ދިވެހ ފައިސާގެ 5 ރުފިޔާގެ ނޫޓު އުވައިލައި 1000 ރުފިޔާގެ ނޫޓެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިވަނީ ތަޢާރަފުކޮށްފަ އެވެ.
ފައިސާގެ ޑިނޯމިނޭޝަންތައް އޮންނަ ގޮތް ބަދަލު ކުރުމަކީ އިގުތިސާދަށް އަންނަ ބަދަލުތަކާއި، މުޖުތަމައުގެ އިގުތިސާދީ އަދި މާލީ އުރުފުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކޮށްގެން ކުރާން ޖެހޭ ކަމެކެވެ. އެމްއެމްއޭގެ މިނިންމުމާ ގުޅިގެން އުފެދޭ އެއް ސުވާލަކީ، 5 ރުފިޔާގެ ނޫޓު އުވައިލައި 1000 ރުފިޔާގެ ނޫޓު ތައާރަފު ކުރުން މުހުތާދު ވާ ވަރުގެ އިގުތިސާދީ ބަދަލުތަކެއް ރާއްޖެއަށް އަތުވެއްޖެ ހެއްޔޭ، މި ސުވާލެވެ. މިގޮތަށް ދިވެހި ފައިސާޔާ ކުޅުމުން ލާދަ މަތި ވެ، ގައުމުގެ އިގުތިސާދަށް ނުހަނު ބޮޑު ގެއްލުން ލިބޭ ތަން އައުމަކީ ވަރަށް ގާތް ކަމެކެވެ.
ލާދަ ނުވަތަ "އިންފްލޭޝަން" އަކީ ގައުމަކަށް ލައިގަންނާނެ އެންމެ ވޭނީ އެއް މުސީބާތް ކަން ތާރީޚުން އެތައް ފަހަރަކު ވަނީ ފެނި ސާބިތު ވެފައެވެ. ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު ޖަރުމަނަށް ކުރިމަތި ވި ހާލަތެވެ. ދެވަނަ ބޮޑު ހަނގުރާމަޔަށް ފަހު ގްރީސަށް ކުރިމަތި ވި ހާލަތެވެ. ސޮވިއެޓް ޔޫނިއަން އުވިދިޔުމުން ޔޫގޯސްލާވިޔާ ކުރި ތަޖުރިބާއެވެ. 2008 ވަނަ އަހަރުން ފެށިގެން ޒިންބާބުވޭ ތަހައްމަލު ކުރަމުން ދާ ލާދައިގެ މައްސަލަތަކެވެ. ލާދައިގެ ސަބަބުން މި ގައުމުތަކުގައި، އެތައް މިލިއަން ރައްޔިތުންގެ މުޅި ދިރިއުޅުން ބަރުބާދު ވެގެން ދިޔަ މަންޒަރު މުޅި ދުނިޔެ ވަނީ ދެކެފައެވެ. ފަންސަވީސް ތިރީސް އަހަރުގެ ބުރަ މަސައްކަތުން އެއްކޮށްފައި ހުންނަ އެތައް ލައްކަ ރުފިޔާއިން، ޕާންގަނޑެއް ވެސް ނުގަނެވޭ ހާލަތު، މި ގައުމުތަކުގެ ރައްޔިތުން ވަނީ ތަޖުރިބާ ކޮށްފައެވެ. ލާދައިގެ ހިތި ނަތީޖާއެވެ.
ދިވެހި ފައިސާގެ ބާރު، އަމިއްލަ އިގުތިސާދީ އިންޖީނެއްގެ ބާރުގައި ހިފަހައްޓައިދޭނޭ އިގުތިސާދީ އަސާސްތަކެއް އަދި އެފަދަ އުފެއްދުންތެރިކަމެއް ރާއްޖެއަކު ނެތެވެ. މިހާރުވެސް ދިވެހި ފައިސާގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓަނީ ކޮންޓްރޯލް ކޮށްގެންނެވެ. ފައިސާގެ ޑިނޯމިނޭޝަނުގެ އޮނިގަނޑާ ކުޅެގަތުމުން، އޭގެ އާޚިރު ނަތީޖާއެއްގެ ގޮތުން ކޮންޓްރޯލަކަށް ވެސް ނުއޮބެހެއްޓޭ ވަރަށް ފައިސާގެ އަގު ވެއްޓިގެން ދާން ފަށައިފި ނަމަ، ހިތަށް ވެސް ނުގެނެވޭ ފަދަ ބޮޑު ގެއްލުން ގައުމުގެ އިގުތިސާދަށާއި ގައުމުގެ ރައްޔިތުންނަށް ލިބޭނެއެވެ.
ދިވެހި ދައުލަތް މިހާރު ވެސް އޮތީ ދަރަނީގެ ފުން ވަޅުގަނޑެއްގެ ތެރޭގައެވެ. އެ ވަޅުގަނޑުން އަރައިގަތުމަށް ޓަކައި ސަރުކާރުން ޕްލޭންތަކެއް އެބަ ގެންގުޅުއްވާ ކަމާއި، މުހިއްމު މަސައްކަތްތަކެއް އެބަ ކުރައްވާ ކަން އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ނަމަވެސް އަދި ހަމަ ގައިމު ވެސް ގައުމު މި އޮތީ ދަރަނީގެ ވަޅުގަނޑުގެ ތެރޭގައެވެ. މި ފަދަ ދަނޑިވަޅެއްގައި، ދިވެހި ފައިސާގެ ޑިނޯމިނޭޝަންތައް ހުރި ގޮތް ބަދަލު ކުރާން އުޅުން ފަދަ ކަންކަމީ ކުރާން ހެޔޮ ވާ ވަރުގެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.
5 ރުފިޔާގެ ނޫޓު އުވައިލުން
އެމްއެމްއޭގެ އެއް ނިންމުމަކީ ދިވެހި ފައިސާގައި މިހާރު ނޫޓުން ގެންގުޅެވޭ އެންމެ ކުޑަ ޑިނޯމިނޭޝަން ކަމަށް ވާ 5 ރުފިޔާގެ ނޫޓު އުވައިލައި، 5 ރުފިޔާ އަކީ ފައިސާފޮތީން ގެންގުޅެވޭ ޑިނޯމިނޭޝަނަކަށް ހެދުމުގެ ނިންމުމެވެ.
ފަސް ރުފިޔާގެ ނޫޓު ޑިނޯމިނޭޝަން އުވައިލާން ޖެހޭ ކަމަށް ބުނެ އެމްއެމްއޭއިން ދައްކާ ސަބަބަކީ، އެ ނޫޓަކީ މިހާރު "ހަމައެކަނި މާރު ކުރެވޭ ނޫޓަކަށް ވެފައި އޮތް" ކަމަށް ބުނާ ބުނުމެކެވެ.
މިއީ ފަސް ރުފިޔާގެ ނޫޓު އުވައިލާން ޖެހޭ ސަބަބެއް ބާވައެވެ! މާރު ކުރާ ނޫޓު ހުރެގެން ނުވާނެ ހެއްޔެވެ؟ ފައިސާގެ ކޮންމެ ޑިނޯމިނޭޝަނެއްގެ މެ މައިގަނޑު އެއް ބޭނުމަކީ އެއަށްވުރެ ބޮޑެތި ނޫޓުތައް މާރު ކުރުން ނޫން ބާވައެވެ! ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ފެށިގެން މެލޭޝިޔާއާ ހަމަޔަށް، އެތައް ގައުމެއްގައި ފައިސާގެ 1 ގެ ޑިނޯމިނޭޝަންގެ ނޫޓު ގެންގުޅޭ އިރު، 1 ގެ ނޫޓަކީ މާރު ކުރާ ނޫޓެކޭ ބުނެ، އެ ނޫޓުތައް އުވައިލާން އެ ގައުމުތަކުން ނުނިންމާ ސަބަބަކީ ކޮބައި ހެއްޔެވެ؟ 5 ރުފިޔާގެ ނޫޓަކީ މާރު ކުރާ ނޫޓެކޭ އެ ނޫޓުގެ އެހެން ބޭނުމެއް ނެތޭ އެމްއެމްއޭއިން ވިދާޅުވާ އިރު، ޕިގީ ބޭންކުގައި، އަތުގައި ހުންނަ ފައިސާ ފޮތި ބޭނުން ނުކޮށް ރައްކާ ކުރާ ގޮތަށް، އަތުގައި ހުންނަ 5 ރުފިޔާގެ ނޫޓު ބޭނުން ނުކޮށް ރައްކާ ކުރަނީ ކިތައް މީހުން ބާވައެވެ!
5 ރުފިޔާގެ ނޫޓު އުވައިލުމުން ރާއްޖޭގެ މާލީ ނިޒާމަށް ކުރާނޭ އެއްވެސް ފައިދާއެއް އޮތް ކަމަށް ނުފެންނަ އިރު، މީގެ ސަބަބުން ނުކުތަސް ނުކުންނާނީ ނުބައި ނަތީޖާއެކެވެ. 5 ރުފިޔާގެ ނޫޓު އުވައިލުމުން މައިގަނޑު ދެ މައްސަލައެއް ކުރިމަތި ވާނެ ކަމަށް ލަފާ ކުރެވެއެވެ. އެއް މައްސަލަޔަކީ 5 ރުފިޔާގެ ޑިނޯމިނޭޝަން ނެތުމުން، ދުވަހީ ދިރިއުޅުމުގައި ނަގުދު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ދިމާ ވާނޭ ދަތިތަކެވެ. އަނެއް މައްސަލަޔަކީ "އިންފްލޭޝަން" ނުވަތަ ލާދައިގެ މައްސަލައެވެ.
މުއާމަލާތަށް ދަތި ވުން
ފައިސާގެ ބޮޑު ޑިނޯމިނޭޝަނެއް ހިފައިގެން ފިހާރަޔަށް ދާ މީހާ ވިޔަފާރި ކުރުމުން، ބާކީ ފައިސާ ދިނުމަށް ޓަކައި، އޭނަ ގެންނަ ބޮޑު ނޫޓު މާރު ކުރާނޭ ކުދި ޑިނޯމިނޭޝަންތައް ހުރުމަކީ ވިޔަފާރިއަށް މަގުފަހި ކޮށްދޭ އެންމެ މުހިއްމު އެއް ބަހާއެވެ. ބޮޑެތި ޑިނޯމިނޭޝަންތައް ބަހައިލާނޭ ކުދި ޑިނޯމިނޭޝަންތައް ނެތް ނަމަ، އޭގެ މާނައަކީ ފައިސާގެ ޒަރޫރީ އެއް ސިފަ ކަމަށް ވާ "ޑިވިޒިބިލިޓީ" ގެއްލިގެން ދިޔުމެވެ. "ޑިވިޒިބިލިޓީ" ނެތް ފައިސާއެއް އެއީ ޒަމާނީ އިގުތިސާދެއްގައި ބޭނުން ކުރެވޭނެ ފައިސާއެއް ނޫނެވެ. ފަސް ރުފިޔާގެ ޑިނޯމިނޭޝަންގެ ނޫޓު އުވައިލުމުން، ދިހަ ރުފިޔާގެ "ޑިވިޒިބިލިޓީ" ވަރަށް ބޮޑަށް ގެއްލިގެން ދާނެއެވެ.
އެމްއެމްއޭ ބުނާ ގޮތުގައި، ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފައިސާފޮއްޗެއް ތައާރަފު ކުރެވޭނެއެވެ. އަދި މި ފައިސާފޮތީގެ ސަބަބުން، ފަސް ރުފިޔާގެ ނޫޓު ނެތުމުގެ އުނިކަން ފޫބެއްދޭނެއެވެ.
ނަމަވެސް، ފަސް ރުފިޔާގެ ކޮއިނަކީ، ފަސް ރުފިޔާގެ ނޫޓު ނެތުމުން ލިބޭނޭ އުނިކަމަށް، އަދި ކުރިމަތި ވާނޭ ބޮޑެތި ދަތިތަކަށް ލިބޭނޭ ފުރިހަމަ ފަރުވާއެއް ނުވަތަ ފުރިހަމަ ހައްލެއް ނޫނެވެ. އެހެނީ، ފައިސާފޮއްޗަކީ، ފައިސާގެ ޒަރޫރީ އެއް ސިފަ ކަމަށް ވާ "ޕޯރޓެބިލިޓީ" އާއި "ކޮންވީނިއެންސް" ނުވަތަ ފަސޭހައިން އުފުލައި ގެންގުޅެވުމުގެ ސިފަ، ބޭންކް ނޫޓާ އަޅާ ބަލާ އިރު މާ ބޮޑަށް ވެސް ކުޑަ އެއްޗެކެވެ. ވޮލެޓަށް އަޅައިގެން ފަސޭހަކަމާ އެކު ޖީބުގައި ގެންގުޅެވެނީ ނޫޓެވެ. ފައިސާފޮއްޗަކީ ވޮލެޓަށް އަޅައިގެން އުޅުން އުނދަގޫ، ޖީބަށް ބަރު އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން، މީސްތަކުން އާއްމު ގޮތެއްގައި ފައިސާފޮތި ގެންގުޅުމަކަށް ތަރުހީބެއް ނުދެއެވެ. ނޫޓުން ކުރާ ވިޔަފާރީގެ ތެރެއިން ޖީބަށް ލެވޭ ފައިސާފޮތިތައް ކޮންމެ މީހަކަށް ވެސް ވަނީ ބަރަކަށެވެ. ދުވަސް ނިމިގެން ގެއަށް ވަދެފައި، ކޮންމެ މީހަކު ވެސް ޖީބުގައި ހުންނަ ފައިސާފޮތިތައް މަތާރަންފިލާގައި ހުންނަ ފައިސާފޮތި އަޅާ ދަޅަށް ނުވަތަ ފުޅިއަށް ލަނީ މި ދަންނަވާ ސަބަބާ ހުރެއެވެ.
އެހެންކަމުން، 5 ރުފިޔާގެ ފައިސާފޮއްޗެއް ތައާރަފު ކުރުމަކީ، ކުރީން ވެސް ދެންނެވި ފަދައިން، އެ ޑިނޯމިނޭޝަނުގެ ނޫޓު ނެތުމުގެ އުނިކަން އެކަށޭނަ ގޮތަކަށް ފޫބައްދައިދޭނެ ފިޔަވަޅެއް ނޫނެވެ. އަދި އެއީ ދިހަ ރުފިޔާގެ ނޫޓަށް އެކަށީގެން ވާ ފަދަ "ޑިވިޒިބިލިޓީއެއް" ގަރަންޓީ ކޮށްދޭނޭ ފިޔަވަޅަކަށް ނުވާތީ، އެމްއެމްއޭގެ އޮފިޝަލުން ކޮންމެ އެއްޗެކޭ ވިދާޅު ވިޔަސް، ފަސް ރުފިޔާގެ ނޫޓު އުވައިލުމަކީ، ދިވެހި ފައިސާގެ "ޑިވިޒިބިލިޓީ" އަށް ލިބޭނޭ ވަރަށް ބޮޑު އުނިކަމެކެވެ. ވިޔަފާރިވެރީންނާއި އާއްމުންނަށް، އާއްމު ގޮތެއްގައި ބޭނުން ކުރާ ކޮންސިޔުމަރ އައިޓަމްތަކުން ވިޔަފާރި ކުރުމުގައި ބޮޑު ތަކުލީފުތަކެއް ކުރިމަތި ކުރުވާނޭ ކަމެއް މެއެވެ.
ލާދައަށް ހުޅުވޭ ދޮރެއް
ދެ ސަބަބަކަށް ޓަކައި، ފަސް ރުފިޔާގެ ނޫޓު އުވައިލުމުން ލާދަޔަށް މަގުފަހި ވެގެން ހިނގައިދާނޭ ކަމަށް ވެސް ދަންނަވާން ޖެހެއެވެ.
ފުރަތަމަ ކަމަކަށް، އާއްމު ގޮތެއްގައި ފައިސާގެ ނޫޓު ޑިނޯމިނޭޝަންތައް ދަށުގެ އަދަދުތަކުން ނުހުންނަނީ، އަދި ނޫޓު ޑިނޯމިނޭޝަންތައް ބޮޑެތި އަދަދުތަކުން ހުންނަނީ ލާދައިގެ މައްސަލަ އާދަޔާ ޚިލާފަށް ބޮޑު ގައުމުތަކުގައެވެ. މިސާލަކަށް، އިންޑޮނީޝިޔާގައި ބޭންކް ނޫޓު އެންމެ ދަށްކޮށް ހުންނަނީ 1000 ރުޕިއާގެއެވެ. އެހެންކަމުން، އެއްވެސް ގައުމެއްގައި، ފައިސާގެ ކުޑަ ޑިނޯމިނޭޝަނެއް އުވައިލުމަކީ އެ ގައުމެއްގައި ލާދައިގެ މައްސަލަ ގޯސް ވާ ކަމުގެ އަލާމާތެއް ކަމަށް އާއްމުން ދެކެއެވެ. ފައިސާގެ ކުޑަ ޑިނޯމިނޭޝަނެއް އުވައިލުމުން، ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގުތައް އުފުލޭން ފަށަނީ އާއްމުންގެ މި ވިސްނުމުގެ ސަބަބުންނެވެ. ދިވެހި ފައިސާގެ 5 ރުފިޔާގެ ނޫޓު އުވައިލެވުމުން ވެސް ހަމަ މި ދަންނަވާ މައްސަލަ ކުރިމަތި ވުން ވަރަށް ގާތެވެ.
ދެވަނަ ކަމަކަށް، ކުރީން ވެސް ދެންނެވި ފަދައިން، ފައިސާގެ ގޮތުގައި ގެންގުޅޭ އެއްޗެއްގެ ހުރުން ލާޒިމު އަދި ޒަރޫރީ އެއް ސިފަޔަކީ "ޕޯރޓެބިލިޓީ" އާއި "ކޮންވީނިއެންސް" ގެ ސިފައެވެ. އެބަހީ، ފައިސާގެ ގޮތުގައި ގެންގުޅެވޭ އެއްޗަކީ ފަސޭހަކަމާ އެކު ގެންގުޅެވޭ އަދި ފަސޭހަކަމާ އެކު އެއް ތަނުން އަނެއް ތަނަށް އުފުލޭ ނުވަތަ ގެންދެވޭ އެއްޗަކަށް ވާން ޖެހޭ ކަމެވެ. ފައިސާފޮއްޗަކީ އުފުލައި ގެންގުޅޭން އުނދަގޫ އެއްޗެކެވެ. އެހެންކަމުން، 5 ރުފިޔާ އަކީ ނޫޓެއް ނެތް، ހަމައެކަނި ފައިސާފޮތީން ގެންގުޅެވޭ ޑިނޯމިނޭޝަނަކަށް ހަދައިފި ނަމަ، އެ ކުރެވޭ ކަމަކީ ދިވެހި ފައިސާގެ 10 ރުފިޔާއިން ދަށުގެ ޑިނޯމިނޭޝަނެއް ގާތްގަނޑަކަށް ނެއްތައިލުމެވެ. އެއިރުން 1 އާއި 2 އާއި 5 ގެ ހުންނާނީ ފައިސާފޮއްޗެވެ. ވީމާ މި ޑިނޯމިނޭޝަންތައް ބޭނުން ކުރުން ވާނީ އުނދަގޫ ކަމަކަށެވެ. އޭގެ ނަތީޖާއަކަށް ވާނީ 10 އާ ކައިރީގައި ހުރި ކޮންމެ އަގެއް، "ނިއަރެސްޓް 10" އަކަށް މައްޗަށް އުފުލުމެވެ.
އެންމެ މިސާލެއް ނަގަމާ ހިންގަވާށެވެ. މިހާރު ޓެކްސީ ދަތުރެއްގެ އަގަކީ 25 ރުފިޔާއެވެ. މިހާރު، ޓެކްސީއަކަށް އަރާ މިހާ ޚިދުމަތް ހޯދުމަށް ފަހު، ޑްރައިވަރަށް ދިހަ ރުފިޔާގެ ތިން ނޫޓު ދިނީމާ، ބާކީ ފަސް ރުފިޔާގެ ނޫޓެއް ފަސޭހަކަމާ އެކު ދެވިދާނެއެވެ. އެކަމަކު، ފަސް ރުފިޔާގެ ނޫޓު އުވައިލުމުން، ދެން ޚިދުމަތް ހޯދާ މިހާ ޓެކްސީ އަށް ފައިސާ ދެއްކުމުން، ބާކީ ދޭން ޖެހޭނީ ފަސް ރުފިޔާގެ ފައިސާފޮއްޗެއް ބޭނުން ކޮށްގެންނެވެ. ފައިސާފޮއްޗަކީ ގެންގުޅޭން އުނދަގޫ އެއްޗަކަށް ވާތީ، މީސްތަކުން އެއާ ދުރުހެލި ވާ ވުމުގެ ނުސީދާ ނަތީޖާއަކަށް ދެން ވާނީ، ޓެކްސީ ދަތުރުގެ އަގު 25 އިން 30 އަށް އުފުލުމެވެ. 25 އިން 30 އަށް އަގު ބޮޑު ކުރުމުން، އެއްކަލަ ފައިސާފޮތީ "އުނދަގުލުން" ސަލާމަތް ވެވޭނެތީއެވެ.
މި ދެންނެވި ބަދަލު އެތައް މުދަލެއްގެ، އަދި އެތައް ޚިދުމަތެއްގެ އަގުތަކަށް އަންނާނެއެވެ. މިސާލަކަށް، މިހާރު 15 ރުފިޔާއަށް ވިއްކާ ފެންފުޅީގެ އަގު، ކުރިޔަށް އޮތް ތަނުގައި 20 ރުފިޔާއަށް ބަދަލު ވެގެން ދާނެއެވެ. މި ޙާލަތުގެ ސަބަބުން ތަކެތީގެ އަގު ބޮޑު ވެ، ލާދައިގެ މައްސަލަ ދާނީ ގޯހުން ގޯހަށެވެ.
އިގުތިސާދާއި މާލީ ނިޒާމަށް އަންނަ ބަދަލުތައް އަންދާޒާ ކުރުމަކީ އުނދަގޫ ކަމެކެވެ. އަޅުގަނޑު މި ދެންނެވި ބަދަލު ނައުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ. ނަމަވެސް އެހެން ވުމަކީ ނުހަނު ގާތް ކަމެކެވެ. ވީމާ، ރާއްޖެ ކަހަލަ ފައިސާގެ ބާރު ދަށް އަދި އުފެއްދުންތެރިކަމެއް ނެތް ގައުމެއްގައި، ގައުމީ ފައިސާގެ ކަންކަމުގައި އެ ވަރުގެ ރިސްކުތައް ނެގުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
ފައިސާފޮތީގެ ހަގީގީ ފައިދާއެއް ނެތް
ފައިސާފޮއްޗަކީ، ކުރީން ވެސް ދެންނެވުނު ފަދައިން، މީސްތަކުން އެ އެއްޗަކާ ދުރުހެލި އެއްޗެކެވެ. ގިނަ ފަހަރު، ފައިސާފޮތި ހުންނާނީ ގޭގައި ހުންނަ ޕިގީ ބޭންކުގައި ނުވަތަ ފައިސާފޮތި އަޅާ ދަޅު ނުވަތަ ފުޅީގައެވެ. ތިމާގެ ފައިސާ މިގޮތަށް ޕިގީ ބޭންކުގައި ބެހެއްޓުމުން، އެ ފައިސާ އަކީ އޭގެ ވެރިޔާ އިންވެސްޓް ނުކޮށް، ބޭނުމެއް ނުހިފައި ބާއްވައިފައި އޮންނަ "އައިޑްލް" ފައިސާއެވެ. އިގުތިސާދީ އިލްމުވެރީން ވިދާޅުވާ ގޮތުން، އެއީ ވެސް ސަރުކާރަށް ދެއްކޭ ފާޑެއްގެ ޓެކުހެކެވެ. އެއީ ސަރުކާރަށް ފައިދާ ލިބޭ، އެކަމަކު އޭގެ ވެރިޔާއަށާއި ގައުމުގެ އިގުތިސާދަށް ގެއްލުން ކުރުވާ އެއްޗެކެވެ.
ފައިސާފޮއްޗަކީ ނޫޓަށް ވުރެ ޑިޔުރެބިލިޓީ ބޮޑު އެއްޗެކޭ ބުނެ، 5 ރުފިޔާގެ ނޫޓު އުވައިލައި، 5 ރުފިޔާގެ ފައިސާފޮތި ތައާރަފު ކުރުމާ ދެކޮޅު އެހެން ޒުވާބެއް ވެސް އެބައޮތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހި ފައިސާއަކީ މިހާރު ވެސް "ޑިޔުރެބިލިޓީ" ގެ ސިފަ އެކަށޭނަ މިންވަރަކަށް ހުރި އެއްޗެކެވެ. އެހެންކަމާއެކު ވެސް، ކަރުދާހު ނޫޓުގެ ޑިޔުރެބިލިޓީ ދަށް ވެގެން އެ ނޫޓު އުވައިލާ ނަމަ ވެސް، 5 ރުފިޔާގެ ނޫޓު އެއްލައިލައި އެ ޑިނޯމިނޭޝަނުގެ ފައިސާފޮއްޗަށް ހިޖުރަ ކުރުމުގެ ބަދަލުގައި، ޕޮލިމާރ ނޫޓު އިޚްތިޔާރު ކުރުން މާ ރަނގަޅެވެ. ދިވެހިރާއްޖޭގައި ވެސް ޕޮލިމާރ ނޫޓު މިހާރު ވަނީ ތައާރަފު ކުރެވިފައެވެ.
ކުރީންވެސް އަޅުގަނޑު ދެންނެވި ފަދައިން، ގައުމެއްގެ ފައިސާގެ ޑިނޯމިނޭޝަންތައް ހުންނަ ގޮތް ބަދަލު ކުރުމަކީ ވަރަށް ވިސްނައިފައި ނޫނީ ކުރުން ހެޔޮ ވާ ވަރުގެ ކަމެއް ނޫނެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި، 1 ޑޮލަރުގެ ބިލު ނުވަތަ ނޫޓު އުވައިލުމާ މެދު ސީރިއަސްކޮށް ބަހުސް ކުރަމުން ގެންދާތާ މިހާރު 46 އަހަރު ވެއްޖެއެވެ. އެއީ 1969 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އަދިވެސް އެ ފިޔަވަޅު ނާޅައެވެ. އެފަދަ ފިޔަވަޅެއް އެޅުމުގެ ނަތީޖާތައް އަތުވެދާނޭ ގޮތަކާ މެދު، އެ ގައުމުގެ އިގުތިސާދީ އިލްމުވެރީންނާއި މާލީ އިދާރާތަކުން ފަރުވާތެރި ވާލެއް ބޮޑުކަމުންނެވެ.
1000 ރުފިޔާގެ އައު ނޫޓު
އެމްއެމްއޭ އިން މި ވަނީ ދިވެހި ރުފިޔާގެ އައު ނޫޓު ޑިނޯމިނޭޝަނެއްގެ ގޮތުގައި، 1000 ރުފިޔާގެ ނޫޓެއް ތައާރަފުކޮށްފަ އެވެ. މައިގަނޑު ތިން ނުކުތާއެއްގެ މައްޗަށް ވިސްނުން ހިންގައިލުމުން، މިއީ ވެސް ފައިދާއަށް ވުރެ ގެއްލުން އެތައް ގުނައެއް ބޮޑު ނިންމުމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ.
09 މާރިޗު 2015 ގައި ސަން އޮންލައިނުގައި އޮތް ޚަބަރެއްގައި ބުނެފައި ވާ ގޮތުން، 1000 ރުފިޔާގެ ނޫޓު ތައާރަފު ކުރެވުނީ، "ފައިސާގެ ބޮޑެތި މުއާމަލާތްތައް ކުރައްވާ ފަރާތްތަކަށް ފަސޭހައަކަށް" އެ ނޫޓު ތައާރަފު ކުރާން ޖެހިގެން ކަމަށް އެމްއެމްއޭގެ ވެރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ތަފާތު އެތައް ގޮތަކަށް ވިސްނުމުން ވެސް، އެމްއެމްއޭއިން އެ ވިދާޅުވާ ވާހަކަ އަޅުގަނޑުގެ ބުއްދިއަކަށް ގަބޫލެއް ނުކުރެވެއެވެ.
މާލީ މުޢާމަލާތްތައް ކުރުމުގައި، މި ޒަމާނުގެ ގޮތަކީ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުމެވެ. ބޮޑެތި އަދަދުތަކުގެ މުޢާމަލާތްތައް މިހާރު ވެސް ގިނައިން ކުރަނީ ބޭންކުތައް މެދުވެރިކޮށެވެ. ކުރިމަގުގައި އެފަދަ މުޢާމަލާތުތައް ބޭންކު މެދުވެރިކޮށް ކުރުން ދާނީ އިތުރު ވަމުންނެވެ. ދުނިޔޭގެ ކުރި އަރައިފައި ވާ އިގުތިސާދުތަކުގެ މިސްރާބަކީ "ކޭޝްލެސް" މުޖުތަމައުތަކަކަށް ވުމެވެ.
1969 ވަނަ އަހަރުގެ ކުރިން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި 500 ޑޮލަރާއި 1000 ޑޮލަރުގެ ބިލު ނުވަތަ ނޫޓު ގެންގުޅުނެވެ. އެ އަދަދުތަކުގެ ނޫޓު އެއިރު އެމެރިކާގައި ގެންގުޅުނީ "ފައިސާގެ ބޮޑެތި މުޢާމަލާތްތައް ހިންގުމަށް ފަސޭހަ ވާނެ" ކަމަށް ބަލައިގެންނެވެ. ނަމަވެސް އިލެކްޓްރޯނިކް ފައިސާ ތައާރަފު ވެ، ބޮޑެތި މުއާމަލާތްތަކުގެ ފައިސާ ބަދަލު ކުރުން ބޭންކުތައް މެދުވެރި ކޮށް ކުރުމުގެ މަގު ފަހި ވެގެން ދިޔުމާ ގުޅިގެން އެމެރިކާ ސަރުކާރުގެ މާލީ އިދާރާތަކުގެ ވިސްނުން ވަގުތުން ބަދަލު ކުރިއެވެ. އެ ދަނޑިވަޅުގައި އެމެރިކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހެދި "ކޯސްޓް-ބެނެފިޓް އެނާލިސިސް" އެއްގެ ނަތީޖާ ދައްކާ ގޮތުން، ފައިސާގެ ބޮޑެތި އަދަދުތަކުގެ ޑިނޯމިނޭޝަންތައް ޗާޕް ކޮށްގެން ރައްކައުތެރިކަމާ އެކު ގެންގުޅުމަކީ އާޚިރުގައި މާ ޚަރަދު ވެސް ބޮޑު ކަމެކެވެ. ސަބަބަކީ ބޮޑު އަދަދުތަކުގެ ޑިނޯމިނޭޝަންތަކުގެ ވަގު ފައިސާއާ ދެކޮޅަށް ކުރާން ޖެހޭ މަސައްކަތް ބޮޑު ވުމެވެ. ހަމަ މި ދިރާސާއިން ދެއްކި ގޮތުގައި، މަސްތު ވާ ތަކެއްޗާއި އެނޫން ވެސް އެ ބާވަތުގެ ވަގު ވިޔަފާރިތަކާއި ޣައިރުޤާނޫނީ މުޢާމަލާތުތަކުގައި ބޭނުން ކުރެވެނީ ބޮޑެތި ޑިނޯމިނޭޝަންތަކުގެ ނޫޓެވެ. މި ހުރިހާ ކަމަކަށް ރިޢާޔަތް ކޮށް، 1969 ވަނަ އަހަރު އެމެރިކާ ސަރުކާރުން ވަނީ 500 ޑޮލަރާއި 1000 ޑޮލަރުގެ ނޫޓު އުވައިލައިފައެވެ. ރައީސް ރިޗަރޑް ނިކްސަން ނެރުއްވި ތަންފީޒީ އަމުރަކުންނެވެ.
މި ދެންނެވީ އެމެރިކާގެ ވާހަކައެވެ.
އަވަށްޓެރި އިންޑިޔާގައި ވެސް 500 ރުޕީސް އާއި 1000 ރުޕީސްގެ ނޫޓު އުވައިލުމާ މެދު ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. އިންޑިޔާގެ ބޮޑެތި އިގުތިސާދީ އިލްމުވެރީންގެ ގިނަ ބޭފުޅުން އެތައް ހުއްޖަތެއް ދައްކަވައި، ވިދާޅުވަމުން ގެންދަވަނީ މި ދެ އަދަދުގެ ނޫޓު އުވައިލާން ޖެހޭ ކަމަށެވެ. އެކަން ނުކޮށް، އިތުރު ދިރާސާތައް ކުރުމަށް ޓަކައި ވަގުތު ހޭދަ ކުރަމުން ދަނީ އެންމެ ސަބަބަކަށް ޓަކައެވެ. އެއީ ގައުމުގެ ފައިސާގެ ޑިނޯމިނޭޝަންތަކާ ކުޅުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަކާ މެދު ވީހައި ބޮޑަކަށް ވިސްނުމެވެ. އަޅުގަނޑުމެން ދިވެހީން، ހަމަ ކޮންމެ ކަމެއްގައި ވެސް، ވިސްނުމެއް ފިކުރު ކުރުމެއް ދިރާސާތައް ކުރުމެއް ނެތި، ހަވާޔަށް ނިންމުންތައް ނިންމަމުން ގެންދާން ވީތޯއެވެ؟
1000 ރުފިޔާގެ ނޫޓުގެ ޒަރޫރަތެއް ނެތް
ދިވެހިރާއްޖޭގައި އެންމެ ގިނައިން ފައިސާ ގެންގުޅޭ މާލޭގައި ވެސް، ފިހާރައަކުން އެއްޗެއް ގަނެފައި 500 ރުފިޔާ ދީފި ނަމަ، އެ ނޫޓު "ބޮޑު ވެގެން" މާރު ނުކުރެވުމުގެ މައްސަލަ އަކީ އާއްމު މައްސަލައެކެވެ. ޓެކްސީ ޚިދުމަތް ކަހަލަ ޚިދުމަތަކަށް 500 ރުފިޔާ ދީފި ނަމަ ޑްރައިވަރުން ގިނަ ފަހަރު ތިބެނީ މާރު ކުރުމުގެ މައްސަލައިގައި ހިތްހަމަނުޖެހިފައެވެ. މާލޭގެ އެންމެ ބޮޑެތި ފިހާރަތަކުން ވެސް، 500 ރުފިޔާ މާރު ކޮށްދިނުމަށް ބައެއް ފަހަރު ފަސް ޖެހެއެވެ.
ކަން މިހެން އޮތް އިރު، އާއްމު މުއާމަލާތުތަކުގައި 1000 ރުފިޔާ ފަދަ ބޮޑު ޑިނޯމިނޭޝަނެއްގެ ޒަރޫރަތް ފެންނަނީ ކޮން ތަނަކުން، ކޮން ގޮތަކަށް ބާވައެވެ!
ފައިސާގެ ބޮޑެތި ޑިނޯމިނޭޝަންތައް ނެތުމުގެ ސަބަބުން އާއްމު މުއާމަލާތުތަކަށް ދަތި ވުމުގެ މައްސަލަ ދިމާ ވެފައި ވާ ގައުމުތަކަކީ، ހައިޕަރ އިންފްލޭޝަން ނުވަތަ ބޮޑުލާދައިގެ ސަބަބުން އަގުތައް އިންތިހާޔަށް އުފުލި، ފައިސާގެ ކުދި ޑިނޯމިނޭޝަންތަކުގެ އަގު މުޅީން ނެތިފައި ވާ ގައުމުތަކެވެ. އެންމެ ރަނގަޅު އެއް މިސާލަކީ އިންޑޮނީޝިޔާއެވެ. އިންޑޮނީޝިޔާގައި 500 ގުރާމުގެ ޕާނެއްގެ އަގަކީ ގާތްގަނޑަކަށް 12490 ރުޕިއާއެވެ. އެއް ކިލޯ ހަނޑުލުގެ އަގަކީ ގާތްގަނޑަކަށް 10100 ރުޕިއާއެވެ. ކަސްރަތުޚާނާއަށް މަހަކު ދައްކާން ޖެހޭ ފީ އެވްރެޖްކޮށް ހުރީ 362900 ރުޕިއާއަށް ވުރެ މަތީގައެވެ. އިންޑޮނީޝިޔާގައި ޕާނެއް ގަންނާން 5 ރުޕިއާގެ ނޫޓުން ފައިސާ ދައްކާ ނަމަ، ފައިސާ ދެއްކޭނީ 2400 އަށް ވުރެ ގިނަ ނޫޓުންނެވެ. ވީމާ، އިންޑޮނީޝިޔާގައި 5 ރުޕިއާގެ ނޫޓު ގެންގުޅުން ވާނީ މީހުންނަށް ކުރިމަތި ވާ ނުހަނު ބޮޑު ތަކުލީފަކަށެވެ. ނަތީޖާއެއްގެ ގޮތުން، 5 ރުޕިޔާ ގެންގުޅޭކަށް މީހުން ބޭނުމެއް ނުވެއެވެ. އެހެންކަމުން، 5 ރުޕިޔާގެ ނޫޓުގެ ޑިނޯމިނޭޝަން އިންޑޮނީޝިޔާގައި ގެންގުޅުމަކީ މާނަ ހުރި ކަމަކަށެއް ވެސް ނުވެއެވެ.
އެހެން ނުކުތާއެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެއަކީ ފަހުގެ ތާރީޚުގައި، ނުހަނު ހަލުވި ދުވެއްޔެއްގައި "ކޭޝްލެސް" ވަމުން އައިސްފައި ވާ މުޖުތަމައެކެވެ. ފައިސާގެ މުއާމަލާތްތަކުގެ ކުރިމަގު އޮތީ ވެސް "ކޭޝްލެސް" ކުރުމުގައެވެ. ރާއްޖޭގެ އާބާދީ އެއްފަސް ވަމުން ދާ ވަރަކަށް، "ކޭޝްލެސް" މާލީ ސަގާފަތް ދާނީ އިތުރަށް ފެތުރެމުން ވަރުގަދަ ވަމުން ވެސް މެއެވެ. ވީ އިރު، 1000 ރުފިޔާގެ ނޫޓު ތައާރަފު ނުކޮށްގެން، ކުރިމަގުގައި އާއްމުންނަށް އެއްވެސް ތަކުލީފެއް ޖެހިދާނެ ވާހަކަ އަކީ ކުޑަކުދީން ދައްކާ ޒާތުގެ ވާހަކައެއް ކަމަށް ނޫނީ އަޅުގަނޑަކަށް ނުފެނެއެވެ.
ކުރީން ވެސް ދެންނެވިފައި ވާނެ ފަދައިން، ފައިސާގެ ނޫޓުގެ ކުދި ޑިނޯމިނޭޝަންތައް އުވައިލުމާއި، ބޮޑެތި ޑިނޯމިނޭޝަންތައް ތައާރަފު ކުރުމަކީ އެ ގައުމެއްގައި ލާދަ އެބައޮތް ކަމުގެ ނިޝާނެއް ކަމަށް އާއްމުކޮށް ބެލެވެއެވެ. އިގުތިސާދީ އިލްމުވެރީން ވިދާޅުވެދެއްވާ ފަދައިން، ގައުމަކަށް ލާދަ ކުރިމަތި ވާ އެންމެ މައިގަނޑު އެއް ސަބަބަކީ، ލާދަ އެބައޮތް ކަމުގެ ވިސްނުން އާއްމުންގެ ތެރޭގައި ފެތުރުމެވެ. "ޕަބްލިކް ޕަރސެޕްޝަން" އެވެ.
އެމެރިކާގެ ޔުނިވަރުސިޓީ އޮފް ޝިކާގޯއިން ނެރޭ "ޖާރނަލް އޮފް ޕޮލިޓިކަލް އިކޮނޮމީ" ގައި 1976 ވަނަ އަހަރު ލިޔުއްވަމުން، އެކަޑީމިއާ ސިނީކާ އެންޑް ނެޝަނަލް ޔުނިވަރުސިޓީ އޮފް ޓައިވާންގެ ޕްރޮފެސަރ ޝައު ނާން ޝެން ވިދާޅުވެފައި ވާ ގޮތުގައި، ޑިނޯމިނޭޝަންތައް ނެރުމުގެ ޒަރޫރަތެއް ޓައިވާނުގައި އުފެދުމުން ވެސް، އެފަދަ ޑިނޯމިނޭޝަނެއް ނެރެން އެ ގައުމުގެ މަރުކަޒީ ބޭންކުން އިންކާރު ކުރިއެވެ. އެއީ، ފައިސާގެ ބޮޑު ޑިނޯމިނޭޝަނެއް ނެރުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ފައިސާގެ އަގާ މެދު ޝައްކު އުފެދި، ލާދައިގެ މައްސަލަ ބޮޑު ވެދާނެތީއެވެ.
ޓައިވާން ކަހަލަ ގައުމުތައް އިގުތިސާދީ ގޮތުންނާއި މާލީ ގޮތުން ތަރައްގީ ވީ އެމީހުންގެ ފައިސާއާ މެދު މިހައި ވަރަށް ފަރުވާތެރި ވެގެންނެވެ.
ކަޅު ފައިސާ އާއި ވަގު ފައިސާ
އިންޑިޔާ އަކީ ފައިސާގެ އަގު ރާއްޖެއަށް ވުރެ ދަށް ގައުމެކެވެ. ޓެކްނޮލޮޖީގެ ބޭނުން ކުރުން ނިސްބަތުން ރާއްޖެއަށް ވުރެ އެތައް ގުނައެއް މަދު ގައުމެކެވެ. ބޮޑެތި މުއާމަލާތުތަކުގައި ވެސް، ނަގުދު ފައިސާ ބޭނުން ކުރުން ރާއްޖެއަށް ވުރެ އިންޑިޔާގައި ނިސްބަތުން ވެސް ގިނައެވެ. އެކަމަކު، މިހާރު ވެސް އެ ގައުމުގެ އިގުތިސާދީ މާހިރުންގެ އެތައް ބޭފުޅުންނެއް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ 1000 ރުޕީ އާއި 500 ރުޕީގެ ނޫޓު އުވައިލުމަށެވެ.
އެއްވެސް މާލީ ތަޖުރިބާކާރަކު އިންކާރު ނުކުރާނެ ފަދައިން، ފައިސާގެ ނޫޓުގެ ބޮޑު ޑިނޯމިނޭޝަންތައް ހުރުމަކީ ކައުންޓަރފީޓް ނުވަތަ ވަގުނޫޓަށް ހުޅުވޭ ބޮޑު ދޮރޯށްޓެކެވެ. 50 ރުފިޔާގެ ވަގު ފައިސާ ޖަހާ ނަމަ، އެއް މިލިއަން ރުފިޔާ ހަމަ ކުރުމަށް ޓަކައި 20000 ނޫޓު ޖަހާން ޖެހެއެވެ. އެކަމަކު، 1000 ރުފިޔާގެ ނޫޓުގެ ޑިނޯމިނޭޝަން ހުންނަ ނަމަ، އެންމެ 1000 ވަގު ނޫޓު ޗާޕު ކޮށްގެން، އެއް މިލިއަން ރުފިޔާ ހަމަ ކުރެވޭނެއެވެ. ހަމައެހެންމެ، ވަގުނޫޓެއް ޖެހުމުގެ އަގަކީ 10 ނަމަ، 50 ރުފިޔާގެ ވަގުނޫޓެއް ޖަހައިގެން ފައިދާއަށް އޮންނާނީ 40 އެވެ. އެއާ ޚިލާފަށް 1000 ރުފިޔާގެ ނޫޓެއް ޗާޕް ކުރުމުން، ފައިދާއަށް 990 އޮންނާނެއެވެ. ވީމާ، ބޮޑެތި ޑިނޯމިނޭޝަންތަކުގެ ނޫޓު ތައާރަފު ކުރުމަކީ، ވަގުނޫޓު ޖަހާ މީހުންނަށް ޚަރަދު ކުޑަ ކޮށްދީ، ވަގުތު ސަލާމަތް ކޮށްދީ، މަސައްކަތް ލުއި ކޮށްދީ، ފައިދާ ބޮޑު ކޮށްދިނުމެވެ. ދުނިޔޭގެ ކޮންމެ ގައުމަކަށް ބެލިޔަސް، ވަގުނޫޓު އާއްމުކޮށް ޖަހަނީ އެންމެ މަތީ ޑިނޯމިނޭޝަނުގެ ނޫޓުގެއެވެ.
ޕޮލިމާރ ނޫޓަކީ އޭގެ ވަގުނޫޓު ހަދާން ވަރަށް އުނދަގޫ އަދި ޚަރަދު ބޮޑު ނޫޓެއް ކަމަށް ބުނެވެއެވެ. ނަމަވެސް ވަގުން ގޮތް ހުސް ވެގެން ހަތިޔާރު ބެހެއްޓި ވާހަކަ ދުވަހަކު ވެސް އެއްސެވީމުތޯއެވެ؟
ދެން އޮތީ ކަޅު ފައިސާގެ ސުވާލެވެ. ކަޅު ފައިސާއޭ މި ދަންނަވަނީ، ޣައިރުޤާނޫނީ ބޭނުންތަކަށް ޚަރަދު ކުރެވޭ ފައިސާއަށެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި އާއި، ރިޝްވަތު ފަދަ ކަންކަމަށް ހޭދަ ކުރެވޭ ފައިސާއަށެވެ. ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް، ކަޅު ފައިސާގެ މުޢާމަލާތްތައް އާއްމު ގޮތެއްގައި ކުރެވެނީ ބޭންކުތައް މެދުވެރި ނުކޮށް، ނަގުދު ފައިސާއިންނެވެ. އެފަދަ މުއާމަލާތްތަކަކީ ވީހައިވެސް ސިއްރިޔާތުގައި، ރެކޯޑު ފެންނާން ނުހުންނާނޭ ގޮތަށް ކުރާ މުއާމަލާތްތަކަކަށް ވާތީއެވެ. ނަގުދު ފައިސާއިން މުއާމަލާތް ކުރުމުން، ޓެކުހުގެ ބުރައިން ވެސް ސަލާމަތް ވެވޭތީއެވެ. ފައިސާގެ ބޮޑެތި ޑިނޯމިނޭޝަންތައް ހުރުމަކީ ކަޅު ފައިސާގެ މުޢާމަލާތުތަކަށް ވެސް ވަރަށް ބޮޑު ފަސޭހައެކެވެ. އެއީ، ނަގުދު ފައިސާ ގެންގުޅުމުގައި، ބޮޑެތި ޑިނޯމިނޭޝަންތައް ހުރުމުން، ފައިސާ ގެންގުޅޭން ލުއި ވެފައި ފަސޭހަ ވާތީއެވެ. ރިޝްވަތުގެ ގޮތުގައި 1 މިލިއަން ރުފިޔާ ދޭން 500 ރުފިޔާގެ ނޫޓު ގެންދާ ނަމަ، ބޭނުން ވާ ދަބަހަށް ވުރެ ދެގުނަ ކުޑަ ދަބަހަކުން، 1000 ރުފިޔާގެ ނޫޓުން ހަމަ އެ އަދަދު ގެންދެވޭނެ ނޫންތޯއެވެ؟
މި މައްސަލައާ ބެހޭގޮތުން ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި، މާލީ އަދި އިގުތިސާދީ މާހިރުން އެތައް ދިރާސާތަކެއް ކުރައްވައިފައި ވެއެވެ. އެފަދަ އެއް ދިރާސާ އަކީ އިންޑިޔަން އިންސްޓިޓިޔުޓް އޮފް މެނެޖްމަންޓް، ބޭންގަލޯރުގެ ޕްރޮފެސަރ އޮފް ފައިނޭންސް އާރް. ވެއިދްޔަނާތަން ކުރެއްވި ދިރާސާއެކެވެ. އެ ދިރާސާއަށް ފަހު، އޭނާ ވިދާޅުވެފައި ވަނީ އިންޑިޔާގައި އަހަރަކު ކުރެވޭ އެތައް ބިލިއަން ރުޕީއެއްގެ ކަޅު ފައިސާގެ މުއާމަލާތްތައް މުޅީން ހެން ކުރަނީ 1000 ރުޕީގެ ނޫޓުން ކަމަށާއި، ކަޅު ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ޓަކައި އަޅާން ޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ 1000 ރުޕީގެ ނޫޓު އުވައިލުން ކަމަށެވެ.
ވަރަށް ސާފެވެ. 5 ރުފިޔާގެ ނޫޓު އުވައިލައި، 1000 ރުފިޔާގެ ނޫޓު ތައާރަފު ކުރުމުގެ އެއްވެސް ޒަރޫރަތެއް ނެތެވެ. އެއާ ޚިލާފަށް، އެ ދެ ނޫޓު ޑިނޯމިނޭޝަން އުވައިލުމުން ނުކުންނާނެ ކަމަށް ފެންނަނީ މުޅީން ވެސް ގޯސް ނަތީޖާތަކެވެ.
ގައުމެއްގެ ފައިސާގެ މައިބަދަ އަކީ، އެ ފައިސާއަށް ބާރު ލިއްބައިދޭ ވަސީލަތަކީ އެ ގައުމެއްގެ އިގުތިސާދީ އުފެއްދުންތެރިކަމާއި އިގުތިސާދުގެ ބާރެވެ. ރާއްޖެއަކީ އުފެއްދުންތެރިކަން ނުހަނު ދަށް، ވަރަށް ނާޒުކު އިގުތިސާދެއް އޮތް ގައުމެކެވެ. އިގުތިސާދު ވަރުގަދަ ކުރުމުގެ މަޝްރޫޢުތަކެއް ސަރުކާރުން ފައްޓަވައިފައި ވިޔަސް، އެ މަޝްރޫޢުތައް އަދި ނުފޯދެއެވެ. ވީމާ، މި ވަގުތަކީ ދިވެހި ފައިސާގެ ޑިނޯމިނޭޝަންތަކާ ކުޅުމުގެ ވަގުތެއް ނޫނެވެ.
އެމްއެމްއޭއިން އަދާ ކުރާން ޖެހޭ އެތައް ޒިންމާތަކެއް އެބަހުއްޓެވެ. ވިސްނަވާން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މެނޭޖްމަންޓުގެ ކަންތައް އޮތީ ކޮން ގޮތަކަށް، ކޮން ހާލެއްގައިތޯއެވެ؟ ކީސާ ޕްރޮޖެކްޓް ކޮބައިތޯއެވެ؟ ދިވެހިރާއްޖޭގައި ދިވެހި ފައިސާއަށް ލިބޭން ޖެހޭ ފުރިހަމަ ހައިސިއްޔަތާއި މަގާމު ނުލިބި، ރުފިޔާއަށް ވުރެ ހުރިހާ ގޮތަކުން ބާރުގަދަ ފައިސާއެއްގެ ގޮތުގައި ރާއްޖޭގެ އެތެރޭގެ އާއްމު މުއާމަލާތުތަކުގައި އެމެރިކާ ޑޮލަރު ބޭނުން ކުރެވޭ މައްސަލަ ކޮބައިތޯއެވެ؟ މިކަހަލަ އެތައް ކަންތައްތަކެއް އެމްއެމްއޭގެ މަސައްކަތްތަކުގެ ލިސްޓުގައި ވަނިކޮށް، އެކަންކަމުގެ ފޯކަސް އެއްފަރާތް ކުރައްވައި، ބޭކާރު ކަންކަމަށް އެމްއެމްއޭގެ ފަންނީ އަދި އިލްމީ ގާބިލިއްޔަތާއި ވަގުތާއި ވަސީލަތްތައް ހޭދަ ނުކުރައްވާށެވެ. ގައުމުގެ ގާބިލުކަމާ ނުބައްދަލު ހިރާސްތައް ނަންގަވައިގެން، ގައުމީ އިގުތިސާދާއި ރައްޔިތުންގެ މާލީ މުސްތަގުބަލުން ޖުވާ ކުޅުއްވާން ނޫޅުއްވާށެވެ.