"ގާނޫނު ހަދާ މެމްބަރުން ހާ ތަޖުރިބާ ނެތަސް، ބަސް ބުނުމުގައި އަޅުގަނޑުމެން ގާބިލު"

އަރަބިއްޔާ ސްކޫލުގެ ގުރޭޑު ހަތެއްގެ ދަރިވަރު ހުސައިން މާލިކު: ކުޑަކުދިންނާ ގުޅޭ ކަންތަކުގައި ކުޑަކުދިންގެ މަޝްވަރާ ހޯދަން ވާނެ ކަމަށް ބުނި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ހިތުގައި ތަފާތުއެކި މައުޟޫއުތަކާ ގުޅިގެން އުފެދިފައިވާ ޝުއޫރުތައް ފާޅުކުރުމުގެ ފުރުސަތު ދީ ގައުމީ ކުޑަކުދިންގެ ރަސްމީ ޖަލްސާ މިއަދު ބާއްވައިފި އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ތަފާތު އެކި މައުޟޫތައް، އެކި ސްކޫލްތަކުގެ ދަރިވަރުން ވަނީ ވާހަކަ ދައްކާފަ އެވެ.

ޖަލްސާގައި ކުޑަކުދިންގެ ފަރާތުން އެންމެ ފުރަތަމަ ވާހަކަދެއްކީ އަރަބިއްޔާ ސްކޫލުގެ ގުރޭޑު ހަތެއްގެ ދަރިވަރު ހުސައިން މާލިކު އެވެ. ހުސައިން ވާހަކަ ދެއްކީ ކުޑަކުދިންނާ ގުޅޭ ކަންތަކުގައި ކުޑަކުދިންގެ މަޝްވަރާ ހޯދަން ވާނެ ކަމަށް ބުނެ އެވެ.

އެގޮތުން މަޖިލީހުން ކުޑަކުދިންނާ ގުޅޭ ގާނޫނުތައް ހަދާއިރު، މިހާރަށް ވުރެ ބޮޑަށް ކުދިންގެ ވިސްނުމާއި ހިޔާލު ހޯދަން ޖެހޭ ކަމަށް ހުސައިން ބުންޏެވެ.

"އަޅުގަނޑު ދަންނަވާނީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި މެމްބަރުންހާ ތަޖުރިބާ ނެތަސް އަޅުގަނޑުމެންނަކީ ވެސް އަޅުގަނޑުމެން އެދޭ ގޮތް ބުނެ ފާހަގަ ކުރެވޭ ފަދަ ގާބިލް ކުދިބައެކޭ،" އޭނާގެ ވާހަކާގައި ބުނެފައިވެ އެވެ.

މިއަދުގެ ޖަލްސާގައި ޖަމާލުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގެ ދަރިވަރު މުހައްމަދު ރިޔާޝްގެ ވާހަކާގައި ވަނީ ކުޑަކުދިންގެ ފަރާތުން އެހެން ހުރިހާ ކުދިންނަށް އިލްތިމާސްތަކެއްކޮށްފަ އެވެ.

އެގޮތުން ދިވެހި ދަރިވަރުންނަށް ލިބިފައިވާ އުނގެނުމުގެ ނަސީބު ހެޔޮގޮތުގައި ބޭނުންކޮށް ތަންދޮރު ދަންނަ، ކިޔަވައިގެން ތިބި، ހޭލުންތެރި ކުދިންނަށްވުމަށް މަސައްކަތް ކުރުމަށް ރިޔާޝް ވަނީ އިލްތިމާސްކޮށްފަ އެވެ. ހަމައެއާއެކު، ހަނގާކުރުން ހުއްޓުވުމަށް އެފަދަ ކަންކަން ނުފޮރުވައި ކަމާބެހޭ ފަރާތްތަކަށް މައްސަލަތައް ރިޕޯޓުކޮށް ފިޔަވަޅު އެޅުމަށާއި އިސްލާމްދީނާ، ދިވެހީންގެ ގައުމިއްޔަތުކަން ހިމާޔަތް ކުރުމަށްވެސް ރިޔާޝް ވަނީ ހުރިހާ ކުދިންނަށް އިލްތިމާސްކޮށްފަ އެވެ.

ކުޑަކުދިންގެ ރަސްމީ ޖަލްސާގައި ލޯ އެންޑް ޖެންޑާ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެންނަށް އެތަކެއް ނަސީބެއް ލިބިފައި ވާއިރު، އަޅުގަނޑުމެން އެ ނަސީބުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމާތޯ. ކިޔެވުމަށް ސަމާލުކަން ދީ، ކޮންމެ ކުއްޖަކީވެސް ވިދާ އަލިގަދަ، ރަން ތަރިއަކަށް ވެވޭތޯ މަސައްކަތް ކުރަމާތޯ. ރިވެތި އަހުލާގުން ޖަރީވެ މައިންބަފައިންގެ ލޮލުގެ ފިނިކަން ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ވަމާތޯ. ގައުމުގެ ކަންކަމާ މެދު ވިސްނީ ގައުމިއްޔަތުކަން ހިމާޔަތް ކުރާ ދަރިވަރަކަށް ވެވޭތޯ މަސައްކަތް ކުރަމާތޯ،" ރިޔާޝްގެ ވާހަކަ ނިންމާލަމުން އެހެން ކުދިންނަށް އިލްތިމާސް ކުރި އެެވެ.

ކުޑަކުދިންނަށް އުޖާލާ މުސްތަގުބަލެއް ހޯދައި ދިނުމުގައި އާއިލާ އާއި މުޖުތަމައުގެ ދައުރާ ގުޅިގެން ވާހަކަދެއްކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރު ހައްވާ ޒަހާދަތު އެވެ. ޒަހާދަތުގެ ވާހަކައިގައި ކުއްޖެއްގެ މުސްތަގުބަލަށް ރިވެތި އަހުލާގުގެ މުހިންމު ކަމާއި، އިސްލާމީ ތަރުބިއްތުގެ މުހިންމުކަމާއި، އެކުދިންނަށް ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރުތައް ކޮށްދިނުމުގެ މުހިންމު ކަމާއި އެކުދިންގެ ހުނަރު ކުރިއެރުވުމުގެ ފުރުސަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައިފަ އެވެ.

"ކުއްޖާގެ ކިބައިގައިވާ ހުނަރު ދެނެގަނެ އެ ދާއިރާއަކުން ކުރިއަށް ދާން ހިތްވަރު ދިނުމަކީ އާއިލާގެ ޒިންމާއެއް. ބިނާކުރުވަނިވި ފާޑުކިޔައި، ހިތްވަރު ދިނުމަކީ މުޖުތަމައުގެ ޒިންމާއެއް. އެއްގޮތަކަށްވެސް ހަޖޫ ޖަހައި މަލާމާތް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަން،" ޒަހާދަތުގެ ވާހަކައިގައި ފާހަގަ ކުރި އެވެ.

ޖަލްސާގައި އެންމެ ފަހުން ވާހަކަ ދެއްކި ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އައިޝަތު އިފާ އަލިއަޅުވާލައިފައި ވަނީ ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ މައްޗަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ ކުޑަކުދިންނަށް އަމާން، ރައްކާތެރި މުޖުތަމައުއެއް ގާއިމު ކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ތައްޔާރުކޮށްފައިވާ ފަސް ޕޯސްޓަރެއް އިފްތިތާހްކޮށްފަ އެވެ. ޕޯސްޓަރުތައް އިފްތިތާހް ކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ.

ޖަލްސާގައި އެކި ސްކޫލުތަކުގެ ފަރާތުން ތަފާތު ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް