ތޮލްހަތާއި އިމްރާން އެއް މަސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ (ކ) އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު (ވ): މިދެބޭފުޅުން ވަނީ އެއް މަސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފައި -- ސަން ފައިލް ފޮޓޯ

ހިންމަފުށީ އައްސޭރިޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އެއް މަސް ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، މިއަދު ތޮލްހަތާއި އިމްރާން ގޭބަންދަށް ބަދަލުކުރީ ހިންމަފުށީ އައްސޭރިޖަލުގައި އެ ދެ ބޭފުޅުން ތިއްބަވާ ތަން މަރާމާތު ކުރުމަށް ކަމަށެވެ.

ތޮލްހަތުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަށް އަމުރު ކުރެއްވި މައްސަލާގަ އެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނީ އިމްރާން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަތީއަތަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.

comment ކޮމެންޓް