"މާޒިޔާއަށް ސަސްޕެންޝަނެއް ނުވަތަ އަނިޔާއެއް ކުރިމަތިވެފައި ނުވުމަކީ ފައިދާއެއް"

އޭއެފްސީ ކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް މާލޭގައި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: މިއަދު މިޔަންމާގައި މި ދެޓީމު ނުކުންނައިރު، ދެ ޓީމަށް ވެސް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތެއް އޮތް ނަމަވެސް ގްރޫޕުގެ އަނެއް މެޗުގައި މޯހަން ބަގާން އާއި ސައުތު ޗައިނާ ކުޅޭ މެޗުގެ ނަތީޖާއަށް ބަލަންޖެހޭ --- ސަން ފައިލް ފޮޓޯ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެއްވެސް ކުޅުންތެރިޔަކަށް ސަސްޕެންޝަނެއް ނުވަތަ އަނިޔާއެއް ކުރިމަތިވެފައި ނުވުމަކީ ފައިދާއެއް ކަމަށް އެ ކްލަބުގެ އެސިސްޓަންޓް ކޯޗު އަހްމަދު ސުޒޭރު ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޖީގެ ފަހު މެޗުގައި މިއަދު މާޒިޔާ ނުކުންނަން ޖެހޭނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށެވެ. މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ދެ ޓީމަށް ވެސް އެ މެޗަކީ މުހިންމު މެޗަކަށްވާއިރު، އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިޔަންމާގަ އެވެ. މާލޭގައި މިދިޔަ މާޗު މަހު ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

"ސްކޮޑުގެ އެއްވެސް ކުޅުންތެރިޔަކަށް ސަސްޕެންޝަނެއް ނުވަތަ އަނިޔާއަކާ ކުރިމަތިވެފައެއް ނުވޭ. އެއީ މާޒިޔާއަށް ލިބޭ ފައިދާއެއް. މެޗުގައި އެ ފައިދާގެ ބޭނުން ހިފުމަށް މަސައްކަތްކުރާނަން،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭރު ބުންޏެވެ.

އޭނާ ބުނީ، ޔަންގޮންގެ މުހިންމު ދެ ކުޅުންތެރިންނަށް ސަސްޕެންޝަނުގެ ސަބަބުން މެޗުގައި ބައިވެރިނުވެވޭތީ އެކަމުގެ ފައިދާ ނެގުމަށް ވެސް މާޒިޔާއިން މަސައްކަތްކުރާނެ ކަމަށާއި މެޗަށް ނުކުންނާނީ ޔަންގޮން އަތުން މޮޅުވުމަށް ކަމަށެވެ.

ޔަންގޮންގެ ކެޕްޓަން ކިން މައުންގް ލުވިން އަދި މިޔަންމާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ކުޔޯ ކޯކޯއަށް ސަސްޕެންޝަނުގެ ސަބަބުން މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

މިއަދުގެ މެޗަށް ނުކުންނައިރު، ގްރޫޕު ޖީގެ ތިން ވަނައިގައި އޮތް ޔަންގޮން އާއި ގްރޫޕުގެ ފުލުގައި އޮތް މާޒިޔާއަށް ވެސް ކުޅުނު ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ޔަންގޮން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާ އިންޑިއާގެ މޯހަން ބަގާން ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. ގްރޫޕުގެ ދެ ވަަނައިގައި އޮތް ހޮންކޮންގެ ސައުތު ޗައިނާއަށް ފަސް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މާޒިޔާއިން ދެވަނަ ބުރުގެ ޖާގައެއް ބޭނުންނަމަ، މިއަދު ޔަންގޮން އަތުން މޮޅުވާންޖެހެ އެވެ. މާޒިޔާ އެ މެޗުން މޮޅުވި ނަމަވެސް، އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނީ ސައުތު ޗައިނާ އަތުން މޯހަން ބަގާން އެއްވަރުވެ، ނުވަތަ މޮޅުވުމުންނެވެ.

އޭއެފްސީ ކަޕުގައި ޔަންގޮންއާ ދެކޮޅަށް މާޒިޔާ މިއަދު ނުކުންނާނީ ރާއްޖެގަޑިން އިރުއޮއްސި 6:00 ގައެވެ. އިންޑިއާގައި މޯހަން ބަގާން އާއި ސައުތު ޗައިނާ ކުޅޭ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަމަ އެއް ވަގުތެއްގައެވެ.

comment ކޮމެންޓް