ހިޔާނާތުގެ މައްސަލަތައް ބެލުމަށް ފަސް މެންބަރުންގެ ކޮމެޓީއެއް އެކުލަވާލައފި

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކޮރަޕްޝަން މައްސަލަތަކުގެ އިތުރުން މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅިފައިވާ ކޮރަޕްޝަނުގެ ހުރިހާ މައްސަލައެއް ބެލުމަށް އެ ކޮމެޓީގެ ހުރިހާ މެމްބަރުން އެއްބަސްވެ، ފަސް މެންބަރުންގެ ސަބް ކޮމެޓީ އެއް ނަގައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި މެމްބަރުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މައްސަލައެއް ބަލަން ޖެހޭނީ މީހަކު ކޮމެޓީ އަށް މައްސަލައެއް ހުށަހަޅައިގެން ނޫން ކަމަށެވެ.

އެހެންކަމުން މެމްބަރުން މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އިއްތިފާގުވީ ކޮމެޓީ އަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅޭ ހުރިހާ މައްސަލައެއް ބެލުމަށެވެ. އެގޮތުން އެކަމަށް ހާއްސަ ފަސް މެމްބަރުންގެ ކޮމެޓީ އަށް މިއަދު ވަނީ އެކުލަވާލައިފަ އެވެ.

ފަސް މެމްބަރުންގެ ސަބް ކޮމެޓީ:

  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)
  • ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު (ޕީޕީއެމް)
  • ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު (ޖޭޕީ)
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު (އެމްޑީއޭ)
  • ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (ޕީޕީއެމް)

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ވިލުމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވަނީ ހުރިހާ މެމްބަރުންނަށް ވެސް މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކުމަށް ފުރުސަތު ދެއްވާފަ އެވެ.

އެ ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޮރަޕްޝަނުގެ އެފަދަ މައްސަލަތައް ދެފުށް ފެންނަ ގޮތަކަށް ނިންމަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މާލިއްޔަތު ކޮމެޓީ އަކީ މުހިއްމު މަސައްކަތެއް މަތިކޮށްފައިވާ ކޮމެޓީއެއް ކަމަށާއި އެ ކޮމެޓީގެ މަސައްކަތް ވެސް ދުފުށް ފެންނަ ގޮތަކަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ ކުންފުންޏަކަށް ނުވަތަ އިދާރާއަކަށް ވަންނަން ޖެހޭ ފައިސާއެއް ނުވަދެ ވަނީ ދައުލަތުގެ މާލިއްޔާގެ ސަބަބުންތޯ ނުވަތަ ގާނޫނުގައި ހުރި ދޯދިޔާ ކަމެއްގެ ސަބަބުންތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހިޔާނާތުގެ އެފަދަ މައްސަލައެއް ދެވަނަ ފަހަރަށް ހިނގާ ނުދިއުމަށް ޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.

"މިއަށް ވުރެ މާ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ވެސް މި ގައުމުގައި ހިނގާފައި އެބަހުރި، އެފްޕީއައިޑީގެ ކޮރަޕްޝަނުގެ މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް ވުރެ މާ ބޮޑު ހިޔާނާތުގެ މައްސަލައެއް. އެކަމަކު އަޅުގަނޑު ވަރަށް ކެރި ހުރެ ދަންނަވަން އޭރު އަޅުގަނޑުމެން [މަޖިލީހުން] އެޅި ފިޔަވަޅުގެ ސަބަބުން ބަޔަކު ކުށްވެރި ނުވި ނަމަވެސް، ގައުމީ ސަލާމަތަށް ޓަކައި ތަހުގީގީ އިދާރާއަކަށް ބަޔަކު ނުފޮނުވި ނަމަވެސް، ރާއްޖޭގެ ރައްޔިތުންގެ އަތުން ގެއްލިގެން ދިޔަ ރުފިޔާއެއް ސަލާމަތް ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކޮށްފައި ވަނީ. މިސާލަކަށް ރާއްޖޭގެ މަސްވެރިންގެ އަތުން ކައްޓާތައް ނުބައިކޮށްގެން 30 ޕަސެންޓު ނަގަމުން ދިޔައީ. އެ 30 ޕަސެންޓު ދެން ނުގެއްލޭ ގޮތަށް އަޅުގަނޑުމެން ކަންކަން އިސްލާހު ކުރީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިއަދު މަހުގެ އަގު ރަނގަޅުވެފައި ވަނީ އޭރު އެޅި އިސްލާހުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތް ވެސް ހިނގައި ދިޔަ މައިގަނޑު ސަބަބު ވަރަށް ސާފުކޮށް ބަލަން ޖެހޭ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރުން ބޭނުން ނުވެ ނުހުންނާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ކޮރަޕްޝަނުގެ މައްސަތައް ބަލަން ޖެހޭނީ ވަކި މެމްބަރަކު ކޮމެޓީ އަށް މައްސަލައެއް ހުށަހަޅައިގެން ނޫން ކަމަށެވެ.

"ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނުގެ މައްސަލަތައް ހުންނާނެ. އެކަމަކު ހިތާމައަކީ އެއްވެސް ސަރުކާރެއްގައި ހުރި ވެރިއަކަށް އެ ކޮރަޕްޝަނުގެ މައްސަލަތައް އެބޭފުޅެއްގެ ވެރިކަމުގައި ބަލާކަށް ނުކެރެނު،" ރިޔާޒު ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ހިނގާފައިވާ ހިޔާނާތުގެ ބައެއް މައްސަލަތައް ފެންމަތިކޮށްފަ އެވެ. އަދި އެ މައްސަލަތަކުގެ ވާހަކަވެސް މިއަދު ދައްކަން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

comment ކޮމެންޓް