ފިލައިތިބެގެން ދައްކާ ވާހަކަތަކަށް ޖަވާބުދާރީވުމަކީ ސަރުކާރަށް ފަސޭހަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ލ. ގާދޫ ރައްޔިތުން އެއަތޮޅު ފޮނަދުއަށް ބަދަލުކޮށް ނިންމުން ފާހަގަކުރުމަށް ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑު ކިޔާކަމަށް ވާނަމަ، އެކަންކަން ތަންފީޒު ކުރާ މީހުންނާއެކީ އެއް މޭޒެއްގައި ތިބެގެން ބަހުސެއް ކުރީމަ، ކަމުގެ ދެކޮޅު ފެންނާނެ ކަމަށެވެ.
"ފިލައިތިބެގެން ދައްކާ ވާހަކަތަކަށް ސަރުކާރަށް ޖަވާބުދާރީވުމަކީ ފަސޭހަކަމެއް ނޫން. އެހެންވީމަ އެއް މޭޒެއް ކައިރިއަށް އައިސް ވާހަކަ ދައްކާލަންވީ. މިހާރު މި އޮތީ އެ ފުރުސަތު، މިދިޔަ އަހަރުވެސް ހުޅުވާލިން. އެއް މޭޒެއް ކައިރިއަށް އަންނަން ބޭނުންނުވީ ކީއްވެގެންތޯ ތިބޭފުޅުން ސުވާލު ކުރައްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ހަމައެއާއެކު މިހާރަށް ވުރެ ރަނގަޅު ތަރައްގީއެއް، ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމުގެ ވިސްނުމެއް އޮތް ނަމަ އެކަން ހުށަހެޅުއްވުމަށް ވެސް ރައީސް ޔާމީން ގޮވާ ލެއްވި އެވެ.
"ސަރުކާރުން ރައްޔިތުންގެ ހައްގުން އެއްކިބާވެގެން ކުރާ ގޯސް ކަންތައްތަކެއްގެ ވާހަކަ ހުރިއްޔާ އަޅުގަނޑުމެންގެ މޭޒުމައްޗަށް ގެންނަވާ، ނޫނިއްޔާ މިއަށްވުރެ ރަނގަޅު ތަރައްގީއެއް މިއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމުގެ ވިސްނުމެއް އޮތް ކަމުގައި ވަންޏާ އެކަންވެސް ހުށަހަޅުއްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު ހިންގަވަނީ މަޝްވަރާގެ މަތިން ކަމަށާއި އެފަދަ ވާހަކަތައް ހިއްސާ ކުރުމުން އެކަންކަމަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.
ހަމައެއާއެކު، ގާނޫނު ލިޔަނީ ހުރިހާ އެންމެން އެ ގާނޫނަށް ތަބާވާން ކަމަށާއި އެއްވަރަކަށް، އަދަބު ލިބެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.