ޕިއްޒާބޯނާގެ ޕިއްޒާ ކާހިތްވޭތަ؟ މިހާރު ޑެލިވަރީއަށް މަޑުކުރާކަށް ނުޖެހޭނެ!

ޕިއްޒާބޯނާ އިން ޕިއްޒާ ކެއުމަށް ހާއްސަކޮށް މިރޭ ހުޅުވިތަން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މީގެ ކުރިން ޕިއްޒާއެއް ކާލަން ބޭނުން ނަމަ ޖެހެނީ ޑެލިވަރީއަށް ގުޅައިގެން އޯޑަރު ކުރާށެވެ. ޓްރެފިކް ބާރުބޮޑު ގަޑިއެއްނަމަ 45 މިނިޓްވަންދެކަށެވެ. ވިއްސާރަ ދުވަހެއްގައި ގޭގައި އިނދެ ޕިއްޒާއެއް ކާލަން ކިތަންމެ ބޭނުން ވިޔަސް ގަޑިއެއްހާ އިރު ނުވެ ޕިއްޒާ ފޮއްޗެއް ލިބޭނެ ގޮތެއް ނޯވެ އެވެ. ގިނަފަހަރަށް ޕިއްޒާއެއް ލިބޭއިރު އޮންނާނީ ނިދިއައިސްގެން ވިޔަސް ކާހިތް ކެނޑިފަ އެވެ.

މިގޮތަށް ޕިއްޒާބޯނާގެ ޕިއްޒާއެއް ނޫނީ ކާލަން ބޭނުން ނުވާ އެތައް ބަޔަކު ރާއްޖޭގައި ވެސް އުޅެއެވެ. ނަމަވެސް ޑެލިވަރީ އިން ޕިއްޒާ ގޭދޮރުމައްޗަށް ގެނެސްދެންދެކަށް މަޑުކޮށްލެވޭ ވަރެއް ނުވެއެވެ. އެކަމަށް މިހާރު މިއޮތީ ހައްލެއް ލިބިފަ އެވެ. ޕިއްޒާ ބޯނާ އިން މިހާރު ވަނީ ރެސްޓޯރެންޓެއްގެ ސިފައިގައި ޕިއްޒާ ކެއުމަށް ހާއްސަ ތަނެއް މާލޭގައި ހުޅުވާފަ އެވެ.

"ޕިއްޒާ ބޯނާ" ގެ ނަމުގައި، އަލަށް ހުޅުވިތަން ހުންނަނީ މަޖީދީ މަގުން ސޯސަން މަގާ ގުޅޭ ކަންމަތީގައި ހުންނަ ޖީކޭޓީ ފާމަސީއާ އިންވާގޮތަށެވެ. މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ ދާދިފަހުން ކަޓަމަރެންއެއްގައި ރާއްޖެ ވަށައިގެން ބުރެއްޖެހިކަމުގެ ޝަރަފް ހޯދާފައިވާ އަބްދުލް ގަފޫރު އަލީ (ގައްބެ) އެވެ.

"ޕިއްޒާ ބޯނާގެ ޕިއްޒާ ކާހިތްވޭ ވަރަށް. ޕިއްޒާއެއްގެ ރަހަ ހުންނަނީ މިތަނުގެ ޕިއްޒާގަ، އެކަމަކު މައްސަލައަކަށް ވަނީ ޑެލިވަރީ އަންނަންދެން މަޑުކޮށްނުލެވޭތީ. އެކަމަކު މިހާރު ދެން ގޭގައި އޮވެފައި ހަމަ ކާލާ ހިތްވާއިރަށް އަންނަންވީތާ ދޯ. ވަރަށް ސަޅި،" ޕިއްޒާ ބޯނާ ހުޅުވިއިރު އެތަނުގައި ހުރި މީހަކު ބުންޏެވެ.

ޕިއްޒާބޯނާގެ ޑިރެކްޓަރު ހުސައިން ހާލީ ވިދާޅުވީ، ޕިއްޒާ ކެއުމަށް ހާއްސަތަނެއް ހުޅުވިގެން ދިއުމަކީ އެއީ އެތަނުގެ ކަސްޓަމަރުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޕިއްޒާ ބޯނާގެ ހިދުމަތްތައް މިހާރަށްވުރެ ވެސް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހާލީ ވިދާޅުވީ އެފަދަ އިތުރު ތަންތަން ހުޅުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އޭގެ އިތުރުން ޑެލިވަރީގެ ހިދުމަތް އިތުރަށް ފުޅާކޮށް، ވީހާވެސް އަވަހަށް ކަސްޓަމަރުންނަށް ޕިއްޒާ ލިބޭނެގޮތް ހައްދަވައިދެއްވުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް