ކަރަންޓު އެނބުރި އައި ވަގުތު އެއްޗެއް ގޮވައި، ލަންކާގެ އެޕާޓްމެންޓެއްގައި ތިބި އެންމެން މަރުވެއްޖެ

ދެހިވަލަ ކައުދާނަ ރޯޑް: މި ސަރަހައްދުގައި ހުރި ގެއެއްގައި މިއަދު ހެނދުނު ކަރަންޓު އެއްޗެއް ގޮވުމުގެ ސަބަބުން އެ ގޭގައި ތިބި ހަތަރު މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ސޭނާނަޔަކަ ބަންޑާރަ

ކޮލަމްބޯ އިން: މާހިލް މުހައްމަދު

(ކޮލޮމްބޯ، ސްރީލަންކާ): ސްރީލަންކާއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ ތެރޭގައި މިއަދު ހެނދުނު ގެއަކުން ކަރަންޓު ކެނޑުމަށްފަހު ކަރަންޓު އައި ވަގުތު ގޭތެރޭގައި ހުރި އިލެކްޓްރޯނިކް އެއްޗެއް ގޮވައި، އެ ގޭގައި އެވަގުތު ތިބި އެންމެން މަރުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ދިވެހީން ވެސް ދިރިއުޅޭ ދެހިވަލައިގެ ކައުދާނަ ރޯޑުގައި ހުންނަ ތިން ބުރީގެ އެޕާޓްމަންޓެއްގައި މިފަދަ ހާދިސާއެއް ހިނގީ މިއަދު ހެނދުނު އެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އިމާރާތުގައި ދިވެހި އާއިލާއެއް ވެސް ދިރިއުޅެ އެވެ. ނަމަވެސް މިކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ދެހިވަލަ އަށް މިއަދު ހެނދުނު ކަރަންޓު ކެނޑުނީ 8:00 ގަ އެވެ. އަދި ކަރަންޓު އެނބުރި އައީ 10:00 ގަ އެވެ.

މިއަދު ހެނދުނު ކަރަންޓު އެނބުރި އައި ވަގުތު، ހައި ވޮލްޓޭޖުގައި ކަރަންޓު އައުމުގެ ސަބަބުން، ކައުދާނަ ރޯޑުގައި ހުރި ތިން ބުރީގެ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓުގެ އިލެކްޓްރޯނިކް އާލާތެއް ގޮވައި، އެ ގޭގައި އެވަގުތު ތިބި ހަތަރު މީހަކު ވަނީ ކަރަންޓުގައި ޖެހި މަރުވެފަ އެވެ.

ދެހިވަލަ ޕޮލިސްއިން މައުލޫމާތު ދޭ ގޮތުގައި، މަރުވެފައި ވަނީ އެ 65 އަހަރުގެ ފިރިހެނަކާއި، އޭނާގެ 52 އަހަރުގެ އަނބިމީހާއާއި، އެ ދެމަފިރިންގެ 13 އަހަރުގެ ދަރިފުޅާއި، އެ ގޭގައި އެވަގުތު ހުރި، އެ އާއިލާއަށް ނިސްބަތްވާ 13 އަހަރުގެ އެހެން އަންހެން ކުއްޖެކެވެ.

މަންޒަރު ދުށް ބައެއް މީހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، މިއަދު ހެނދުނު ކަރަންޓު އެނބުރި އައި ވަގުތު އެ އިމާރާތުގެ އެންމެ މަތީގައި ހުންނަ އެޕާޓްމެންޓުން އެއްޗެއް ގޮވުމާއި އެކު، ތިންވަނަ ފަންގިފިލާއިން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަ އެވެ. އެ ސަރަހައްދަށް މިރޭ ޒިޔާރަތް ކުރި "ސަން"ގެ ނޫސްވެރިންނަށް ވެސް ފާހަގަވި ގޮތުގައި، އެ އިމާރާތުގެ ތިންވަނަ ފަންގިފިލާ ނޫން އެހެން ފަންގިފިލާތަކުގައި ކަރަންޓާއި އަލިކަން ހުއްޓެވެ.

ކައުދާނަ ރޯޑުގައި ހުންނަ މި އިމާރާތް ކައިރީގައި މިއަދާއި މިރޭވެސް ގިނަ އަދަދެއްގެ މީހުން ޖަމާވެފައި އޮތެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި، މިއަދު ހެނދުނު މި ހިތާމަވެރި ހާދިސާ ހިނގުމާއި އެކު، މަރުވި އެއް އަންހެން ކުއްޖެއްގެ ހަށިގަނޑު މަގުމައްޗަށް ވެއްޓިފައި އޮތެވެ.

ނަމަވެސް ދެހިވަލަ ޕޮލިސްއިން ބުނާ ގޮތުގައި، މަރުވި ހަތަރު މީހުންގެ ހަށިގަނޑު ވެސް ފެނިފައި ވަނީ އެޕާޓްމެންޓުގެ ތެރެއިންނެވެ. ދެހިވަލަ ޕޮލިސްއިން މި ހާދިސާ މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ.

ސްރީލަންކާގެ ގައުމީ ކަރަންޓު ވިއުގައަށް މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު ދިމާވި މައްސަލައަކާ ގުޅިގެން، އެމައްސަލަ ހައްލު ކުރެވެންދެން ގަވައިދުން ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއްގައި، ސްރީލަންކާގެ އެއްވެސް ސަރަހައްދެއް އިސްތިސްނާ ނުވާނެ ގޮތަކަށް ކަރަންޓު ކަނޑަން ސިލޯން އިލެކްޓްރިސިޓީ ބޯޑުން ވަނީ ނިންމައިފަ އެވެ.

ސީއީބީއިން ލަފާކުރާ ގޮތުގައި، މި ހަފްތާ ބަންދަށް ފަހު ކަރަންޓުގެ މައްސަލަ މުޅިން ހައްލު ވާނެ އެވެ.

comment ކޮމެންޓް