މާލެއާއި ހުޅުމާލޭގެ ކަރަންޓު ގުޅުވާލާނެ ގޮތް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި

މާލެ، ހުޅުލެ އަދި ހުޅުމާލެ --

މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް ތަފްސީލީ ޑިޒައިން ހަދައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމުން ޒަމާނީ ނިޒާމެއްގެތެރެއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ.

މި އިއުލާނުގައި ވާ ގޮތުން ފިނޭންސް މިނިސްޓްރީން ހޯދަމުން ދަނީ، ދިވެހި ސަރުކާރުގެ ފަރާތުން އެންވަޔަރަންމެންޓް މިނިސްޓްރީން ހިންގާ، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމުގެ މަސައްކަތުގެ ތަފްސީލީ ޑިޒައިނާއި ޓެންޑާ ލިޔެކިޔުންތައް ހަދައިދޭނެ ކޮންސަލްޓަންޓެކެވެ.

އެ އިއުލާނުގައި ވަނީ، ކޮންސަލްޓެންސީއަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތައް މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް"ގައި ހިމެނިފައި ވާނެ ކަމަށާއި، މަސައްކަތް ކޮށް ނިންމުމަށް ދެވޭނީ މަސައްކަތް ހަވާލުކުރާ ތާރީޚުން ފެށިގެން 120 ދުވަސް ކަމަށެވެ.

ފިނޭންސްގެ އިއުލާނުގައި ބުނެފައިވަނީ، ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުޅުވާލާ އިރު، އެކަމަށް ކުރިމަތިލާ ފަރާތުގެ ގާބިލުކަން ސާބިތުކޮށްދިނުމަށްޓަކައި، އެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ތައުލީމީ ފެންވަރާއި ހުނަރާއި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅާން ޖެހޭނީ 14 އޭޕްރިލް ވަނަ ދުވަހުން ފެށިގެން 28 އޭޕްރިލްއާ ދެމެދު ބަންދު ނޫން ދުވަހެއްގައި ލިޔުމަކުން ކަމަށާއި، މަސައްކަތުގެ ބީލަންފޮތް ވެސް އެ މުއްދަތުގައި ފިނޭންސް މިނިސްޓްރީއިން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ބީލަން ފޮތް ފިނޭންސްގެ ވެބްސައިޓުގައި ވެސް ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން އެންވަޔަރަންމެންޓް މިނިސްޓްރީން ވެސް ވަނީ ހަމަ މި މަސައްކަތް ކޮށްދޭނެ ފަރާތަކުން ބީލަން ހުށަހެޅުމަށް އިއުލާނު ކޮށްފަ އެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، މާލެއާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމުން، ބްރިޖުގެ ޒަރިއްޔާއިން ކަރަންޓު އުފައްދައި، މާލޭގެ ކަރަންޓު ވިއުގައާ ގުޅާލާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ހަމައެކަނި ބްރިޖެއް ނޫން އަޅަނީ. ބްރިޖަކީ ތިމާވެއްޓާ ރަހުމަތްތެރި، އެ ބްރިޖުން އަޅުގަނޑުމެން ހަތަރަކާ ހަޔަކާ ދެމެދުގެ މެގަވޯޓުގެ ކަރަންޓު އުފައްދާނަން. ސޯލާ އާއި އޮއިގެ ޒަރިއްޔާ އިން ކަރަންޓު އުފެއްދޭނެ އިންތިޒާމެއް ހަދައި މާލޭގެ ސެންޓްރަލް ގްރިޑުގެ ތެރެއަށް ވެއްދުމަށް ރައީސްގެ ވިސްނުން ފުޅުގައި އެބަހުރި،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖިން ޕިންގ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ގްރޭޓަރ މާލެ ޕަވަރ ޕްރޮޖެކްޓް ހިންގުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި، ސްޓެލްކޯއާއި ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއި ކުރެވިފަ އެވެ.

comment ކޮމެންޓް