އިމްރާނާއި ތޮލްހަތު ގޭ ބަންދަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: އޭނާ ގެއަށް ބަދަލު ކުރުމަށް ވަނީ ނިންމާފައި-- ސަން ފައިލް ފޮޓޯ

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ތޮލްހަތާއި އިމްރާން ގޭ ބަންދަށް ބަދަލުކުރަން ނިންމީ އައްސޭރި ޖަލުގައި އެ ދެ ބޭފުޅުން ތިއްބަވާތަން މަރާމާތު ކުރުމަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ގޭ ބަންދަށް ބަދަލު ކުރަނީ ކިހާ މުއްދަތަކަށް ކަން އެނގޭނީ އެކަންތައް ނިމުމުން ކަމަށެވެ.

ތޮލްހަތު 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި އޭނާގެ ބައިވެރިވުމެއް އޮތްކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

އިމްރާން 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ މިދިއަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖުހުންތައް ހިނގީ އެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަފުޅުގެ ސަބަބުން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭތީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. ދެ ބޭފުޅުން ވެސް ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

comment ކޮމެންޓް