"ޓީބީ ނައްތާލުމަށް އެންމެން އެކަތިގަނޑަކަށްވަމާ"

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ޓިއުބޮކިއުލޮސިސް ނުވަތަ ޓީބީ ދުވަހާ ގުޅިގެން ހުރިހާ ގައުމަކާ ޕާޓްނަރުން، ޓިއުބަކިއުލޮސިސް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުމަށް އެކަތިގަނޑަކަށްވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ގޮވާލައިފި އެވެ.

"މައިކްރޯބެކްޓީރިއަމް ޓިއުބޮކިއުލޮސިސް" ނަމަކަށް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ އިންފެކްޝަން ބައްޔެއް ކަމަށްވާ ޓީބީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ފުއްޕާމެޔަށެވެ. ނަމަވެސް ހަށިގަނޑުގެ އެހެނިހެން ހިސާބުތަކަށް ވެސް އޭގެ އަސަރުކުރެ އެވެ. ވައިގެ ޒަރިއްޔާއިން ފެތުރޭ ޓީބީ ބަލި ދުނިޔޭގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި މީހުންނަށް ޖެހިފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.

ދެހާސް ތިރީސް ވަނަ އަހަރުގެ ކުރިން ދުނިޔެ އިން ޓީބީ ނައްތާލުމަކީ އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ނުވަތަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)ގެ އަމާޒެކެވެ. އަދި އެއީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ވެސް ލަނޑުދަނޑިއެކެވެ.

ޓީބީ ނައްތާލުމަށް އދ. އިންނާއި ޑަބްލިއުއެޗްއޯ އިން މިހާތަނަށް ކުރަމުންދާ މަސައްކަތުގައި ވަނީ އެދެވޭ ނަތީޖާތަކެއް ވެސް ނެރެފަ އެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޓީބީ ޖެހިފައިވާ 43 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުން އެއީ ޓީބީއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެއްބަ އެވެ. މިއަދު ވެސް ނުރައްކާތެރި ޓީބީގެ ސަބަބުން ކޮންމެ ދުވަހަކު 4000 މީހުންގެ ފުރާނަ ދަނީ ގެއްލެމުންނެވެ. އެ ޖަމިއްޔާ އިން ބުނާގޮތުން، ޓީބީ ބަލި އެންމެ ބޮޑަށް ފެތުރެނީ އެކަހެރިވެފައި އޮންނަ ފަގީރު އަދި ނާޒުކު މުޖުތަމައުތަކުގައި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ޓީބީއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ކާމިޔާބު ލިބޭނީ ސަރުކާރުތަކާއި ޕާޓްނަރުންނާއި ސިވިލް ސޮސައިޓީތަކާ މުޖުތަމައުތަކުންނާއި ތަހުލީލުވެރިންގެ އިތުރުން ޕްރައިވެޓް ސެކްޓަރުންނާއި ތަރައްގީ އަށް މަސައްކަތްކުރާ އެޖެންސީތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ޓީބީއާ ދެކޮޅަށް މިހާރު ވެސް ގައުމުތަކުން އާއުކުޅުތަކާ އާލާތްތައް ބޭނުންކޮށްގެން ކުރަމުންގެންދާ މަސައްކަތްތަކާއި، ހާއްސަކޮށް ދުނިޔޭގެ އެހެން ގައުމުތަކަށްވުރެއް ޓީބީ އާއި މަލްޓިޑްރަގް ރެސިސްޓަންޓް ޓީބީ (އެމްޑީއާރު-ޓީބީ) ޖެހިފައިވާ މީހުން އެންމެ ގިނަ އިންޑިއާ އިން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ.

ޓީބީއާ ގުޅުންހުރި މުހިއްމު ނުކުތާތައް:

  • ޓީބީ ހިމެނެނީ އެޗްއައިވީ، އެއިޑްސް ފަދަ ދުނިޔޭގެ ނުރައްކާތެރި އިންފެކްޝަން ބަލިތަކުގެ ތެރޭގައި
  • 2014 ވަނަ އަހަރު ޓީބީ ޖެހިގެން 9.6 މިލިއަން މީހުން ބަލިވި. އަދި 1.5 މިލިއަން މީހުން އެ ބަލީގައި މަރުވި.
  • ޓީބީ ބަލީގައި މަރުވި މީހުންގެ 95 މީހުންނަކީ ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ މީހުން.
  • އުމުރުން 15 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުން މަރުވާ ފަސް ސަބަބުގެ ތެރޭގައި ޓީބީ ބަލި ހިމެނޭ
  • ޓީބީ ބަލީގައި މަރުވާ މީހުންގެ ނިސްބަތް 1990 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު 47 ޕަސެންޓް ދަށްވި
  • ޓީބީ ޑައިގްނޯސިސް އަދި ފަރުވާގެ ސަބަބުން 2000 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 43 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވޭ

ޓީބީ ނައްތާލުމަށް ގިނަ ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ނާޒުކު ސިއްހީ ހިދުމަތްތަކާއި އިންސާނީ ވަސީލަތްތަކާއި އަދި އެކަށީގެންވާ ބަޖެޓެއް ނެތުމުގެ މައްސަލައަކީ ދިމާވަމުންދާ ގޮންޖެހުންތައް ކަމަށް އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ، އެންމެ ހަލުވިކަމާ ކާމިޔާބުކަމާ އެކު ޓީބީ ނައްތާލުމަށް ބޭނުންކުރެވޭނެ އުކުޅަކީ މައިކްރޯބިއަލް ރެސިސްޓެންސް ކަމަށެވެ. ނަމަވެސް ޓީބީ ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިރާސާތަކާއި އެހެނިހެން ކަންކަމަށް އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށްވެސް ޑަބްލިއު އެޗްއޯއިން ވަނީ ހާމަކޮށްފަ އެވެ. އެއީ ޓީބީ ނައްތާލަން ކުރިމަތިވާ އެންމެ ބޮޑު އެއްގޮންޖެހުންކަމުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ގޮންޖެހުންތަކާ ހަނގުރާމަކޮށް ޓީބީ ނައްތާލަން އެކަށައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ދުނިޔޭގެ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާ އެކު އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އޮގަނައިޒޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް