އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް އައިއެފްޖޭ އިން ސަރުކާރަށް ގޮވާލައިފި

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ހުސައިން މަނިކު: ބިލް ހުށަހެޅުއްވި --

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާޢި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަމަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، އެ ބިލު އަނބުރައި ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ބިލު ސަރުކާރުން ހުށަހެޅީ، ރާއްޖޭގައި މިހާރު ވެސް ނާޒުކު ފައްތަރެއްގައި އޮތް މީޑިއާ ކަނޑައެޅިގެން އިތުރަށް ބަލިކަށި ކޮށްލައި، ސަރުކާރަށް ފާޑު ކިޔަމުންދާ ފަރާތްތަކުގެ އަޑު ކަނޑައިލުމަށް ކަމަށެވެ.

އައިއެފްޖޭ އިން ބުނީ، މި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށަކަށް ބަދަލު ކުރަން ހުށަހަޅާފައިވާ އިރު، އެއީ ބއިނަލްއަގްވާމީ މިންގަނޑުތަކާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށާއި އެއީ ޚިޔާލު ފާޅުކުރުމަށާއި މިނިވަން މީޑިއާ އަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

"މި ބިލު މިހާރުން މިހާރަށް އަނބުރައި ގެންގޮސް، ކަމާ ބެހޭ އެކި ސްޓޭކްހޯލްޑަރުންނާ އެކު، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މި ޖަމިއްޔާ އިން ދިވެހި ސަރުކާރާށް ގޮވާލަން،" އައިއެފްޖޭގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އައިއެފްޖޭ އިން މިފަދައިން ގޮވާލާފައިވާ އިރު، މިހަފްތާގައި ރާއްޖޭގެ މީޑިއާގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނާއި އެޑިޓަރުން ވަނީ އެ ބިލާ ގުޅިގެން އެފަރާތްތަކުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެގޮތުން، މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތްގޮތަށް ފާސްކޮށްފި ނަމަ، 2004 އާއި 2008 އާ ދެމެދު ދިވެހިން ތަޖުރިބާކުރި ފަދަ، ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ "އަންޑަގްރައުންޑް މީޑިއާ"ތަކެއް އުފެދި، އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.

"ނޫސްވެރިކަމާޢި ރައްޔިތުންގެ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، އެ ނިޒާމު ރަނގަޅާށް މަސައްކަތް ކުރާ ގޮތް ނުވެއްޖެ ނަމަ، ދެން އުފެދޭ، ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ވެބްސައިޓުތަކަށް ރައްޔިތުންގެ ގިނަ ބަޔަކު އެނބުރޭނެކަން 2004 އިން 2008 އާ ދެމެދު ދިވެހިން ވަނީ ތަޖުރިބާ ކޮށްފަ އެވެ،" ނޫސްވެރިން ބުންޏެވެ.

މަޖިލީހަށް ހުށަހެޅިފައިވާ، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ބިލުގެ ދަށުން ކުށެއް ކޮށްފި މީހަކު 50،000 ރުފިޔާ އާއި ފަސް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. އޭގެ އިތުރުން، އެ ބިލުގެ ދަށުން، މީހެއްގެ އަބުރާ ބެހޭ ފަދަ ކޮންޓެންޓް ޕަބްލިޝް ކުރާ ނޫސް ނުވަތަ ވެބްސައިޓުތަކުގެ ލައިސެންސް ކެންސަލް ވެސް ކުރެވޭނެ އެވެ.

ނޫސްވެރިން ނެރުނު ބަޔާނުގައި ބުނީ އެއްވެސް މީހެއްގެ އަބުރަށް އަރައިގަންނަ ނަމަ، މީޑިއާ ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މުއައްސަސާތައް މެދުވެރިކޮށް އެކަން ކުރެވިދާނެ ކަމަށެވެ. އަދި އެތަންތަނުން އެކަންކަން ކުރުމުގައި ދަތިތަކެއް ހުރި ނަމަ، އެ މުއައްސަސާތަކުގެ މެކޭނިޒަމަށް ބަދަލުގެނެސްގެން އެކަން ހަރުދަނާ ކުރެވިދާނެ ކަމަށެވެ.

comment ކޮމެންޓް