މެކްޑޮނަލްޑްސް އިން ފްރާންސަށް 300 މިލިޔަން ޔޫރޯގެ ޓެކްސް ނުދައްކައި!

ފްރާންސްގެ މެކްޑޮނަލްޑްސް ރެސްޓޯރަންޓެއް -- ފޮޓޯ: އަލަމީ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފާސްޓްފުޑް ޗެއިން ކަމުގައިވާ މެކްޑޮނަލްޑްސްއިން، ޓެކްސްގެ ގޮތުގައި ފްރާންސްގެ ސަރުކާރަށް 300 މިލިޔަން ޔޫރޯ ނުދައްކައި އޮތްކަން ހާމަވެއްޖެ އެވެ.

ފްރާންސްގައި ނެރޭ، ވިޔަފާރިއާ ބެހޭ މަޖައްލާ "ލެކްސްޕަންސްޝިޔޮން" ގައި ބުނެފައިވާ ގޮތުން، މެކްޑޮނަލްޑްސްއިން ވަނީ ފްރާންސްގައި ޓެކްސްއަށް މަކަރު ހަދަން މަސައްކަތް ކޮށްފަ އެވެ. އަދި އެކަން ކުރަން މެކްޑޮނަލްޑްސްއިން މަސައްކަތް ކޮށްފައި ވަނީ ސްވިޓްޒަލެންޑާއި ލަގްޒެމްބާގްގައި ހުންނަ މެކްޑޮނަލްޑްސްގެ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށެވެ.

މިކަން 2013 ވަނަ އަހަރު ފްރާންސްގެ ސަރުކާރަށް އެނގި، އެ އަހަރު މިކަމުގެ ތަހުގީގެއް ފެށި އިރު، ތަހުގީގު ނިންމައި، މަކަރު ހަދައިގެން ނުދައްކައި ވާ ޓެކްސްގެ އަދަދު ކަމުގައިވާ 300 މިލިޔަން ޔޫރޯ ދެއްކުމަށް މިދިޔަ އަހަރު ސަރުކާރުން ވަނީ މެކްޑޮނަލްޑްއަށް އަންގައި، ބިލު ފޮނުވައިފަ އެވެ.

ތިން ސަތޭކަ މިލިޔަން ޔޫރޯގެ ޓެކްސް މެކްޑޮނަލްޑްސްއިން ނުދައްކައި، އެއަށް މަކަރު ހަދާފައިވާ އިރު، ޓެކްސްގެ މައުލޫމާތު އާންމު ކުރުމުގެ ގަވައިދުތަކުގެ ސަބަބުން، ފްރާންސްގެ ފިނޭންސް މިނިސްޓްރީން ވަނީ މިކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އުޒުރުވެރިވެފަ އެވެ.

އެހެން ނަމަވެސް މެކްޑޮނަލްޑްސްއިން މި މައްސަލަ އެއް ފަރާތް ކުރުމަށްފަހު ބުނަމުން ދަނީ، އެކުންފުންޏަކީ ފްރާންސްގައި އެންމެ ބޮޑު އަދަދަކުން ޓެކްސް ދައްކާ އެއް ކުންފުނި ކަމަށާއި، 2009 ވަނަ އަހަރުން ފަށައިގެން 1.2 ބިލިޔަން ޔޫރޯގެ ޓެކްސް ދައްކައި، 15،000 އަށް ވުރެ ގިނަ ވަޒީފާ އެތަނުން އުފައްދާފައިވާ ކަމަށެވެ.

މެކްޑޮނަލްޑްސްއިން ފްރާންސްގައި ޓެކުހަށް މަކަރު ހަދާފައިވާ އިރު، އެތަނުގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް ދޭ މުސާރަ ކުޑަވެ، ވަޒީފާގެ ރައްކާތެރިކަން ކުޑަ ވުމުގެ ސަބަބުން މުވައްޒަފުން ވަނީ ޕެރިހުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

މެކްޑޮނަލްޑްސްއަކީ ފްރާންސްގައި އެންމެ މަގުބޫލު، އަދި އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ފާސްޓް ފުޑް ޗެއިނެވެ.

comment ކޮމެންޓް