މާޒިޔާގެ ފްރާންސް ފޯވާޑާ އެކު އެ ޓީމު އިތުރަށް ވަރުގަދަ ވާނެ!

ދާއޫދު އޭނާ ކުޅުނު ތަފާތު ޓީމުގެ ޖާޒީ ގައި ---

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ގެނައި ފްރާންސްގެ ފޯވާޑް މިކައިލް ދާއޫދު މާލެ އައިސް ޓީމާ ގުޅިއްޖެ އެވެ.

މާޒިޔާއަށް ގެންނަން ހަމަޖެހިފައިވާ ބިދޭސީ ދެ ކުޅުންތެރިންގެ ތެރެއިން ޒިފްކޯ އެ ޓީމާއެކު ސީޒަން ފަށާފައިވާ އިރު ދެވަނައަށް ގެންނަ ދާއޫދު ވަނީ އިއްޔެ މާލެ އައިސް އިއްޔެ ހަވީރު އޮތް މާޒިޔާގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ.

މާޒިޔާ އިން އިއްޔެ ބޭއްވި ފަރިތަކުރުން ތަކުގައި ދާއޫދު އެ ޓީމުގެ ޖާޒީގައި --- ފޮޓޯ: މާޒިޔާ

"ދާއޫދަކީ ވަރަށް ރަނގަޅު އެޓޭކިން ކުޅުންތެރިއެއް. އަޅުގަނޑުމެންނަށް މިހާ ތަނަށް ފެނިފައިހުރި ވީޑިއޯ ތަކާއި ލިބިފައި ހުރި މައުލޫމާތައްބަލާއިރު އޭނާ އަކީ މާޒިޔާއަށް ވަރަށް ރަނގަޅަށް ބޭނުން ކުރެވޭނެ ކުޅުންތެރިއެއް،" މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.

މިދިޔަ އަހަރުގެ ސީޒަނުގައި މެލޭޝިއާގެ ދެވަނަ ޑިވިޝަނުގެ ޕުޓްރާޖާޔާ އެފްސީ އަށް ކުޅުމަށް ފަހު ދާއޫދު އެންމެ ފަހުން ކުޅެފައިވަނީ ރިޕަބްލިކް އޮފް މޮލްޓާގެ ކުލަބަކަށެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާ އެކު މި އަހަރުގެ ސީޒަނުގައި ވާދަކުރާ ތިން މުބާރާތުގެ ތަށި ނެގުމަށް އަމާޒު ހިފާފައިވާ މާޒިޔާއަށް ގެނައި ފްރާންސް ފޯވާޑްއާ އެކު އެ ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

comment ކޮމެންޓް