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓޭ)، ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ފަހު ފުރުސަތުގެ ގޮތުގައި 14 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުހައްމަދު ހުސައިން އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ، އަދި އޭނާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާ މީހެއް ކަމަށެވެ.

ނަމަވެސް އޭނާ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެމުން އަންނާތީ ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް އާންމުކޮށް އަންގައި އިއުލާންކޮށްފައި ވީނަމަވެސް މިހާތަނަށް އޭނާ ފުލުހުންގެ ތަހުގީގަށް ހާޒިރުވެފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރުވުމަށް އޭނާ އަށް ވަނީ އަންގާފަ އެވެ.

އެ މުއްދަތުގެ ތެރޭގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުނުވެއްޖެ ނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް މުހައްމަދު ހުސައިންގެ ޣައިރު ހާޒިރުގައި ތުހުމަތު ކުރެވޭ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެ ތިން މަސް ކުރިން އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ މީހުންގެ ތެރެއިން މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް (މޮހޯ) އަދި މ. ލޭންޑްއޮފްގާޑްން، އަޙްމަދު އިޝްފާހް އަލީ އަށް ވެސް ވަނީ ފުލުހުންނާ އަމިއްލައަށް ހަވާލުވުމަށް ފަހު ފުރުސަތު ދީފަ އެވެ.

ނަމަވެސް މިހާތަނަށް އެ ދެ މީހުންވެސް ފުލުހުންނާ ހަވާލުވެފަ އެއް ނުވެ އެވެ.

comment ކޮމެންޓް