ހުޅުމާލޭ ބާބެކިއު ސަރަހައްދުގައި ނާށި އެންދުން މަނާކޮށްފި

ބާބެކިއު ހެދުމަށް ނާށި އަންދަނީ: ހުޅުމާލެ ބާބަކިއު ހަދާ ސަރަހައްދުގައި ނާށި އެންދުން މަނާ ކުރާ އުސޫލެއް ހެދުމަށް ދަނީ ތައްޔާރުވަމުން-- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ބާބެކިއު ހަދާ ސަރަހައްދުގައި ނާށި އެންދުން މަނާކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ސައިމަން "ސަން"އަށް ރޭ ވިދާޅުވީ، ނާށި އެންދުން މަނާކުރީ ނާށި އަންދާ އިރު އަރާ ދުމުގެ ސަބަބުން މީހުންނަށް އުނދޫވާނެތީ އާއި ގަސްގަހާގެއްސަށް ގެއްލުން ވާތީ ކަމަށެވެ.

"މިހާރު ބާބެކިއު ހަދަން އަންދަން ޖެހޭނީ ކޯލް، ކޯލް ވިއްކަން ހުންނާނެ އެ ސަރަހައްދުގައި ހުންނަ ޓަކް ޝޮޕުން،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭ ބާބެކިއު ސަރަހައްދުގައި ނާށި އެންދުން މަނާކުރާ އުސޫލެއް ގާއިމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ވަނީ މިދިޔަ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހު ބުނެފަ އެވެ.

ކޯލް ނުވަތަ ބޯޓު ދެލި: ނާށީގެ ބަދަލުގައި ބޯޓު ދެލި ބޭނުން ކުރުމަށް ދަނީ ބާރު އަޅަމުން

ސައިމަން އޭރު ވިދާޅުވީ، ނާށި އެންދުމަކީ މުޅި އެ ސަރަހައްދު "ހަލާކުވާން" މެދުވެރިވާ ސަބަބެއް ކަމަށެވެ.

އޭނާ އޭރު ވިދާޅުވީ، ކޯލް ވިއްކާނީ އެ ސަރަހައްދުގައި ހުންނަ ފިހާރައަކުން ކަމަށާއި އެކަމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން އެ ފަރާތަށް ލިބުނުހާ އަވަހަކަށް އެ އުސޫލު ގާއިމު ކުރާނެ ކަމަށެވެ.

"ނާށި އެންދުމަކީ އެކަހަލަ ތަންތަނުގައި ކުރަން ހެޔޮވާވަރު ކަމެއްވެސް ނޫން. އެހެންވެ އެތަނުން ކޯލް ވިއްކަން ފަށާނެ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެބޭފުޅުން ވަނީ ހުއްދައަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައި. އެހެންވީމަ ހުއްދަ ލިބުނުހާ އަވަހަކަށް އެބޭފުޅުން އެ ވިއްކަން ފަށާނެ އެހިސާބުން އެތަނުގައި ނާށި އެންދުން މަނާވާނެ،" ސައިމަން ވިދާޅުވި އެވެ.

comment ކޮމެންޓް