މުސްތަގްބަލުގައި ރައީސްކަމަށް ކުރިމަތިލައިފާނެ ކަމަށް "ދަ ރޮކް" ބުނެފި

ޑްވޭން ޖޯންސަން ---

މުސްތަގްބަލުގައި ރައީސްކަމަށް ކުރިމަތިލައިފާނެ ކަމަށް ކުރީގެ ޑަބްލިއުޑަބްލިއުއީގެ ރެސްލާ އަދި މިހާރު އެކްޓަރު ޑްވޭން ޖޯންސަން "ދަ ރޮކް" ބުނެފި އެވެ.

"ސޭން އެންޑްރިއަސް" ގެ ތަރި އެހެން ބުނެފައިވަނީ، ވެރިކަމަށް އޭނާ ކުރިމަތިލާންޖެހޭ ސަބަބުތައް ބަޔާންކޮށް އޭނާގެ ސަޕޯޓަރުން ޝާއިރުކުރި ލިޔުމަކާ ގުޅިގެންނެވެ. ޓްވީޓާގައި ކުރި ޕޯސްޓެއްގައި ޖޯންސަން ބުނީ، ވައިޓް ހައުސްއާ ދިމާލަށް ދިއުމުގެ ހިޔާލަކީ ވަރަށް "ކޫލް" ކަމެއް ކަމަށެވެ.

"ރައީސްކަމަށް ކުރިމަތިލާންޖެހޭ ސަބަބުތަކާ ގުޅޭގޮތުން ލިޔެފައިވާ ލިޔުން ވަރަށް ކޫލް. ފަހަރެއްގައި ކޮންމެވެސް އެއް ދުވަހެއްގައި. ހަމަގައިމު ވެސް ވައިޓް ހައުސްގައި އަހަރެންގެ ޕިކަޕަށް ހާއްސަ ތަންކޮޅެއް އޮންނާނެ،" އުމުރުން 43 އަހަރުގެ އެކްޓަރު ބުނެފައިވެ އެވެ.

އެމެރިކާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ، ރިޕަބްލިކަންގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ އޮންނަ ޖޯންސަންގެ ފޭނުން ލިޔެފައިވާ ލިޔުމުގައި، 2000 ވަނަ އަހަރު ރިޕަބްލިކަންގެ ކޮންވެންޝަންގައި ވާހަކަދެއްކުމަށް ޖޯންސަންއަށް ދައުވަތުދީފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އޭނާއަކީ ގާނޫނު ތަންފީޒުކުރާ މީހުންނާއި އަސްކަރިއްޔާ އިންވެސް އިހުތިރާމްކުރާ، އާއިލީ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް