އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ކުރަމުން އަންނަ ވިއްސާރާގައި ގިނަ ގެތަކަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެ އެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު "ސަން" އަށް މިއަދު ވިދާޅުވީ، ވޭތުވެ ދިޔަ ދެ ދުވަހު އެ ސިޓީ އަށް ކުރި ވެހުނު ވާރޭގައި 45 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"[ފެން ވަން ކަމަށް] ރިޕޯޓު އެބަ އިނދޭ ފޭދޫ އަދި މަރަދޫ ފޭދޫގެ ބައެއް ދިމާތަކާއި މަރަދޫ ފޭދޫގެ 45ގެ އެބަ އިނދޭ ރިޕޯޓުކޮށްފައި،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސިޓީގެ ފޭދޫ އަކީ ހާއްސަކޮށް ފެންބޮޑުވާ ރަށެއް ކަމަށާއި އެ ރަށުގެ 25 ގެއަކަށް ފެން ވަދެ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"ހާއްސަކޮށް ފޭދޫ އަކީ ފެންބޮޑުވާ ރަށެއް. ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ހިފާ ގެންގުޅޭ އެއްޗިހި ހަލާކުވެފައި ވަނީ،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދުގެ މޫސުން ރަނގަޅު ކަމަށާއި ފެންގަނޑުވެސް މަޑުމަޑުން ހިނދެމުން އަންނަ ކަމަށެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސައިން ޝާފީ އިބްރާހިމް "ސަން" އަށް މިއަދު ވިދާޅުވީ، ވިއްސާރަވެ، އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގެ 50 ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމަށެވެ.
"ތަފާސްހިސާބުތަކުން އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާ އިރު 50 ގެއަކަށް ފެން ވަދެފައި ވަނީ ރޭގައި، ރޭގައި ބޮޑަށް ވެހިފައި ވަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕަންޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"ބައެއް ގޭގެއަށް ފެން ވަދެފައި ހުރީ. ރޭއްސުރެ ކައުންސިލުން ނުކުމެ ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އެބަދޭ މިހާރު، ކާނު ވެސް ކަނޑާފައި އިނީ، ޕަންޕު ޖަހައިގެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގެތަކަށް ފެން ވަތް ނަމަވެސް، އެއްވެސް އެއްޗަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
comment ޝާން
9 year 11 month ago
އައްޑޫ ގައި ފެންބޮޑު ވެގެން ސަރުކާރުން ފެންހިއްކާދެނީ ހަމައެކަނި ފޭދޫ މީހުންނަށް. އެއީ ޕީޕީއެމް މެންބަރ ހޮވާދިނީތީ. އެކަމަކު އަހަރެމެން ހިތަދޫ މީހުންވެސް ޓެކްސް ދައްކަނީއެއްވަރަކަށް. ހިތަދޫ އެތައްބަޔަކު އިއްޔެ ހަވީރުން ފެށިގެން ފާހާނާ ތައް ބްލޮކް ވެގެން ފާހާނާ ނުކުރެވި އެބަތިބި. ފެން ހިއްކާ ދިނުމަށް އެދުމުން ރޯޑް ޑިވެލޮޕް މަންޓްން ނާއި ހިތަދޫ ފަޔަރ ސްޓޭޝަނުން ބުނަމުން ދަނީ ހިތަދޫގައި ހުރި ހުރިހާ ޕަންޕެއް ހުރީ ފޭދޫއަށް ގެންގޮސްފައޭ. ތިމަންނަމެންނަކަށް ހިއްކޭނެ ގޮތެއްނެތޭ. ހައުސިން މިނިސްޓްރީގެ ފަރާތުން އައްޑޫގައި ތިބި އެކަކުވެސް ފޯން ނުނަގާ. ސަރުކާރުން ރައްޔަތުންނަށް ބޭނުން ވާ އަސާސީ ހިދުމަށް ނުދެވޭނަމަ ޔާމީން އިސްތިއުފާ ދިނުމަށް ގޮވާލަން. މިކޮމެންޓް ގެނެސް ދެއްވުން އެދެން.
reply ވާނުވާ
9 year 11 month ago
ޔާމީން އިސްތިއުފާ