ބިދޭސީންލައްވައި މަސައްކަތްކޮށްގެން ލިބޭ ފައިސާއިން ނަފާ ހޯދާ އެތައް ދިވެހިންނެއް މި ރާއްޖޭގައި އެބައުޅެ އެވެ. އެއީ ދިވެހި ރާއްޖޭގައި ދިވެހިންނަށް އޮތް ފުރުސަތެކެވެ. ނަމަވެސް މިފަހަރު ދަށްކަން މި އުޅެނީ ތަފާތު ވާހަކައެކެވެ. އެއީ ދިވެހި ރާއްޖޭގައި ދިވެހިން ލައްވައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީގެ ފުރިހަމަ ބޭނުން ބިދޭސީން ކޮށްލާ ކަމެވެ. އެއީ އެތައް ޒުވާނުންނެއް ޝައުގުވެރިވާ ފޮޓޯގުރަފީ ދާއިރާ އެވެ.
ބިދޭސީ ފޮޓޯގުރާފަރުންގެ އުނދަގޫ ބޮޑުވެ ދިވެހިންނަށް އެ ފުރުސަތު ގެއްލިގެން ދިއުމާއެކު މިދިޔަ އަހަރު ކުރީކޮޅުގައި ސަރުކާރުން ވަނީ ފޮޓޯގުރަފީ ދާއިރާއަކީ މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތަށް ހަމަޖައްސާފަ އެވެ. އެއާއެކު ފޮޓޯ ނެގުމާއި އެ ވިޔަފާރިން ނަފާ ހޯދުމުގެ ހުއްދަ ލިބިގެންދާނީ ހަމައެކަނި ދިވެހިންނަށެވެ. ނަމަވެސް ކަން ވަނީ މުޅިން އެހެނަކުން ނޫނެވެ.
އެ ގަވައިދު ތަންފީޒު ކުރަން ފެށުމާއެކު ވެސް އެތައް ބިދޭސީންނެއް މަސައްކަތް ނުހުއްޓައި އެ ދާއިރާގައި އުޅުނެވެ. ސަރުކާރުން އޭރު ދިޔައީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ފޮޓޯގުރަފީ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލަން ފެށި އެވެ. އަދި އެގޮތަށް މަސައްކަތް ކުރި ކުންފުނިތަކާމެދު ފިޔަވަޅު އަޅަން ފެށި އެވެ. ނަތީޖާއަކަށްވީ އަދިވެސް ގޮތް ދޫނުކޮށް އެ ބިދޭސީން އެހެން މަގެއް އިހުތިޔާރު ކުރުމެވެ.
ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ފޮޓޯގުރާފަރުން މިފަހަރު ހިޔާރު ކުރިމަގަކީ ދިވެހިން ބޭރަށް ނެރެ އޭގެ ނަފާ އެ މީހުންގެ ޖީބަށް ލެވޭނެ ގޮތެވެ. ލިބޭ ފައިސާ އިން ކުޑަ އެއްޗެއް ދިވެހި މީހާއަށް ލިބޭ ގޮތަށް ދިވެހިންގެ ނަމުގައި ކުންފުނި ހަދައި އެ ވިޔަފާރި ކުރުމެވެ.
އެގޮތުން ފޮޓޯގުރަފީ ދާއިރާއަށް އާ ކުދިން ކުޑަ މުސާރައެއް ދީގެން އޭގެ ފައިދާ ނަގަންފެށީ އެވެ. ގާތްގަނޑަކަށް 350 އާއި 450 ޑޮލަރުގެ މުސާރައެއް ދީ އެ ކުދިން ލައްވައި ފޮޓޯ ނެގުމުގެ ކަންކަން ކުރަންފެށި އެވެ. އެގޮތަށް ނަގާ އިވެންޓްތަކުން ލިބޭ ފައިސާތައް ޖަމާވަނީ ބިދޭސީންގެ އެކައުންޓްތަކަށެވެ. ދިވެހިންނަށް ދެނީ އޭގެން ކުޑަ މުސާރައެކެވެ.
ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ ވިދާޅުވި ގޮތުގައި އެގޮތަށް މަސައްކަތްކުރާ ކުންފުންޏަކުން ރާއްޖޭގެ 15 ރިސޯޓެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެހެން ލިބޭ އާމްދަނީގެ ތެރެއިން މަހެއްގެ މައްޗަށް ދެ ލައްކަ ޑޮލަރު ނުވަތަ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ މަހެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ގެންދާ ކަމަށެވެ.
"ސަރުކާރުގެ ވިސްނުމަކީ ބިދޭސީންގެ އަތުން އެކަން ނަގައި ދިވެހިންނަށް އެފުރުސަތު ދިނުން، އެކަމަކު އެ މަގުސަދު ހާސިލެއް ނުވޭ،" ޝާފީ ވިދާޅުވިއެވެ.
ލިބޭ ނަފާއިން ވަކި ބައެއް ދިވެހިންނަށް ދޭ ގޮތަށް ބިދޭސީން އަދިވެސް ފުޅާ ދާއިރާއެއްގައި ފޮޓޯ ނެގުމުގެ ދާއިރާގައި މި ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތަށް މަސައްކަތް ކުރާ ބިދޭސީން ހުޅުމާލޭގައި ވެސް އުޅެއެވެ.
"ފޯކަލް ޕޮއިންޓަކަށް ދިވެއްސެއް ބަހައްޓައި އެ ލިބޭ ފައިސާއިން ކަޓެއް ދީ އަނެއްބައި ނަގަނީ ބިދޭސީން،" ފޮޓޯގުރަފީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.
ބިދޭސީން ފޮޓޯގުރާފަރުންގެ މަގާމަށް މިހާރު ރާއްޖެ ނުގެނެވެ އެވެ. އެއީ މަނާކަމެކެވެ. އެހެންކަމުން މިފަހަރުވެސް ކަންކުރަނީ އެހެން އުސޫލެއްގެ މަތިންނެވެ. އެގޮތުން ތަފާތު އެކިއެކި މަގާމުތަކުގެ ނަމުގައި ބިދޭސީން ގެނެސް ރިސޯޓްތަކުގައި ފޮޓޯ ގުރާފަރުންގެ ވަޒީފާގައި ގެންގުޅެނީއެވެ.
"މިހާރު ބައެއް ރިސޯޓްތަކުގައި މި އުޅެނީ ފޮޓޯ ގުރާފާ ނަމެއްގައެއް ނޫން، އެޑިޓާ ނަމުގައި ފޮޓޯ ނަގާމީހުން އެބައުޅޭ، އެކި ނަންނަން ބޭނުން ކޮށްގެން އެބައުޅޭ،" ޝާފީ ވިދާޅުވިއެވެ.
ފޮޓޯ ގުރާފަރުންގެ އެކަންބޮޑުވުން ތަކާމެދު ރެޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އެފަދަ ޝަކުވާތަކެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ބިދޭސީންނަށް ނޫޅެވޭނެ ދާއިރާއަކަށްވާއިރު އެ ވިޔަފާރި ކުރާ ފަރާތްތަކުން ޖޫރިމަނާކޮށް އިމިގުރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވިދާޅުވިއެވެ.
މިލިއަނުން ނަފާ ލިބޭ އެ ދާއިރާއިން ދިވެހިން މިވަނީ އަދިވެސް ބާކީވެފަ އެވެ. އެއީ ކީއްވެ ހެއްޔެވެ؟ ދިވެހިން ކިބައިގަ އެހުނަރު ކުޑައީތޯއެވެ؟ ދިވެހި ފޮޓޯގުރާފަރުން ބުނަމުންދަނީ ދިވެހި ފޮޓޯގުރާފަރުންގެ ފެންވަރު މާ ރަނގަޅު ކަމަށެވެ. އެފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ދިވެހިންނަށް ފުރުސަތު ނުދީ ބިދޭސީންނަށް ފުރުސަތު ދެނީ ބިދޭސީން "ކަޓު" ދޭތީއެވެ.
ޝާފީ ވިދާޅުވީ، ރިސޯޓްތަކުގައި ކުންފުނިތައް ހަދައިގެން ގިނަ އަދަދެއްގެ ބިދޭސީ ފޮޓޯގްރާފަރުން ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން 1500 އަށްވުރެ ގިނަ ދިވެހިން ހަރަކާތްތެރިވާ އެ ދާއިރާއިން ދިވެހިންނަށް ފުރުސަތު ގެއްލި ފޮޓޯގްރަފީގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ.
ސަރުކާރުން އެޅި ފިޔަވަޅުން ބާގަނޑެއް ބިދޭސީން އެ ވަނީ ހޯދާފައެވެ. އެއާއެކު ނަހަމަ ގޮތުގައި އެވިޔަފާރިކޮށް ނަފާ ހޯދަންވެސް މިވަނީ ފަށާފަ އެވެ. އެތައް ސަތޭކަ ދިވެހިންގެ ހިތާއި ގުޅިފައިވާ ދާއިރާއިން ގަވައިދާ ހިލާފަށް އެ ފައިސާތައް ރާއްޖެއިން ބޭރަށް އެ ވަނީ ގެންދަން ފަށާފަ އެވެ. ދިވެހި ފޮޓޯގުރާފަރުންގެ އެދުމަކީ އެކަމަށް ހައްލެއް ހޯދުމެވެ.