މެލޭޝިޔާއިން ހެޔޮ އަގުގައި ތެޔޮ ލިބިއްޖެ ނަމަ ކަރަންޓު އަގު ހެޔޮ ވާނެ: ރައީސް

މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން އެ ދަތުރުފުޅާ ބެހޭގޮތުން ރައީސް ޔާމީން މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުން އަގު ހެޔޮކޮށް ތެޔޮގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، ހެޔޮ އަގުގައި ތެޔޮ ލިބިއްޖެ ނަމަ ކަރަންޓުގެ އަގުވެސް ހެޔޮވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެ ދަތުރުފުޅުގައި ރާއްޖެއާ މެލޭޝިޔާއާ ދެމެދު އޮތް ބައެއް ވިޔަފާރިތަކުގައި ހުރި ނުތަނަވަސްކަން ހައްލު ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ މީގެ އަހަރުތަކެއް ކުރިންވެސް ރާއްޖެއަށް ތެޔޮ ގެނައި މެލޭޝިޔާގެ ޕެޓްރޮނަސް ކުންފުނިން ރާއްޖެއަށް ސާފުކުރި ތެޔޮ ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ތެޔޮ ގަތުމުގެ އިތުރުން، ތެޔޮ ގެންނަ އިރު ނަގާ އަގުންނާ، ފައިސާ ދެއްކުމުގެ ކްރެޑިޓް މުއްދަތުގައި ފަސޭހަ ގޮތްތަކެއް ހޯދުމަށްވެސް މަޝްވަރާކުރެވުނު ކަމަށެވެ.

"ދެން މިކަންވެސް ވަރަށް ރަނގަޅަށް ކޮށްދެއްވާނެ ކަމަށް މެލޭޝިޔާ ސަރުކާރުން ކަށަވަރުކަން ދެއްވި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ މަޝްވަރާތަކުގައި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަހީރު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މަޝްވަރާތަކަށްފަހު އެމްޑީ ޝަހީރު ޕެޓްރޮނަސް ކުންފުންޏާ ބައްދަލުކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ކޮންސެޝަންތަކެއް ލިބިގެންދާނެ. ތެޔޮވެސް ހެޔޮ ވެގެން ގޮއްސިއްޔާ ކަރަންޓުގެ އަގު ހެޔޮވެގެންދާނެ" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި، މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހަށް އޮންއެރައިވަލް ވިސާ އިތުރުކޮށްދިނުމާއި ޑިޕެންޑެންޓް ވިސާގެ މައްސަލައަށް ވެސް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ވަނީ މަޝްވަރާކުރައްވާފަ އެވެ.

comment ކޮމެންޓް