އެލް ސަލްވަޑޯ އިން ގޭންގުތަކުގެ ލީޑަރުންނާ ދެކޮޅަށް ވަރުގަދަ ލަޝްކަރެއް!

އެލް ސަލްވަޑޯ ސަރުކާރުން އިއްޔެ ތައާރަފްކުރި ހާއްސަ ލަޝްކަރުގެ ސިފައިން --

ސެން ސަލްވަޑޯ (އޭއެފްޕީ) - އެލް ސަލްވަޑޯގައި ހަރަކާތްތެރިވާ ގޭންގުތަކުގެ ލީޑަރުން ހޯދައި، ހައްޔަރުކުރުމަށް ސިފައިންނާއި ފުލުހުން އެކުލެވޭގޮތަށް ބަރު ހަތިޔާރާއެކު އާ ސްޕެޝަލް ފޯހެއް އެ ގައުމުގެ ސަރުކާރުން އުފައްދައިފި އެވެ.

ގޭންގުތަކާ ދެކޮޅަށް އެލް ސަލްވަޑޯގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ގައުމުގައި އުޅޭ ކަމަށް ބެލެވޭ 100 ވަރަކަށް ގޭންގު ލީޑަރުން ހައްޔަރުކުރުމަށް އުފައްދާފައިވާ އެ ލަޝްކަރުގައި 600 އާމީ ކޮމާންޑަރުންނާއި ރައިފަލާއެކު ހަރަކާތްތެރިވާނެ 400 އެލީޓް ޕޮލިސް އޮފިސަރުން ހިމެނެ އެވެ.

މީގެ އިތުރުން ހެލިކޮޕްޓަރުތަކާއި ހަތިޔާރު އެޅި ޓްރަކްތައް ވެސް އެ ލަޝްކަރުގައި ހިމެނެ އެވެ.

"އަހަރެމެން އެމީހުންގެ ފަހަތުން ދާނަން. މިގައުމަށް ހަމަނުޖެހުން ގެންނަން އުޅޭ މީހުންނަށް އަދަބު ދޭނަން،" އެލް ސަލްވަޑޯގެ ނައިބް ރައީސް އޮސްކާ އޯޓިޒް ވިދާޅުވެފައިވެ އެވެ.

އެގައުމުގެ ފުލުހުންގެ ޗީފް ހޯވާޑް ކޮޓޯ ވިދާޅުވީ، އިންޓެލިޖެންސް މައުލޫމާތު ލިބިގެން ހަރަކާތްތެރިވާނެ އެ ލަޝްކަރުގެ އަމާޒަކީ މިހާރު ހައްޔަރުނުކުރެވި ތިބި މައިގަނޑު ގޭންގުތަކުގެ ލީޑަރުންތައް ހައްޔަރުކޮށް، އެމީހުން އިސްވެތިބެ ހިންގާ ކުށްވެރިންގެ ޖަމިއްޔާތައް ނައްތާލުން ކަމަށެވެ.

ސެންޓްރަލް އެމެރިކާގައި އޮންނަ އެލް ސަލްވަޑޯއަކީ ހަނގުރާމައެއް ނުކުރާ ގައުމުތަކުގެ ތެރެއިން ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ގައުމެވެ. އެގައުމުގައި ދުވާލެއްގެ މައްޗަށް 22 މީހުން މަރާލައެވެ.

comment ކޮމެންޓް