ކުޑަ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މީހަކު 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ރ. މާކުރަތު، ނަލަހިޔާގެ، އަޙްމަދު ނިޒާރު (20އ). އޭނާގެ މައްޗަށް ކުޅަ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ: ޕޮލިސް

އަށާރަ އަހަރު ނުފުރޭ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެއް ސާބިތުވި މީހަކު 20 އަހަރަށް ޖަލަށްލުމަށް ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މާކުރަތު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބެލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެ ރަށު، ނަލަހިޔާގެ، އަހުމަދު ނިޒާރު (20އ)ގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއެއް އުފުލާފައި ވަނީ، 2014 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކި ދުވަސް މަތިން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ ބެލުމަށް ފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ދައުލަތުން އަހްމަދު ނިޒާރުގެ މައްޗަށް ކުޅަ ދައުވާ އަށް ޝަރީއަތުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ.

comment ކޮމެންޓް