ރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބު( އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބު)ގައި ކަށަރުކޮށްދީފައިވާ ސިޔާސީ އަދި މަދަނީ މިނިވަންކަން ދިފާއުކުރުމަށް ތެދުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކާއި މީޑިއާ ހިމެނޭ ގޮތުން ސިވިލް ސޮސައިޓީގެ ހަރަކާތްތެރިވުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެގައި ވަނީ "ގައުމީ މަސްލަހަތަށް ގެއްލުންވާ ގޮތަށް" ހިޔާލުފާޅުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަން ވެރިކަން ކުރާ ޕާޓީ އިން މަޖިލީހަށް ހުށަހެޅި ބިލާ މެދު ކަންބޮޑުވާ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ އަބުރާ ބެހުމަކީ ކުށެއް ކަމަށް ކަނޑައަޅާ ގާނޫނުގެ ބިލަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކުޑަކުރުމަށް ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި ފާސްކުރަމުން އަންނަ ޑިމޮކްރަސީއާ ދެކޮޅު ގާނޫނުތަކުގެ ސިލްސިލާއަށް އިތުރުވާ ބޮޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެބިލު މަޖިލީހަށް ހުށަހަޅާފައި މިވަނީ 1.22 ބިލިޔަން ރުފިޔާގެ ބޮޑު ހިޔާނާތެއްގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ވަގުތެއްގައިކަން ފާހަގަކުރާ ކަމަށެވެ.
އަބުރާބެހުމަކީ ކުށެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައިވާ ބިލުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 50000 ރުފިޔާ އިން ފެށިގެން ފަސް މިލިޔަނާ ހިސާބަށް ޖޫރިމަނާ ކުރުމެވެ. އަދި ޖަލަށް ވެސް ލެވޭ ގޮތަށެވެ.