ރާއްޖޭގެ ދިރޭތަކެތީގެ ނަސްލާ ބެހޭ ފަސް ވަނަ ރިޕޯޓް މިއަދު ނެރެފި އެވެ.
ދިރޭތަކެތީގެ ނަސްލާ ބެހޭ ފަސް ވަނަ ރިޕޯޓަކީ ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާއެއް ކަމަށްވާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ އިން ލާޒިމުކުރާތީ އެންވަޔަރްމެންޓް މިނިސްޓްރީން އެކުލަވައިލި ރިޕޯޓެކެވެ. އެ ރިޕޯޓް ނެރެދެއްވީ އެކަމަށް ޓަކައި ޝީބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ.
މިއަދު ނެރުނު ރިޕޯޓްގައި ހިމެނޭ މައުލޫމާތު ތަކުގެ ތެރޭގައި ފަރުތަކާއި ކަނޑުތަކުގެ ދިރުންތަކާއި ބެހޭ މައުލޫމާތުތައް ހިމެނެ އެވެ. އަދި އެއްގަމުގެ ދިރުންތަކާއި ޗަސްބިމާއި ފާތަކާއި ކުޅިތަކާއި ގަސްގަހާގެއްސާއި ދޫނިސޫފާސޫތްޕާ ބެހޭ މައުލޫމާތު ވެސް އެރިޕޯޓްގައި ހިމެނެ އެވެ. އިގުތިސާދީ ގޮތުން ދިރޭތަކެތީގެ ނަސްލު އަދާކުރާ ދައުރާއި އިޖުތިމާއީ ދުޅަހެޔޮކަމާއި ދިވެހިންގެ އާދަކާދަޔާއި ދިރިއުޅުމުގެ ވަށްޓަފާޅިއާއި ދެމެހެއްޓެނިވި ތަރައްގީ އެތަކެތީގެ ނަސްލާ ގުޅިފައިވާ މިންވަރު ބަޔާންކުރައްވާފައިވެ އެވެ.
ރާއްޖޭގައި ދިރޭތަކެތީގެ ނަސްލުގެ ހާލަތު އޮތް ގޮތާއި އެތަކެއްޗަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި އެތަކެތީގެ ނަސްލަށް އަންނަ ބަދަލަކުން ކުރިމަތިވާނެ ކަންތައްތައް ވެސް އެރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.
ރިޕޯޓް ތައްޔާރުކުރީ ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީން ލިބުނު ހިލޭ އެހީގެ ދަށުން ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ކުރެއްވީ ޑރ. ސިމާދު ސައީދު އެވެ.
ރިޕޯޓް ނެރެދެއްވުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވީ ރާއްޖޭގެ އިގުތިސާދަކީ ބަޔޯ ޑައިވާސިޓީއާ ގުޅިގައިވާ އިގުތިސާދެއް ކަމަށެވެ.
ރިޕޯޓްނެރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީތަކާއި ސްކޫލްތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއަދު ނެރުނު ރިޕޯޓް އެންވަޔަރްމެންޓް މިނިސްޓްރީން އެބޭފުޅުންނަށް ހަދިޔާކުރެއްވި އެވެ.