ރަޝިއާއާ ގަތަރަށް އެއްބާރުލުން ދޭނަން، ފުރުސަތު ދޭން ޖެހޭނީ ވަޒަން ކުރެވިގެން

ފީފާގެ ރައީސް އިންފެންޓީނޯ-- ފޮޓޯ/ އޭއެފްޕީ

ވޭތު ވެދިޔަ ދައުރު ތަކުގައި ފީފާގެ އެތެރޭގައި ކޮރަޕްޝަންގެ ޖަރީމާތައް އެންމެ ފާޅުކޮށް ހިނަގާފައި ވަނީ ވޯލްޑް ކަޕް ބިޑުކުރުމުގެ މަރުހަލާގެ ތެރެއިންނެވެ. ޚާއްސަކޮށް މިހާރު މުބާރާތް ބާއްވާ ގައުމު ކަނޑައަޅާފައިވާ ކުރިއަށް އޮތް ދެ ވޯލްޑަކަޕްގެ ބިޑު ކުރުމުގެ މަރުހަލާއާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ފީފާގެ އާ ރައީސް ޖިއާނީ އިންފެންޓީނޯގެ ވިސްނުމަކީ ކުރިއަށް ހުރި ވޯލްޑަކަޕް ބިޑިން މަރުހަލާތައް ރަނގަޅަށް ވަޒަން ކުރެވިގެން ދިއުމެވެ.

ދެހާސްއަށާރަ ވަނަ އަހަރު ރަޝީއާގައި ބޭއްވުމަށް ނިންމާފައިވާ ވޯލްޑްކަޕާއި 2022ގައި ގަތަރުގައި ބާއްވާ ވޯލްޑްކަޕް ކާމިޔާބު މުބާރާތަކަށް ހެދުމަށް އެގައުމުތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.

ކުރިއަށް ހުރި ވޯލްޑްކަޕް ބިޑް ކުރުމުގެ މަރުހަލާތައް ރަނގަޅަށް ވަޒަން ކުރެވިގެން ގެންދިއުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް އިންފެންޓީނޯ ވިދާޅުވި އެވެ.

އިންފެންޓީނޯއާ އެންމެ އަވަހަށް ޖެހޭނީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށެވެ.

އޭނާގެ ކެމްޕޭންގައި އެމެރިކާއަށް 2026 ގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށް ދެކެވިފައިވާ ވާހަކަތަކާ ގުޅޭ ގޮތުން އިންފެންޓީނޯ ވިދާޅުވީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ވަކި ޤައުމަކަށް ދިނުމަށް އޭނާ ބުނެފައި ނުވާނެ ކަމަށެވެ.

"2026 ވަނަ އަހަރުގެ ބިޑް މަރުހަލާ ހަމަ ޔަގީނުންވެސް ވަރަށް ރަނގަޅަށް ކުރިއަށް ގެންދަން ޖެހޭނެ. އޭގެ ހަމަހަމަކަން ގެއްލޭ ގޮތަކަށް އެއްވެސް ފުރުސަތެއް އަޅުގަނޑެއް ނުދޭނެނަން،" ބީބީސީއާ ވާހަކަ ދައްކަމުން އިންފެންޓީނޯ ވިދާޅުވި އެވެ.

comment ކޮމެންޓް