ރެހެންދި ޕްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރެހެންދި ފްލެޓު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރެހެންދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" ސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އެފްޑަބްލިޔު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި 1 ގެ އެއް ފްލެޓު އަދި ރެހެންދި 3 ގެ 10 ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރެހެންދި ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގެ ކުރިން ހައުސިން މިނިސްޓްރީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 31 ވަނަ ދުވަހުގެ 11:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ އެދިފަ އެވެ.

ޕްރޮޕޯސަލް ހުށަހަޅަން ވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ކަމަށާއި ސިޓީއުރަ ބޭރުގައި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އަދި "ޓީވީ ކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތަކުން ފްލެޓެއް ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި ވަނީ ކޮންމެ މީހެއްގެ ނަމުގައި ގަތުމަށް ހުށަހެޅޭނީ އެންމެ ފްލެޓެއް ކަމަށެވެ. ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތުގެ ނަމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުމަކީ ޝަރުތެއް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކީ ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން ފްލެޓްގެ އަގުގެ %25 ދެއްކޭނެ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ވަނީ ފްލެޓްގެ އަގު އެއްފަހަރާ ދައްކަން ހުށަހަޅާ ފަރާތްތަކަށް އެންމެ ބޮޑަށް އިސްކަންދޭނެ ކަމަށެވެ.

ފްލެޓްގެ އަގު އެއްފަހަރާ ދެއްކެން ނެތް ފަރާތްތަކުގެ ތެރެއިން ޑައުންޕޭމަންޓްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ވަނީ ޑައުންޕޭމަންޓް ދައްކަން ހުށަހަޅަންވާނީ އެއްފަހަރާ ކަމަށާއި ބާކީ ފައިސާ، ފްލެޓް ގަންނަން ހުށަހަޅާ ފަރާތުގެ ނަމުގައި ސަރުކާރަށް ދެއްކުމަށް ގެރެންޓީ ދޭ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިއުޓެއްގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި ޕޮއިންޓު ދިނުމުގެ އުސޫލުވެސް ވަނީ ހިމަނާފައެވެ.

comment ކޮމެންޓް