ތިމާވެށީގެ ދާއިރާ އިން މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ދުނިޔެއަށް ކުރިމަތިވެގެން އުޅޭ އެލްނީނޯގެ އަސަރުތައް ރާއްޖެއަށް ކުރާނެކަން އެނގިފައިވުން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.
ދިރޭތަކެތީގެ ނަސްލާ ބެހޭ ފަސް ވަނަ ރިޕޯޓް އާއްމުކުރުމަށް ޝީބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެލްނީނޯގެ އަސަރުތައް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރާނެ ކަމަށް ސައިންސްވެރިން ވިދާޅުވެފައިވާ ކަމަށެވެ.
"އެލްނިނޯ އިފެކްޓް ހަމަ ރާއްޖެއަށް ވެސް ކުރާނެ ކަމަށް ސައިންޓިސްޓުން މިހާރު ވިދާޅުވެފައި މި އޮތީ. އަދި ކުރިއަށް އޮތް މަސް ތެރޭގައި އޭގެ އަސަރުތައް ކުރަމުން އަންނާނެ ކަމަށް. ރާއްޖޭގެ ބައެއް ފަރުތައް ހުދުވުމުގެ އަސަރުތައް ކުރާނެ ކަމަށް،" ތާރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެލްނިނޯގެ އަސަރު ކުރުން ހުއްޓުވަން ކުރެވޭނެ ކަމެއް ނެތް ކަމަށާއި ނަމަވެސް އެކަމުން ލިބޭ ގެއްލުމުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ފަރުތަކަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ތަރައްގީގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ތާރިގު ވިދާޅުވީ އެގޮތަށް ކަންތައްކޮށްފިނަމަ ލަސްތަކެއް ނުވެ ފަރުތައް އަލުން ދިރި ހެދިގެން އަންނާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.
"...އެހެން މި ދަންނަވަނީ 1998 ވަނަ އަހަރު އަޅުގަނޑުމެންގެ ރާއްޖެއަށް އައި އެލްނިނޯގައި ވެސް ރާއްޖޭގެ ފަރުތަކުގެ އަޅުގަނޑު ހަނދާން ވަނީ ގާތްގަނޑަކަށް 80 ނުވަތަ 90 ޕަސެންޓް ފަރުތައް އޮތީ މުޅިން ހަލާކުވެފައި. ނަމަވެސް އޭގެ 15 ވަރަކަށް އަހަރު ފަހުން މިއަދު މިވަނީ ރާއްޖޭގެ ފަރުތައް ކުރިން އޮތް ހާލަތަށް އައިސްފައި،" ތާރިގު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަރުތަކަކީ ގެއްލުންތައް ތަހައްމަލުކޮށް، އެ ގެއްލުންތަކުން އަރައިގަންނަ (ރިސީލިއެންޓް) ތަންތަން ކަމަށާއި އެކަން އެހެންވަނީ އެ ފަރުތައް ހިމާޔަތް ކުރަން ރާއްޖޭގައި މަސައްކަތް ކުރާތީ ކަމަށެވެ.
"...އަޅުގަނޑުމެން ގަލެއް ނުނަގަން. އަޅުގަނޑުމެން ރަށްރަށުގެ ގޮނޑޮދޮށްތަކުން ވެއްޔެއް ނުނަގަން،" ރާއްޖޭގައި ފަރުތަކަށް ދޭ ސަމާލުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ތާރިގު ވިދާޅުވިއެވެ.