އެއްވެ އުޅުމުގެ ފުރުސަތު ދިނުމަށް އެޗްއާރުސީއެމުން ގޮވާލައިފި

މިދިޔަ އަހަރު މޭޑޭގައި މާލޭގައި ކުރިއަށްދިޔަ އެއްވުމުގެ ތެރެއިން --ސަން ފޮޓޯ/އަލީ ނަސީރު

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ހަވީރު ބާއްވާ އެއްވުމަށް ފުރުސަތު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފި އެވެ.

މިއަދު ބާއްވާ އެއްވެސް ހިނގާލުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަސައްކަތް ކުރުމުގައި ދިމާވާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ގާނޫނު އަސާސީގެ 31 ވަނަ މާއްދާގެ ދަށުން ހަޅުތާލުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ހިޔާފާޅުކުރުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ހަމަ ކޮންމެ މީހަކަށްމެ ގާނޫނު އަސާސީގެ 27 އަދި 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާ އިރު އެ ހައްގުތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.

"[ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަކީ ކޮންމެ މީހަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި] ދިވެހި ރާއްޖޭގައި ދިރިއުޅޭ މަސައްކަތްތެރިންނަށާއި ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގުތައް ބޭނުންކުރުމަށް ފުރުސަތު ދިނުމަށް މި ކޮމިޝަނުން ގޮވާލަމެވެ،" އެޗުއާރުސީއެމުގެ ބަޔާނުގައި މަގުތަކަށް ނުކުމެ ޝުއޫރު ފާކުރުމަކަށް ނުވަތަ ނުކުރުމަކަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހިއުމަންރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ބުނީ ހިޔާލުފާޅުކުރުމުގައި ލިބިފައިވާ އިމުގެ ތެރެއިން އެ ހައްގު ބޭނުން ކުރުމަށް ވެސް ގޮވާލާ ކަމަށެވެ.

"ހިޔާލުފާޅުކުރުމުގައި އެންމެހާ ފަރާތްތަކަށް ލިބިފައިވާ އިމުގެ ތެރެއިން ހިޔާލުފާޅުކުރުމަށާއި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމު ކުރުމަށާއި ލާއިންސާނީ ބަސްމަގު ބޭނުން ނުކުރުމާއި މީހުންގެ އަބުރާއި އިއްޒަތް ނުގެއްލޭނެ ގޮތަށް ގައުމީ މަސްލަހަތަށް އިސްކަންދީ ވާހަކަތަކާއި އަމަލުތައް ބެހެއްޓުމަށް ކޮމިޝަނުން ގޮވާލަން،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން ވަނީ ހިޔާލުފާޅުކުރުމަށް ބާއްވާ އެއްވުންތައް ކަވަރު ކުރާ ނޫސްވެރިން ޒިންމާދާރުކަމާ އެކު ސައްހަ މައުލޫމާތު ފެތުރުމަށް ވެސް ގޮވާލާފަ އެވެ. އަދި އެއްވުން ރޫޅާލަން ޖެހިއްޖެ ހާލަތެއްގައި ވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށް އަމަން ބަލަހައްޓާ ފަރާތްތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފަ އެވެ.

ފުލުހުން ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނި ކަމުގައި ވިޔަސް މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ހަވީރު ބާއްވަން ނިންމާފައިވާ ހިނގާލުން ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް