ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް އަތުލައިގެނެ، ނުވަ މީހަކު ހައްޔަރުކޮށްފި

ޕިކަޕަކަށް އަރުވަނިކޮށް އަތުލައިގެން ބިޔަރު ދަޅުތައް --- ފޮޓޯ: ޕޮލިސް

މާލޭ ފަޅުގައި އޮތް ދޯންޏަކުން ބޭލުމަށްފަހު ޕިކަޕަކަށް އެރުވި ފޮށިގަނޑުތަކެއްގައި ހުރި ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ފުޅިތަކެއް އަތުލައިގަނެ، އެ މައްސަލައިގައި ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މާލެއަށް ބަނގުރާ އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކާއި ފުޅިތައް ފެނިފައި ވަނީ ފޮރިން މިނިސްޓްރީއާ ދިމާ ފަޅުތެރޭގައި އޮތް ދޯންޏަކުން ބާލައި ޕިކަޕަކަށް އަރުވަނިކޮށް ކަމަށެވެ.

ޕިކަޕަށް އެރުވި ފޮށިގަނޑުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު 1199 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ އިތުރުން ފޮށިގަނޑުތައް ބޭލި ދޯނިން ޑިންގީއަކަށް ބަނގުރާ ބޭލިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ޑިންގީވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެގޮތުން އެ ޑިންގީ ބަލައިފާސްކުރިއިރު 480 ފުޅި ބިޔަރު ވަނީ ފެނިފަ އެވެ.

ޕިކަޕަކަށް އަރުވަނިކޮށް އަތުލައިގެން ބިޔަރު ފުޅިތައް --- ފޮޓޯ: ޕޮލިސް

އެ މައްސަލައިގައި ނުވަ މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާ ބަންގްލަދޭޝްގެ ހަތަރު މީހެކެވެ.

ފުލުހުން ހައްޔަރު ކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ 37 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެއްގެ އިތުރުން 47 އަހަރުގެ ފިރިހެނެކެވެ. އަދި ބިދޭސީންގެ ތެރޭގައި ހިމެނެނީ 29 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށްފައިވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ހަތަރު ސެލޯފިންކޮޅުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބިޑިއެއް ވަނީ ފެނިފަ އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

comment ކޮމެންޓް