ގާނޫނީ ވަކީލު އަހްމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތަށް ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ސުޕްރީމް ކޯޓުން ފުރުސަތު ދީފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުން ފުރުސަތު އެރުވުމުން ދައުލަތުން ވަނީ މައްސަލަ ހުށަހަޅަން ފަށާފައެވެ.
މުއްރަތު އެ މައްސަލަ އިސްތިއުނާފުނުކުރުމުން މުރަތައް އިއްވި މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަށަވަރުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ދައުލަތުގެ ފަރާތުންނެވެ.
ދައުލަތުގެ ފަރާތުން މައްސަލަ ހުށަހަޅަމުންދަނިކޮށް ވަކި ހިސާބަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އެ މައްސަލައަކީ ގާނޫނީ ވަކީލަކާ ނުލައި ކުރިއަށްގެންދެވޭނެ މައްސަލައަކަށް ނުވާތީ އެކަމާ މެދު ފަނޑިޔާރުން މަޝްރާކޮށްލަން ހުސްވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ.
ހުސްވަގުތުކޮޅަށްފަހު އުއްތަމަ ފަނޑިޔާރު ކުރެއްވި ސުވާލުގެ ޖަވާބުގައި މުއްރަތު ބުނީ އަމިއްލައަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ކަމަށާއި ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށެވެ.
މުއްރަތު އެހެން ބުނުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިމުނީ ކަމަށެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގެވަގުތެއްގައި ނަޖީބު އަވަހާރަކޮށްލިކަން ޝަރީއަތަށް ސާބިތުވެ މުއްރަތު މެރުމަށް ހުކުމް އިއްވާފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.
މުއްރަތުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު، މުރަތައް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.
ވަޅިން ހަމަލާދީ ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.
ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.
މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން އަދި އެ މައްސަލަ ނުނިންމައެވެ.