ޗައިނާގެ އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަނީ ޕްރޮޕޯސަލްތައް މާކަމުދާތީ: މައުމޫނު

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މަައުމޫނު ވާހަކަފުޅު ދައްކަވަނީ. ސަން ފައިލްފޮޓޯ

ޗައިނާގެ އިންވެސްޓްމެންޓްތަކަށް ރާއްޖެ އިން މަރުހަބާ ކިޔަނީ އެ ގައުމުގެ ހުށަހެޅުންތައް ރަނގަޅުވީމާ ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު ޢަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިކޮނޮމިކް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވި ކަމަށް އެނޫހުން ބުނީ ރާއްޖެ އޮތީ ހުރިހާ ގައުމަކަށް ވެސް ހުޅުވާލާފައި ކަމަށެވެ. މައުމޫނު އެހެން ވިދާޅުވީ ސްޓްރެޓެޖިކް ގޮތުން ރާއްޖޭން ޗައިނާ އަށް އިސްކަންދޭން ފަށާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި ވާހަކަފުޅުދައްކަވަމުން ކަމަށް އެނޫހުން ބުންޏެވެ.

"އަހަރެމެން އަބަދު ވެސް ބުނަމުން މިއަންނަނީ ރަޝިޔާ އާއި ޗައިނާ ފަދަ އެހެން ގައުމުތައް ފަދައިން އިންޑިއާގެ ވިޔަފާރިވެރިންނަށް ވެސް އަހަރެމެން މަރުހަބާ ކިޔަމޭ. އެންމެންނަށް ވެސް އޮތީ ހުޅުވާލާފައި. އެކަމަކު ހުށަހެޅުންތައް ވާންވާނީ ބަލައިގަނެވޭ، ކަމުދާ ހުށަހެޅުންތަކަކަށް. އަހަރެމެންނަށް ޗައިނާގެ ހުށަހެޅުންތައް ފެނުނީ މާ ކަމުދާ ހުށަހެޅުންތަކެއްގެ ގޮތުގައި،" މައުމޫނު ވިދާޅުވިކަމަށް ނޫހުގައިވެ އެވެ.

ޗައިނާގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރާއްޖޭން ޗައިނާއަށް އިސްކަންދޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މައުމޫނު ވިދާޅުވެފައި ވަނީ ސްޓްރެޓެޖިކް ގޮތުން ރާއްޖޭގެ އެންމެ މުހިއްމު ބައިވެރިއަކީ އިންޑިއާ ކަމަށެވެ.

"އިންޑިއާ އަކީ ކުރިން ވެސް އަދި މިހާރު ވެސް ސްޓްރެޓެޖިކް ގޮތުން އިންޑިއާ އަކީ ރާއްޖޭގެ އެންމެ މުހިއްމު ބައިވެރިޔާ،" މައުމޫނު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

comment ކޮމެންޓް