އެމެރިކާގައި ކުރިއަށްދާ މިއާމީ އޯޕަން ޓެނިސް މުބާރާތުން އިނގިރޭސިވިލާތުގެ އެންޑީ މަރޭ ކަޓައިފިއެވެ.
އެ މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ މަރޭ ކޭޓީ އިއްޔެ ކުޅުނު ތިން ވަނަ ބުރުގެ މެޗުގައި ދުނިޔޭގެ 26 ވަނަ އަށް ސީޑް ކޮށްފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އަތުން 6-7 (1-7) 6-4 އަދި 6-3 އިން ބަލިވެގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މަރޭ ބުނީ އެ މެޗުން ބަލިވުމުން ދެރެވާ ކަމަށާއި މިފަހަރު ވެސް މުބާރާތުގެ ތަށި ދިފާއު ކުރެވޭނެ ކަމަށް އުންމީދު ކުރި ކަމަށެވެ.
"މެޗުގައި އުންމީދު ނުކޮށް ހުރި ގިނަ ކަނަތައްތަކެކާ ކުރިމަތިވި. ގްރިގޯގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް. ނަތީޖާއާ މެދު ވަރަށް މާޔޫސްވެފަ މި ހުރީ،" މަރޭ ބުންޏެވެ.
މިއާމީ އޯޕަން ޓެނިސް މުބާރާތުން މަރޭ ކެޓިއިރު އެ މުބާރާތުގެ އެންމެ ފަހުގެ އަންހެން ޗެމްޕިއަން ސެރީނާ ވިލިއަމްސް ވެސް ވަނީ ކަޓާފައެވެ. ސެރީނާ އެ މުބާރާތުން އަލަވަދާއު ކިޔަން ޖެހުނީ ރަޝިއާގެ 15 ވަނަ އަށް ސީޑްކޮށްފައިވާ ސެވިޓެލްނާ ކުޒްނެޓްސޯވާ އަތުން 6-7 (3-7) 6-1 6-2 އިން ބަލިވެގެންނެވެ.
އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ޖޮހަންނާ ކޮންޓާ ދަތުރު ކުރިއިރު މިއީ އެ މުބާރާތުގެ ތާރީހުގައި ވެސް އިނގިރޭސި އަންހެން ޓެނިސް ކުޅުންތެރިއަކު ކުއާޓާ އިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
އިނގިރޭސި އެއް ވަނަ އަންހެން ޓިނެސް ކުޅުންތެރިއާ ކޮންޓާ އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ރޯމޭނިއާގެ މޮނިކާ ނިކްލަސް 5-0، ދެ ވަނަ އަދި ތިން ވަނަ ސެޓް ވެސް 6-2 ބަލިކޮށްގެންނެވެ.