ކ. ހުރާގެ ހުޅަނގު ފަރާތު ބީޗުގައި ކެފޭ ރެސްޓޯރަންޓް އަޅައި، އެތަނުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނު ކޮށްފި އެވެ.
ހުރާ ކައުންސިލުން މި މަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރެސްޓޯރަންޓު އެޅުމަށް ދޫކުރާނީ އެރަށު ހުޅަނގު ފަރާތުން، ބަނދަރުގެ ދެކުނުން ފެށިގެން، އެރަށުގައި ހުންނަ ފޯސީޒަންސް ކުޑަހުރާގެ ޓެނިސް ކޯޓާ ދެމެދުން، ހުރާގެ ބީޗުން 6،000 އަކަ ފޫޓުގެ ސަރަހައްދެއް ކަމަށެވެ.
އަދި އެ 6،000 ފޫޓަކީ، ބީޗުން 3،000 ފޫޓާއި އެދިމާލުން މޫދުން ވެސް 3،000 ހިމެނޭ ގޮތަށް ކަމަށް ހުރާ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެ އެވެ. މި ބިން ދޫކުރާނީ ގިނަ ވެގެން 20 އަހަރު ދުވަހަށެވެ.
ހުރާ ކައުންސިލުން ބުނީ، ހުރާގެ ހުޅަނގު ބީޗުގައި ރެސްޓޯރަންޓާއި ކެފޭ އަޅައިގެން އެތަން ހިންގުމަށް ބީލަން ހުށަހެޅުމަށް ދައުވަތު ހުޅުވާލާ ކަމަށެވެ.
ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާ އިރު، ހުށަހަޅާ ފަރާތަކުން ޕެންޝަން ސްކީމަށާއި ޖީއެސްޓީއަށް ރަޖިސްޓަރ ވެފައިވާ ނަމަ، އެފައިސާ ގަވައިދުން ދައްކާ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ކައުންސިލުން ބުނީ، 14 އޭޕްރިލުން ފެށިގެން 12 މެއި ވަނަ ދުވަހާ ހަމައަށް އެ ކައުންސިލުގެ އިދާރާއިން ބިޑު ފޯމު 300 ރުފިޔާއަށް ވިއްކަން ހުންނާނެ ކަމަށާއި، 28 އޭޕްރިލް ބާ ދުވަހުގެ 13:00 ގައި، ހުރާ ކައުންސިލުގެ އިދާރާއިން މައުލޫމާތު ސާފު ކުރުމުގެ ސެޝަނެއް ވެސް އޮންނާނެ ކަމަށެވެ. އަދި އެ ސެޝަނަށް ހާޒިރުނުވާ ފަރާތެއްގެ ބިޑު ބަލައިނުގަންނާނެ ކަމަށާއި، ބިޑު ހުށަހަޅަންޖެހޭ ތާރީޚެއް ވެސް ކަނޑައަޅާނީ އެ ސެޝަނުގައި ކަމަށް ކައުންސިލުން ބުނެ އެވެ.
ގާތްގަނޑަކަށް 1،140 ގެ އާބާދީއެއް އޮންނަ ކ.ހުރާގެ ހުޅަނގު ދެކުނުން، އެއް ފަޅެެއްގައި ދެ ޓޫރިސްޓު ރިސޯޓު އޮވެއެވެ. އެއީ ފޯ ސީޒަންސް ކުޑަ ހުރާއާއި، ކަނު ހުރާގައި ހުންނަ ސިނަމަން ދޮންވެލި މޯލްޑިވްސް އެވެ. އަދި ހަމަ އެ ފަޅުގައި، ހުރާގެ އިރު އުތުރުން ކްލަބް މެޑް ކަނި ރިސޯޓު ވެސް އޮވެ އެވެ.