ވަޖީހު ހުރީ ދިވެހި ފިލްމެއް ކުޅެން ފެންބޮވައިގެންފައި!

އިސްމައިލް ވަޖީހު ސަން ޓީވީގެ "މަރިޔާދު" ޕްރޮގުރާމަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ

ދިވެހި ލަވަ "ހޯދަމަ ހޯދާ" އޭ ބުނުމުން ނޭނގޭނެ ދިވެއްސަކު މަދުވާނެ އެވެ. މީގެ އަހަރުތަކެއް ކުރިން ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި އަދި މިހާރުވެސް ސްޓޭޖުތައް ފަޅުފިލުވާލާ އެ ލަވަ އަކީ ހުނަރުވެރި އެކްޓަރު އަދި ނެށުންތެރިޔާ އިސްމައިލް ވަޖީހުގެ ލަވައެކެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރި ވަޖީހު އަކީ އަދިއަދަށް ދާންދެންވެސް ދިވެހިންގެ ހިތްތަކުން ޖާގަ ލިބިފައިވާ މޮޅު ތަރިއެކެވެ. ކެމެރާ ކުރިމަތިން ނުފެންނަތާ އަހަރުތަކެއް ވެފައި ވީނަމަވެސް، ވަޖީހުގެ ފިލްމެއް ނުވަތަ ލަވައެއްގެ އިންތިޒާރުގައި ތިބި ދިވެހިން އަދިވެސް މަދެއް ނޫނެވެ.

އިސްމައިލް ވަޖީހު އޭނާގެ އަންހެނުންނާއެކު --- ފޮޓޯ: އިސްމައިލް ވަޖީހު ފޭސްބުކް

މާޔޫސްކަން ވެރިވެފައިވާ ވަޖީހުގެ ފޭނުންގެ އަބަދުމެ ސުވާލަކީ އޭނާގެ ފިލްމެއް ނުވަތަ ލަވައެއް ފެންނާނީ ކޮން އިރަކުން ބާވަ އެވެ. ނޫނީ ވަޖީހު ފިލްމީ ދާއިރާ އަށް މުޅިންހެން އަލްވަދާއު ކީބާވައެވެ.

ޓީވީއެމްގެ އަހަރީ ދުވަހާ ގުޅުވައިގެން ދާދިފަހުން ބޭއްވި އެލުމްނައި ޝޯވްއަށް ވަޖީހު ވަނީ ރާއްޖެ އަށް ދަތުރެއް ކޮށްފަ އެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް ކުރި އެ ދަތުރުގައި ވަޖީހު ވަނީ ސަންޓީވީ އަށް ވެސް ވަގުތު ކޮޅެއް ހުސްކޮށްލާފަ އެވެ.

ސަން ޓީވީގެ މަރިޔާދު ޕްރޮގުރާމަށް ދިން އިންޓަވިއުގައި ވަޖީހު ވަނީ އޭނާގެ ފޭނުންގެ މާޔޫސްކަން ކުޑަކޮށްދީފަ އެވެ. އޭނާގެ ލަވައެއް ނުވަތަ ފިލްމެއްގެ އިންތިޒާރުގައި ތިބި މީހުންގެ އުއްމީދުތަކަށް އާރޯކަން ގެނެސްދީފަ އެވެ.

"އަޅުގަނޑު ހުއްޓާލީކީ ނޫން[ފިލްމު ކުޅުން]. ލަވައެއް ނުވަތަ ފިލްމެއް ކުޅެވޭ ކަހަލަ ގޮތަަކަށް ދިމާވެއްޖެއްޔާ އަދިވެސް ހަމަ ކުޅެން ތައްޔާރަށް ހުރީ،" ސަން ޓީވީގެ މަރިޔާދު ޕްރޮގުރާމަށް ދިން އިންޓަވިއުގައި ވަޖީހު ބުންޏެވެ.

އެހެންނަމަވެސް، ވަޖީހު ފެނުނަސް ފެންނާނީ ތަފާތު ރޯލަކުންނެވެ. މީގެ ކުރިން ބެލުންތެރިންނަށް ފެނިފައި ހުރި ރޯލުތަކަކުން އޭނާ ނުފެނިދާނެ ކަމަށް ވަޖީހުވެސް ބުންޏެވެ.

"އެންމެ ފަހު ފިލްމުގައި އަޅުގަނޑު ކުޅުނީވެސް ބޮޑު ކުއްޖެއްގެ ބައްޕައެއްގެ ބައި. ދެން ފިލްމީ ދާއިރާ ފިލްމަކަށް ދަންޏާ ދެންވެސް އެކަހަލަ ރޯލަކަށް ކަންނޭނގެ ދާނީ. ކުރީގައި ފެނުނު ކަހަލަ ޔަންގިޝް ރޯލެއް ނޫންކަންނޭނގެ. ތަންކޮޅެއް ހަރުދަނާ ރޯލަކަށް ދެން،" ވަޖީހު ބުންޏެވެ.

ސިންގަޕޫރުގައި ހުންނަ އެސްޓީއޯ އޮފީހުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ވަޖީހު އަކީ އެކްޓު ކުރުމާއި ނެށުމުގެ އިތުރުން ފިޓްނަސް އަށްވެސް ލޯބި ކުރާ، އެކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ ތަރި އެކެވެ.

ފޮޓޯ: އިސްމައިލް ވަޖީހު ފޭސްބުކް

"އަޅުގަނޑު އެންމެ ކުރިންވެސް ފިޓްނަސް އަށް ލޯބި ކުރަން. އަބަދުވެސް ދެން، މާލޭގައި އޭރު އުޅުން އިރުވެސް، ދެން މިހާރު ދުވުންތަކަށް ޝައުގުވެރިކަން އުފެދުނީ ދެން އެކޮޅުގައި ހުރެގެން އެކްސަސައިޒް ތަކަށާ އެއްޗިއްސަށް ދާން ފެށިފަހުން،" ވަޖީހު ބުންޏެވެ.

ވަޖީހު ބުނީ، ފިޓްނަސް އަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ސިއްހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ސިއްހަތަށް ޝައުގުވެރިކަން ހުރި މީހަކު ފިޓްނަސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ވަޖީހު ބުންޏެވެ.

"އަޅުގަނޑަށް ބޮޑަށް ކަމުދަނީ ފިޓްނަސް ކަންތަކުގެ ޗެލެންޖިން ސިޗުއޭޝަނަސް. ބޮޑަށް ޗެލެންޖު ވި ވަރަކަށް ކުރާ ހިތްވާނެ،" ވަޖީހު ބުންޏެވެ.

އިސްމައިލް ވަޖީހު އޭނާގެ ފިރިހެން ދަރިފުޅާއެކު --- ފޮޓޯ: އިސްމައިލް ވަޖީހު ފޭސްބުކް

މޮޅު އެކްޓަރެއްގެ އިތުރުން ވަޖީހު އަކީ ޒިންމާދާރު ފިރިއެއް އަދި ބައްޕައެއްވެސް މެއެވެ. މިހާރު އާއިލާ އާއެކު ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ ވަޖީހު ގެ ޖުމްލަ ފަސް ކުދިން ތިބެ އެވެ.

"މިހާރު ދެކުދިން ސުކޫލް ނިމިގެން އެއް ކުއްޖަކު މަސައްކަތުގައި އަނެއް ކުއްޖަކު މިހާރު އެ އުޅެނީ ޕޮލިޓެކްނިކުގައި. ދެން ތިބި ތިން ކުދިން އަދިވެސް ސުކޫލްގައި،" ވަޖީހު ބުންޏެވެ.

އޭނާ ބުނީ، އާއިލާ ބެލެހެއްޓުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެކަންކަން ވީހާވެސް ރަނގަޅަކަށް ކުރެވޭތޯ މަސައްކަތް ކުރާ ކަމަށެވެ.

އިސްމައިލް ވަޖީހު އޭނާގެ ދެ އަންހެން ކުދިންނާއެކު --- ފޮޓޯ: އިސްމައިލް ވަޖީހު ފޭސްބުކް

ވަޖީހު އަކީ ފާހަގަކޮށްލެވޭ ނެށުންތެރިއެއް ނަމަވެސް، އޭނަގެ އެއްވެސް ދަރިއަކު އެކަމަށް ޝައުގުވެރިވާ ތަނެއް ނުފެންނަ ކަމަށް ވަޖީހު ބުންޏެވެ.

"ނެށުމުގެ ދާއިރާގައި އަޅުގަނޑުގެ އެއްވެސް ކުއްޖަކު ޝައުވެރިކަން ދައްކާ ތަނެއް ނުފެނޭ. އެހެން ނަމަވެސް އެންމެ ދޮށީ ކުއްޖާ އޭނަ ހަމަ ޑްރާމާގަ މުޅިން، އޭ ލެވެލް ހެދި އިރުވެސް މޭޖާ އަކަށް ހެދީ ޑްރާމާ،" ވަޖީހު ބުންޏެވެ.

"އޭނަ އޭ ލެވެލް ހެދި އިރުގައިވެސް މޭޖާ އަކަށް ހެދީ ޑުރާމާ. މިހާރު ސުކޫލް ތަކަށް ދޭ ޑްރާމާ އާއި ޕަބްލިކު ސްޕީކިން ކިޔަވައިދޭން. ދެން އޭނަ ވަރަށް ގިނަ ޑްރާމާ އަދި ސްޓޭޖު ޝޯވް ވެސް ހުށަހަޅާ." ވަޖީހު ބުންޏެވެ.

ވަޖީހު ބުނީ، އޭނާގެ ހަގު ދެ ކުދިން އަދި ރާއްޖެ ނާންނަ ކަމަށާއި އަވަސް ފުރުސަތެއްގައި އެކުދިން ގޮވައިގެން ރާއްޖެ އާދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ވަޖީހުގެ ހުނަރު ފެނިގެން ގޮސްފައިވަނީ ހަމަ އެކަނި އެކްޓު ކުރުމުންނާއި ނެށުމަކުން އެކަންޏެއް ނޫނެވެ. އޭނާ އަކީ މީގެ އަހަރުތަކެއް ކުރިން ހުނަރުވެރި ޕްރެޒެންޓަރެއްވެސް މެއެވެ. ހަމައެއާއެކު، ވަޖީހު އަކީ ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރި މީހެކެވެ.

ވަޖީހު އެންމެ ފަހުން ލަވައެއް ކުޅެފައިވަނީ 2005 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާގެ އެއްވެސް ފިލްމެއް އަދި ލަވައެއްވެސް ފެނިފައެއް ނުވެ އެވެ. އެހެންނަމަވެސް ސަން ޓީވީގެ "މަރިޔާދު" ޕްރޮގްރާމަށް ދިން އިންޓަވިއުގައި ވަޖީހު ވަނީ އޭނާގެ ފޭނުންގެ އުއްމީދުތައް އާކޮށްދީފަ އެވެ.

ލަވައެއް ނުވަތަ ފިލްމެއް ކުޅެވޭނެ ގޮތެއް ވެއްޖެ ނަމަ އެކަން ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ. އެހެންކަމުން ދެން އޮތީ ވަޖީހުގެ ފިލްމެއް ނުވަތަ ލަވައެއް ފެންނާނެ އިރަކަށް އިންތިޒަރު ކުރުމެވެ.

comment ކޮމެންޓް