މޮބައިލް މަނީގެ ހިދުމަތް މެދުވެރިކޮށް ސްޓެލްކޯގެ ބިލްތަކަށް ފައިސާ ދެއްކޭނެ ހިދުމަތް ގާއިމްކުރުމަށް އެ ދެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
މޮބައިލް މަނީގެ ހިދުމަތަކީ ވޮލެޓްގައި ފައިސާ ގެންގުޅުމުގެ ބަދަލުގައި އަތުގައި ގެންގުޅޭ ފޯނުގައި ފައިސާ ރައްކަކުރެވޭ ނިޒާމެކެވެ. އެކަމަށް ވަކި "މޮޅު ފޯނެއް" ނުވަތަ "ދެރަފޯނެއް" ބޭނުމެއް ނުވެއެވެ. އެޕްލިކޭޝަނެއް ނުވަތަ ޔޫއެސްއެސްޑީ ކޯޑެއް މެދުވެރިކޮށްވެސް އެ ހިދުމަތް ބޭނުންކުރެވޭނެ އެވެ.
އެގޮތުން މޮބައިލް ފޯނަށް، ނުވަތަ ނަންބަރަށް ފައިސާ ޖަމާކުރަން ހަދަންޖެހޭނެ ގޮތަކީ އެ ހިދުމަތްދޭ އެޖެންޓެއް މެދުވެރިކޮށް ފައިސާ ޖަމާކުރުމެވެ. އެއަށްފަހު ބިލަށް ފައިސާ ދައްކަން ނުވަތަ އޮންލައިންކޮށް ފައިސާގެ އެހެން މުއާމަލާތެއް ކުރަން ބޭނުން ވިޔަސް މޮބައިލް މަނީއަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ހާއްސަ ޔޫއެސްއެސްޑީ ކޯޑް މެދުވެރިކޮށް ޓްރާންސެކްޝަންތައް ހެދޭނެ އެވެ.
އެ ހިދުމަތުގެ ޕައިލަޓް ޓެސްޓިންތަކެއް މިހާރު އުރީދޫއިން ދަނީ ކުރަމުންނެވެ. އުރީދޫގެ އޮފިޝަލަކު ވިދާޅުވީ ޓެސްޓް ކުރުމުގެ ކަންކަން ކާމިޔާބު ކަމަށާއި މިމަސް ތެރޭގައި އެ ހިދުމަތް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާނެ ކަމަށެވެ.
އެ ހިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން ސްޓެލްކޯ ފަދަ ރާއްޖޭގެ އެހެން ކުންފުނިތަކަށް ވެސް ވަނީ މޮބައިލް މަނީގެ ހިދުމަތް ދިނުމުގައި އުރީދޫއާ ގުޅުމަށް ހުޅުވާލާފަ އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ސޯލިހު އެވެ. އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ.
ސޮއިކުރެއްވުމަށްފަހު ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކުރައްވައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އިންސާނުންގެ ހަޔާތަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދާއެކު އުރީދޫ އިން މަސައްކަތް ކުރަމުންދަނީ އާންމު ދިރިއުޅުމުގައި ދިމާވާ ބުރަތަކަށް ފަސޭހަ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މޮބައިލް މަނީ ހިދުމަތުގެ ކޮމާޝަލް ލޯންޗިންއަށް ތައްޔާރުވަމުން އަންނަ އިރު، ބިލްދެއްކުން ފަދަ ކަންކަން އޭގައި ހިމެނުމަކީ ލިބޭ އުފަލެއް ކަން ފާހަގަކުރެއްވި އެވެ.
ސްޓެލްކޯގެ އެމްޑީ އަބްދުއް ޝުކޫރު ވިދާޅުވީ، އުރީދޫއިން ތައާރަފްކުރާ ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތެއްގައި އަދި ކޮންމެ ހިސާބެއްގައި ހުރެގެންވެސް މޮބައިލް ފޯނު މެދުވެރިކޮށް ބިލްދެއްކުމުގެ އަވަސް އަދި ފަސޭހަ ހިދުމަތް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
"މިފަދަ ފަސޭހަ ހިދުމަތެއް ދެވޭނެ މަގު ފަހިކޮށްދިނުމުގައި އުރީދޫން ނެންގެވި އިސްނެގުމަށްޓަކައި މި ފުރުސަތުގައި އުރީދޫގެ މެނޭޖްމަންޓަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން،" އަބްދުއްޝުކޫރު ވިދާޅުވި އެވެ.
ރާއްޖެއިން މުޅިން އަލަށް މޮބައިލް މަނީ ތައާރަފްކޮށް މިއަހަރު ޕައިލަޓް ސްޓޭޖް ފަށާފައިވާ އިރު އުރީދޫގެ އަމާޒަކީ މޮބައިލް މަނީގެ ހިދުމަތާ އެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.