ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު. ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ފުލުހުންގެ ހިދުމަތްފެށިތާ 83 އަހަރު ފުރުން ފާހަގަކުރުމަށް ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ބޭއްވި އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ޤުރުއާނުގެ ބަރަކާތުން ފެށި އެރަސްމިއްޔާތުގައި ގައުމީ ދިދައާއި ފުލުހުންގެ ދިދަ ނެގުމުގެ އިތުރުން އޮތީ ފުލުހުންގެ އަޒުމް އާކުރުމާއި ހާއްސަ ދުއާއެއް ކުރުމެވެ.

ދިދަނެގުމުގެ ރަސްމިއްޔާތުގައި ކަމިޝަނަރު އޮފް ޕޮލިސް އަޙުމަދު އަރީފާއި ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އަޙުމަދު ސަޢުދީއާއި އޮފިސަރުންނާއި ކަމިޝަންޑް އޮފިސަރުންނާއި ނަން ކަމިޝަންޑް އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވިއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައި ޤާއިމް ވެފައިވާ 7 ޑިވިޜަން ކަމުގައިވާ އަޕަރ ނޯތު ޕޮލިސް ޑިވިޜަން އާއި ނޯތު ޕޮލިސް ޑިވިޜަން އާއި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ އިތުރުން އަޕަރ ސައުތު ޕޮލިސް ޑިވިޜަން އާއި ސައުތު ޕޮލިސް ޑިވިޜަންގައި ޤާއިމް ކުރެވިފައިވާ ހުރިހާ ޕޮލިސް ސްޓޭޝަން ތަކުގައިވެސް މިރޭ 00:00 ގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮތެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ރަސްމީ ޚިދުމަތެއްގެ ގޮތުގައި ފެށިފައިވަނީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެކުލަވައިލެވި ގާނޫނު އަސާސީގައި ކަނޑައެޅުނު ފަދައިން އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނައަހަރު މާރޗް 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ ހިދުމަތް ސިފައިންގެ ޚިދުމަތާއި އެއްފުރާޅެއްގެ ދަށުން ދެމުން އައިސް ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސީ 2004 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމުހޫރިއްޔާ މައުމޫނު ޢަބްދުލް ޤައްޔޫމު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް