ތައުލީމީ ދާއިރާގެ އިސްބޭފުޅުން އިސްލާމީ އުސޫލުތައް ގަބޫލު ނުކުރައްވާ ކަމަށް ޝައިހު އިލްޔާސް ވިދާޅުވުމުން އެޑިއުކޭޝަނުން ރައްދު ދީފި

ތައުލީމީ ދާއިރާގައި އިސްކޮށް ތިއްބެވީ އިސްލާމީ އުސޫލްތައް ގަބޫލު ނުކުރައްވާ ބޭފުޅުން ކަމަށް ޝެއިހް އިލްޔާސް ހުސައިން ދެއްކެވި ވާހަކަފުޅު އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށް ރައްދު ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އަދާލަތު ޕާޓީން ބޭއްވި ދަރުސްއެއްގައި ޝެއިހް އިލްޔާސް ހުސައިން ދެއްކެވި ވާހަކަފުޅަކީ "އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ވާހަކައެއްނޫން" ކަމަށާއި ރާއްޖޭގެ ތައުލީމުގެ މުޅި ފަލްސަފާ ބިނާވެފައި ވަނީ އިސްލާމް ދީނުގެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.

ސްކޫލްތަކުގެ އަމާޒަކީ ކީރިތި ގުރުއާނާއި ސުންނަތަށް ތަބާވާ އުސޫލްތަކުގެ މައްޗަށް މުޅި ދިރިއުޅުން ބިނާވާ އަގީދާއެއް ދަރިވަރުންގެ ހިތްތަކުގައި އުފެއްދުން ކަމަށާއި އެ އަގީދާ ވަރުގަދަ ކުރުމަށް ތައުލީމީ ދާއިރާގެ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ވެސް އެޑިއުކޭޝަން އިން ބުނެފައިވެ އެވެ.

"ސްކޫލް މަދަރުސާތަކުގެ އެންމެ އިސް އަމާޒަކީ، ކީރިތި ގުރުއާނާއި ސުންނަތަށް ތަބާވާ، އިސްލާމީ އުސޫލްތަކަކީ މުޅި ދިރިއުޅުން އޭގެ މައްޗަށް ބިނާވާ އުސޫލްތަކެއް ކަމަށް ގަބޫލުކުރާނެ، ހަރުދަނާ އަގީދާއެއްގެ މަތީގައި ސާބިތުވެ، ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތަށް އަމަލުކުރާނެ ދިވެހި ދަރިންތަކެއް އުފެއްދުމެވެ،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ދަރިވަރުންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް ސިޔާސީ ޕާޓީތަކުން އެފަދަ ވާހަކަ ދެއްކުމަކީ، އެޑިއުކޭޝަން މިނިސްޓްރީން ކަންބޮޑުވާ ކަމެއްކަމަށް ބަޔާނުގައިވެ އެވެ.

"މިފަދަ މަތިވެރި މަސައްކަތްކައެއް ތެދުވެރިކަމާ އިހްލާސްތެރިކަމާއެކު، މި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުން ކުރައްވަމުން ގެންދަވަނިކޮށް، އެފަރާތްތަކަށް ރައްދުވާ ގޮތަށް ތެދުނޫން މައުލޫމާތު ހިމަނުއްވައިގެން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަކަށް ސިޔާސީ ޕާޓީއަކުން ވާހަކަ ދެއްކުމަކީ، މި މިނިސްޓްރީން ނިހާޔަތައް ކަންބޮޑުވާ ކަމެކެވެ،" ނޫސްބަޔާނުގައި ވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އަދާލަތުން ބޭއްވި ދަރުސްގައި ޝެއިހް އިލްޔާސް ވިދާޅުވެފައި ވަނީ ތައުލީމީ ދާއިރާގައި އިސްކޮށް ތިއްބެވި ބޭފުޅުން އިސްލާމީ އުސޫލްތައް ގަބޫލު ނުކުރައްވާ ކަމަށާއި އެ ބޭފުޅުންގެ ފިކުރަކީ މާއްދިއްޔަތުން ކަންކަމުގެ ހައްލުހޯދުން ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވާހަތަކާ ގުޅިގެން ކޯޓަށް ގެންދިޔަ ނަމަވެސް އަމިއްލަފުޅަށް ވަކާލާތު ކުރައްވައި ކުރި ހޯއްދަވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު