އެންމެ ދެކެން ބޭނުން ވަނީ އޯގާތެރިކަމާއި ހިނިތުންވުމާ އެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ދުވަހެއް އައުން ކަމަށާއި އެއީ އައިޖީއެމްއެޗްގެ މެނޭޖުމަންޓުގެ މައިގަނޑު އަމާޒު ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުގެ ތަރައްގީއާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފަރުހަތު ވިދާޅުވީ އައިޖީއެމްއެޗުގެ މޫނު މަތީގައި ގިނަ އަދަދެއްގެ ލަށްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މިއަދު އައިޖީއެމްއެޗުގެ މެނޭޖުމަންޓުން ކުރަމުންދާ މަސައްކަތަކީ އެ ލަށްތައް ފިލުވާ އައިޖީއެމްއެޗުންދޭ ހިދުމަތަކީ ރައްޔިތުން ހިތްހަމަޖެހޭ ފަދަ ހިދުމަތަކަށް ހެދުން ކަމަށް ފަރުހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިޖީއެމްއެޗުގެ މެނޭޖުމަންޓުގެ އެ އަމާޒަކީ އަވަސް މުސްތަގުބަލެއްގައި އެތަނަކީ ރައްޔިތުން އިތުބާރު ކުރާވަރުގެ ތަނަކަށް ހަދާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.
"އެކަން ކުރަން އަޅުގަނޑުމެން އެންމެ ބޮޑަށް އަމާޒު ހިފާފައި މި ތިބީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ގޮތަށް އެކަން އެގޮތަކަށް ނުދޭ. އަޅުގަނޑުމެންނަށް އެކަން އެގޮތަށް ކުރެވެން އޮތީ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން. އަޅުގަނޑުމެން އެއްހާހަށް ވުރެ ގިނަ މުވައްޒަފުން ކުރަމުން މިދާ މަސައްކަތަކީ އޯގާތެރި ހިތްހެޔޮ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ފަރުހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދާ ހަމައަށް އެކަން ކުރެވިފައި ނުވެ އޮތީ އެންމެން އެކީގައި ގުޅިގެން މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެކަން ފެނިގެން ދާނެ ކަމަށެވެ.
ހިދުމަތް ރަނގަޅު ކުރަން، ދިވެހިން މުވައްޒަފުން ބޭނުންވޭ:
ފަރުހަތު ވިދާޅުވީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ދިވެހި މުވައްޒަފުން އައިޖީއެމްއެޗަށް ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އައިޖީއެމްއެޗަށް ބޭނުންވާ ވަރަށް އަދިވެސް ދިވެހި ނަރުހުން ލިބެމުން ނުދާ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް އަންނަ އެންމެ ގިނަ ކޮމްޕުލެއިންސް ޕޭޝަންޓުންގެ ފަރާތުން އަންނަނީ ދިވެހިންގެ ފަރާތަކުންނެއް ނޫން. ދިވެހި ނަރުހުން ވަރަށް ރަނގަޅު ކަމަށް ވަނީ. ގިނަ ފަހަރު އެފަދަ ކޮމްޕުލެއިންސް އައިސްފައި ހުންނަނީ ބޭރު ނަރުހުންގެ ފަރާތުން،" ފަރުހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރު ނަރުހުން ވަޒީފާއަށް ގެންނަނީ އެއްގޮތަކަށް ވެސް ބޭނުންވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން ބޭރުގެ ނަރުހުން އައިޖީއެމްއެޗުގައި ވަޒީފާ އަދާކުރަން ގެންނަން ޖެހެނީ އެ އަދަދަށް ދިވެހި ނަރުހުން ލިބެން ނުހުންނާތީ ކަމަށެވެ. ފަރުހަތު ވިދާޅުވީ ދިވެހި ނަރުހުން ބޭނުންވާ ވަރަށް ފެކަލްޓީއަށް ތައުލީމު ހާސިލު ކުރުމަށް ވެސް ނުދާ ކަމަށާއި އަދި ތަމްރީނު ލިބިފައި ހުންނަ ނަރުހުން ވަޒީފާ އަދާ ކުރަން ބޭނުން ނުވާ ކަމަށެވެ.
"އެކަމުގައި ވެސް އެބަހުރި ޗެލެންޖުތަކެއް. އެންމެ ބޮޑު އެއް ކަމަކީ މުސާރައިގެ އިޝޫ. އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުގައި ދެތިން ހަތަރު ސަރުކާރެއްގައި އެބޭފުޅުން [ނަރުހުން]ގެ މުސާރަ ބޮޑުނުވެ، ޑޮކްޓަރުންގެ މުސާރަ ބޮޑުވެގެން ހިނގައްޖެ. އެ ޝަކުވާ އަޅުގަނޑުމެން މެނޭޖުމަންޓަށް ލިބެމުން ދަނީ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ނިންމަވާފައި އޮތީ މި އަހަރުގެ ތެރޭގައި ނަރުހުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމަށް. އެ އުއްމީދުގައި އަޅުގަނޑުމެން މެނޭޖުމަންޓުން ވެސް އަދި ނަރުހުން ވެސް މިތިބީ،" ފަރުހަތު ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވީ އެފަދަ ހެޔޮ ބަދަލުތައް އައިސްގެން ނޫނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ދަތިތަކާ ކުރިމަވާނެ ކަމަށެވެ.
މުވައްޒަފުންނަށް އިނާޔަތް އިތުރު ކުރަންޖެހޭ
ފަރުހަތުގެ ވާހަކަފުޅުގައި ވިދާޅުވީ ހެލްތު ސެކްޓާ އަކީ ވަރަށް ޕްރޮފެޝަނަލް ދާއިރާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގައި ޕްރޮފެޝަނަލް މަސައްކަތް ކުރާ އެހެން ފަރާތްތަކަށް ވެސް ދައުލަތުން ބޮޑެތި އިނާޔަތްތައް ދެމުން އަންނަ ކަމަށެވެ.
"އޭގެތެރެއިން ބޯހިޔާވަހިކަމަކީ އެންމެ ބޮޑު އެއް މައްސަލަ. އަޅުގަނޑުމެންގެ މިތަނުގައި މަސައްކަތް ކުރައްވަމުން ތިއްބެވި ނަރުހުން ޑޮކްޓަރުންނަކީ އަޅުގަނޑުމެންގެ ރަށްރަށުން އައިސް ތިއްބެވި ބޭފުޅުން. ވަރަށް ދަތިކޮށް މާލޭގައި އުޅުއްވަނީ. އަޅުގަނޑުމެން އެބަޖެހޭ އެ އިނާޔަތްތައް އެބޭފުޅުންނަށް ފޯރުކޮށްދޭން. މި ވަޒީފާގައި މީހަކަށް ހަމަޖެހިގެން އަދި އޯގާތެރިކަމާއި ހަމްދަރުދީއާ އެކު މީހަކަށް ހިދުމަތްކުރަން ތިބޭ ބަޔަކު އެ މީހުން ހަމަޖެހިގެން ދެއްތޯ އަމިއްލަ ނަފްސު ހަމަޖެހިގެން ދެއްތޯ އެހެން ބަޔަކަށް ކެއާ ކުރެވޭނީ،" ފަރުހަތު ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވީ އެކަމަށް ޓަކައި ސަރުކާރާއި ހެލްތު މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފަރުހަތު ވިދާޅުވީ އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.